ބްރިޓިޝް ކޮމެޑިއަން ރަސެލް ބްރޭންޑަށް 10 އަހަރާއި 6 މަހުގެ ޖަލު ހުކުމެއް
އިނގިރޭސިވިލާތުގެ މަޝްހޫރު ކޮމީޑިއަން އަދި ޓީވީ ޕްރެޒެންޓަރު ރަސެލް ބްރޭންޑް، ރޭޕްކުރުމާއި ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެ، 10 އަހަރާއި ހަމަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ލަންޑަންގެ ސައުތުވާކް ކްރައުން ކޯޓުން ޙުކުމްކޮށްފިއެވެ.
އުމުރުން 51 އަހަރުގެ ބްރޭންޑްގެ މައްޗަށް މި ޙުކުމް އިއްވާފައިވަނީ ނޮވެމްބަރު 9 ވަނަ ދުވަހުއެވެ . އޭނާ ކުށްވެރިވެފައިވަނީ އޭނާގެ މަޤްބޫލުކަން އެންމެ އުހުގައި އޮތް ދުވަސްވަރު، އެއީ 2004 އާއި 2009 އާ ދެމެދު ހަތަރު އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަތަކުގައެވެ. މިގޮތުން، 2009 ވަނަ އަހަރު ލަންޑަނުގައި ހުންނަ އޭނާގެ ގޭގައި އުމުރުން 21 އަހަރުގެ އަންހެނަކު ރޭޕްކުރި ކަމުގެ ކުށް ސާބިތުވެ 9 އަހަރުގެ ޖަލު ޙުކުމެއް ކޮށްފައިވާއިރު، މީޑިއާ ދާއިރާގައި މަސައްކަތްކުރާ އިތުރު ތިން އަންހެނަކަށް ޖިންސީ ގޯނާކުރި ތިން ދަޢުވާއަކަށް އިތުރު 18 މަސް ދުވަހުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ . ނަމަވެސް، އޭނާގެ މައްޗަށް ކުރި އިތުރު ދެ ރޭޕްގެ ދަޢުވާއަކުންނާއި ގަދަކަމުން ޖިންސީ ގޯނާކުރަން އުޅުމުގެ އެއް ދަޢުވާއިން އޭނާ ވަނީ ބަރީޢަވެފައެވެ .
ޙުކުމް އިއްވަވަމުން ހައިކޯޓުގެ ފަނޑިޔާރު ޖޯއެލް ބެނަތަން ވިދާޅުވީ، ބްރޭންޑަކީ އަމިއްލަ ބޮޑާކަމާއި ކިބުރުވެރިކަން އިންތިހާއަށް ބޮޑު "ޖިންސީ ޝިކާރަވެރިއެއް" (ސެކްޝުއަލް ޕްރެޑޭޓަރ) ކަމަށެވެ . އަދި އޭނާ މަޝްހޫރުވަމުން ދިޔަ ދުވަސްވަރު، އެއްވެސް އަންހެނަކަށް "ނޫނެކޭ" ބުނުމުގެ ޙައްޤު އޮތް ކަމަށް ޤަބޫލުނުކޮށް، އެ ޙައްޤުތަކަށް އެއްވެސް ޖެހިލުމެއް ނެތި ފުރައްސާރަކޮށްފައިވާ ކަމަށް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
ބްރޭންޑް ވަނީ ޝަރީޢަތުގެ މަރުޙަލާގައި އޭނާގެ މައްޗަށް ކުރި ހުރިހާ ތުހުމަތުތަކަކަށް އިންކާރުކޮށް، އެއީ ދެފަރާތުގެ ރުހުމުގައި ހިނގި ގުޅުންތަކެއް ކަމަށް ބުނެފައެވެ . އެހެންނަމަވެސް، ކުށް ސާބިތުވުމާ ގުޅިގެން ކޯޓު ރޫމުން ސީދާ އޭނާ ގެންގޮސްފައިވަނީ ޖަލު ބަންދަށެވެ. އިނގިރޭސިވިލާތުގެ ޖިނާއީ ޤާނޫނުތައް ބުނާ ގޮތުން، މިފަދަ ބޮޑެތި ޖިންސީ ކުށްތަކުގެ ޙުކުމް ލިބޭ މީހުން ޙުކުމުގެ ތިންބައިކުޅަ ދެބައި (މަދުވެގެން ހަތް އަހަރު) ޖަލުގައި ހޭދަކުރަންޖެހޭނެއެވެ. އަދި އަވަހަށް ޖަލުން މިނިވަންކުރާ އެއްވެސް ސްކީމެއްގެ ފައިދާއެއް އޭނާއަކަށް ނުލިބޭނެއެވެ . މީގެ އިތުރުން އުމުރު ދުވަހަށް އޭނާގެ ނަން ޖިންސީ ކުށްވެރިންގެ ދަފްތަރުގައި (ސެކްސް އޮފެންޑަރސް ރެޖިސްޓްރީ) ވަނީ ހިމަނާފައެވެ.
ބްރޭންޑް އޭނާގެ ޙުކުމް ތަންފީޒުކުރުމަށް ލަންޑަންގެ ހިޒް މެޖެސްޓީސް ޕްރިޒަން (އެޗްއެމްޕީ) ވެންޑްސްވޯތަށް ފޮނުވާނެ ކަމަށް ބެލެވޭއިރު، މިއީ އިނގިރޭސި މީޑިއާއާއި މުނިފޫހިފިލުވުމުގެ ޞިނާޢަތުގައި މަޝްހޫރު ފަރާތްތަކުން ނުފޫޒާއި ބާރު ނަހަމަ ގޮތުގައި ބޭނުންކުރުމާ ދެކޮޅަށް ފެށިފައިވާ ބަޙުޘްތަކަށް ލިބުނު ވަރަށް ބޮޑު ޤާނޫނީ ނިންމުމެކެވެ.

