ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް، ށ. އަތޮޅުން ގދ. އަތޮޅަށް ހުދު ސަމާލު ނެރެފި
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް) އިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.
މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ އުތުރުގެ ށ. އަތޮޅުން ފެށިގެން ދެކުނުގެ ގދ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. މި ސަމާލުގެ މުއްދަތު ހަމަވާނީ މިއަދު ފަތިހު 4:30 އިން ފެށިގެން ހެނދުނު 10:30 އަށެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި، ސަމާލު ނެރެފައިވާ ވަގުތުތަކުގައި މި ސަރަހައްދުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެއެވެ. މީގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ވިއްސާރަކުރަމުންދާއިރު، މެޓް އޮފީހުން ގެންދަނީ ފުލުފުލުގައި މޫސުމީ ސަމާލުތައް ނެރެމުންނެވެ. އަދި މިހާތަނަށް އެ އިދާރާއިން އެންމެ ގިނައިން ހުދު ސަމާލު ނެރެފައިވަނީ ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އަމާޒުކޮށެވެ.
