އަންނަ އަހަރުގެ މެދުތެރޭގައި ޕާކިސްތާނަށް ސީދާ ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން ނިންމައިފި
ގައުމީ އެއާލައިން، މޯލްޑިވިއަނުން ޕާކިސްތާނަށް ސީދާ ވައިގެ ދަތުރުތައް ފެށުމަށް ނިންމައި، އެކަމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
މޯލްޑިވިއަނުން މައުލޫމާތު ދޭ ގޮތުގައި، ޕާކިސްތާނަށް ދަތުރުތައް ފަށާނެ ވަކި ތާރީހެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، އަންނަ އަހަރުގެ މެދުތެރޭގައި އެ ގައުމަށް ސީދާ އުދުހުންތައް ފެށުމަށް އެއާލައިނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި ދަތުރުތައް ފެށުމުގެ ތައްޔާރީތަކުގެ ތެރެއިން، ޕާކިސްތާނުގައި މޯލްޑިވިއަންގެ ޖެނެރަލް ޕެސެންޖާ ސޭލްސް އޭޖެންޓް (ޖީއެސްއޭ) ގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތެއް ހޯދުމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން އިއްޔެ ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި އިއުލާނުކޮށްފަ އެވެ. އެ އިއުލާނުގައިވާ ގޮތުން، އެ މަސައްކަތަށް ޝައުގުވެރިވާ، ގާބިލުކަމާއި ތަޖުރިބާ ހުރި ފަރާތްތަކުން ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރުއެފްޕީ) އާ އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 23:59 އެވެ.
މިވަގުތު ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތަކެއް ނޯވެ އެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޫބަރު މަހުގެ 20 އިން 22 އަށް ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ނިންމަވާފައިވާކަން ވަނީ އިއުލާންކުރައްވާފަ އެވެ. މީގެ އިތުރުން، ޕާކިސްތާނުގެ ގައުމީ އެއާލައިން ކަމަށްވާ ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ ފްލީޓަށް އައު ބޯޓުތައް އިތުރުވުމާއެކު ރާއްޖެއަށް ސީދާ ދަތުރުތައް ފަށާނެ ކަމަށް އެ އެއާލައިންގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު މިދިޔަ ސެޕްޓެންބަރު މަހު ވަނީ ވިދާޅުވެފަ އެވެ.
ޕާކިސްތާނަކީ މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ނެޓްވޯކަށް އިތުރުވާނެ އައު މަންޒިލެކެވެ. މޯލްޑިވިއަނުން މިހާރުވެސް ދަނީ ފަސް ގައުމެއްގެ އަށް މަންޒިލަކަށް ބައިނަލްއަގުވާމީ ދަތުރުތައް ބާއްވަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ޗައިނާ: ބެއިޖިން، ޝަންހާއީ އަދި ޗެންގްދޫ
- އިންޑިއާ: ކޮޗިން އަދި ޓްރިވެންޑްރަމް
- ބަންގްލަދޭޝް: ޑާކާ
- ތައިލެންޑް: ބެންކޮކް
- އޮސްޓްރޭލިއާ: މެލްބަން

