އައިފޯނުން މޮބައިލް ޑޭޓާ ބޭނުންކުރާ މިންވަރު މަދުކުރެވިދާނެ ގޮތްތައް
އައިފޯނު ބޭނުންކުރާއިރު މޮބައިލް ޑޭޓާ މަދުކުރުމަށް އެންމެ ފަސޭހައިން ކުރެވެން އޮތް ކަމަކީ 'ލޯ ޑޭޓާ މޯޑް' އޮން ކުރުން ކަމަށް އެންގޭޖެޓް (engadget) އިންބުނެއެވެ. ސެޓިންގްސްގެ ސެލިއުލަރ ބައިން މިއޮޕްޝަން ޚިޔާރުކުރުމުން، ބެކްގްރައުންޑް އަޕްޑޭޓްތަކާއި އޮޓޯ ބެކްއަޕްތައް ހުއްޓުވައި، ސްޓްރީމްކުރާ ވީޑިއޯތަކުގެ ކޮލިޓީ ދަށްކޮށްދެއެވެ.
މީގެ އިތުރުން 'ބެކްގްރައުންޑް އެޕް ރިފްރެޝް' ހަމައެކަނި ވައިފައިއަށް ބަދަލުކުރުން ނުވަތަ ވަކިވަކި އެޕްތަކަށް މިއޮޕްޝަން ނިއްވާލުމަކީވެސް ޑޭޓާ ސޭވްކުރުމަށް ކުރެވިދާނެ ކަމެކެވެ. އަދި ސެލިއުލަރ ސެޓިންގްސްގެ ތެރެއިން މޮބައިލް ޑޭޓާ ބޭނުންކުރުން އެއްކޮށް ހުއްޓުވަން ބޭނުންވާ އެޕްތަކަށް ޑޭޓާ އެކްސެސް ބަންދުކުރެވޭނެއެވެ.
ޔޫޓިއުބް އަދި ސޯޝަލް މީޑިއާ އެޕްތަކުގެ ސެޓިންގްސްއިން އޮޓޯޕްލޭ ނިއްވާލުމާއި، ވީޑިއޯއާއި މިއުޒިކްގެ ކޮލިޓީ ދަށްކުރުމަކީވެސް ޑޭޓާ މަދުކޮށްދޭނެ ކަންކަމެވެ. އަދި ލަވައާއި ފިލްމު ފަދަ ތަކެތި އޮފްލައިންކޮށް ޑައުންލޯޑްކޮށްގެން ބޭނުންކުރުމަކީވެސް ޑޭޓާ ބޭނުންކުރާ މިންވަރު ކުޑަކޮށްދޭނެ ކަމެއް ކަމަށް އެންގޭޖެޓުން ފާހަގަކުރެއެވެ.
ވައިފައި ސިގްނަލް ދެރަވާ ވަގުތުތަކުގައި މޮބައިލް ޑޭޓާ ބޭނުންކުރާ 'ކޮނެކްޓިވިޓީ އެސިސްޓް' އޮޕްޝަން ނިއްވާލުމަކީވެސް ނޭނގި ޑޭޓާ ކެނޑުން ހުއްޓުވައިދޭނެ ކަމެކެވެ. މިއޮޕްޝަން ސެޓިންގްސްގެ ވައިފައި ބައިން ފެންނަން ހުންނާނެއެވެ.
