ވޭޕް މަނާކުރުމާއި ޖެނެރޭޝަނަލް ބޭން ނުގެނައި ނަމަ ޤައުމު ބިރުވެރި ހާލަތަކަށް ދާނެ: ރައީސް މުއިއްޒު
ވޭޕް މަނާކުރުމާއި ޖެނެރޭޝަނަލް ބޭން (ދުންފަތުގެ ބާވަތްތައް މަނާކުރާ އުމުރުފުރާ) ތައާރަފު ނުކުރިނަމަ، ދިވެހިރާއްޖެ އޮންނާނީ ވަރަށް ބިރުވެރި ހާލަތަކަށް ގޮސްފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވެވި ކާމިޔާބީ ފާހަގަކުރުމުގެ ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޒުވާނުންގެ ދުޅަހެޔޮކަމާއި ސަރުކާރުން ގެންގުޅުއްވާ ރައްކާތެރިވުމުގެ (ޕްރިވެންޓިވް) ސިޔާސަތުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނަކީ ޤައުމަށްޓަކައި އާންމުން ނުރުހޭ، ނުވަތަ ގިނަ ބަޔަކު ދެކޮޅުހަދާ ފަދަ ނިންމުންތައް (އަންޕޮޕިއުލާ ޑިސިޝަންސް) ނަންގަވާ ބޭފުޅެއް ކަމަށެވެ.
އެގޮތުން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާކުރުމަށް ނިންމެވި ނިންމެވުމާ ދެކޮޅަށް ރިޒޯޓު އިންޑަސްޓްރީގެ ބޮޑުން ވާހަކަދައްކަވައި، އެކަމުން ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ލަފާދެއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ވޭޕް މަނާކުރުމާއި ޖެނެރޭޝަނަލް ބޭން ތައާރަފުކުރުމަކީވެސް އެފަދަ އުނދަގޫ ނިންމުންތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވޭޕް މަނާ ނުކުރިނަމަ ކަންވެގެންދާނެ ގޮތުގެ މިސާލެއް ދައްކަވަމުން ރައީސް ވިދާޅުވީ، އެންމެ ތުއްތު ކުއްޖާވެސް ސްކޫލަށް، ޤުރުއާން ކްލާހަށް، ނުވަތަ ކުޅެން ދިޔަޔަސް ވަންނަންޖެހޭނީ މުޅިން ނުބައި މާހައުލަކަށް ކަމަށެވެ. އަދި ޖެނެރޭޝަނަލް ބޭންއަކީ މިހާރު ދުންފަތުގެ އިސްތިއުމާލުކުރަން ނުފަށާ ނުވަތަ އެކަމަށް ހުށަނޭޅޭ ކުދިންނަށް ކުރިއާލައި އެކަން މަނާކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.
ރާއްޖެއަކީ މިފަދަ ކަންކަން މަނާކުރި ފުރަތަމަ ގައުމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިހާރު އެހެން ގައުމުތަކުންވެސް ރާއްޖެ މިސާލަކަށް ބަލައި އެގޮތަށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ. އަދި ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމަކަށްވިޔަސް، ގައުމުދެކެވާ ލޯތްބާއި އިޚުލާސްތެރިކަން ބޮޑުވާނެ ކަމަށާއި، ބޭނުންވަނީ ގައުމުގެ މުސްތަގުބަލަށްޓަކައި ކަންކަން ކުރަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިވަގުތު މި ނިންމުންތަކަކީ ބައެއް މީހުންނަށް އެހާ މަގުބޫލު ނުވަތަ ފަސޭހަ ކަންކަމަށް ނުވިޔަސް، މިއީ އަންނަން އޮތް ޖީލުތަކަށް ކުރަންޖެހޭ ކަންކަން ކަމުގައި ރައީސް ސިފަކުރެއްވިއެވެ.
