Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ވަރިވުމަށްފަހުވެސް ސޯޝަލް ހައުސިން ފްލެޓާއި ގޯތީގައި ދެމަފިރިންގެ ހަމަހަމަ ހައްގު އޮންނަ ގޮތަށް އާއިލާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި

ވަރިވުމަށްފަހުވެސް ސޯޝަލް ހައުސިން ފްލެޓާއި ގޯތީގައި ދެމަފިރިންގެ ހަމަހަމަ ހައްގު އޮންނަ ގޮތަށް އާއިލާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި
Photo: voice
ތަފްޞީލް

ކައިވެނިކޮށްގެން ތިބޭ މުއްދަތުގައި ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމްތަކުން ލިބޭ ނުވަތަ ދެމަފިރިން ގަންނަ ފްލެޓާއި ގޯތި ފަދަ ބޯހިޔާވަހިކަމުގެ މުދާ، ވަކި މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތް ނަމަވެސް، ކައިވެނި ރޫޅި ވަރިވާ ހާލަތުގައިވެސް ދެމަފިރިންގެ ހަމަހަމަ ހައްގު އެ މުދަލުގައި އޮންނާނެ ގޮތް ހެދުމަށް އާއިލާއާ ބެހޭ ގާނޫނަށް މުހިންމު އިސްލާހެއް ހުށަހަޅައިފިއެވެ.


ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ.


މި އިސްލާހު ހުށަހަޅަން ޖެހުނު ސަބަބު

ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމްތަކުން ދެމަފިރިންނަށް ދޫކުރާ ފްލެޓާއި ގޯއްޗަކީ މުޅި އާއިލާއަށް ދޭ ބޯހިޔާވަހިކަމަކަށް ވީނަމަވެސް، އުސޫލުތައް އޮންނަ ގޮތުން ފްލެޓަށް އެދި ހުށަހެޅެނީ ދެމަފިރިންގެ ތެރެއިން އެކަކަށެވެ. އަދި އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި އިތުރު ބިމެއް ނުވަތަ ގޯއްޗެއް ނެތުމަކީވެސް ޕޮއިންޓް ދިނުމުގައާއި ޝަރުތު ހަމަވުމުގައި ބަލާ މުހިންމު ކަމެކެވެ.


ނަމަވެސް ފްލެޓު ލިބުމަށްފަހު ރަޖިސްޓްރީ ކުރެވެނީ ހުށަހެޅި މީހާގެ ނަމުގައި އެކަނި ކަމަށްވާތީ، ދެމަފިރިން ވަކިވާ ހާލަތްތަކުގައި އަނެއް ބައިވެރިޔާއަށާއި ދަރިންނަށް ބޮޑެތި ނިކަމެތިކަން ލިބެއެވެ. އާއިލާއާ ބެހޭ ގާނޫނުގައި ވަރިވުމުން މުދާ ބަހާނެ އާންމު އުސޫލުތައް އޮތް ނަމަވެސް، ސަރުކާރުގެ ސްކީމްތަކުން ލިބޭ ބޯހިޔާވަހިކަމާ މެދު އަމަލުކުރާނެ ސާފު ގާނޫނީ އޮނިގަނޑެއް ނެތުމުގެ ސަބަބުން، ހާއްސަކޮށް އަންހެނުންނަށް ބޮޑެތި ބޭއިންސާފުތަކާ ކުރިމަތިލާން ޖެހި، މިފަދަ ގިނަ މައްސަލަތަކެއް ވަނީ ކޯޓުތަކަށްވެސް ހުށަހެޅިފައެވެ.


މި އިސްލާހާ ގުޅޭގޮތުން މެންބަރު މުޙައްމަދު އިބްރާހީމް ވިދާޅުވީ، އޭނާގެ މައިގަނޑު މަގުސަދަކީ ދައުލަތުން ދޭ ފްލެޓާއި މުދަލަކީ ދެމަފިރިންގެ ހަމަހަމަ ހައްގު އޮންނަ، އަދި ކޮންމެ ހާލަތެއްގައިވެސް އާއިލާއަށާއި ދަރިންނަށް ބޯހިޔާވަހިކަން ކަށަވަރުވާ ގޮތަށް ބެލެހެއްޓޭ މުދަލަކަށް ހެދުން ކަމަށެވެ.


އިސްލާހުގައި ހިމެނޭ މައިގަނޑު ނުކުތާތައް:

  • ހަމަހަމަ ހައްގާއި ދިރިއުޅުމުގެ ފުރުސަތު: ކައިވެނިކޮށްގެން ތިބި މުއްދަތުގައި ދައުލަތުގެ ހައުސިން ސްކީމަކުން ލިބިފައިވާ ފްލެޓެއް ނުވަތަ ބިމެއް ކޮންމެ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތް ނަމަވެސް، އެއީ ދެމަފިރިންގެ ހަމަހަމަ ހައްގު އޮތް ތަނެއްގެ ގޮތުގައި ބަލަންވާނެއެވެ. އަދި ކައިވެންޏަށް ލިބިފައިވާ ދަރިންގެ އިތުރުން، ތަން ރަޖިސްޓްރީކޮށްފައި ނުވާ ބައިވެރިޔާއަށްވެސް އެތަނުގައި ދިރިއުޅުމާއި ބޭނުންކުރުމުގެ ހައްގު ލިބިގެންވާނެއެވެ.
  • ހައްގު ދޫކޮށްލެވޭނެ ހާލަތްތައް: ދެމަފިރިންގެ ހަމަހަމަ ހައްގު އޮންނަ އުސޫލާ ހިލާފަށް އަމަލުކުރެވޭނީ، ކޯޓުގައި ރަޖިސްޓްރީކޮށްގެން ދެމަފިރިންގެ މެދުގައި އެއްފަރާތުގެ ހައްގު ދޫކޮށްލުމަށް ވެފައިވާ އެއްބަސްވުމެއް އޮވެގެން، ނުވަތަ ކޯޓުން ކުރާ ހުކުމަކުން އެކަންޏެވެ.
  • މިހާރު ދޫކޮށްފައިވާ ތަންތަނަށްވެސް ހިނގުން: މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ދެމަފިރިންނަށް ވީތީ ދައުލަތުގެ ސްކީމްތަކުން ލިބި، ވަކި މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ތަންތަނާ މެދު ކޯޓަކުން ނުވަތަ ދެމަފިރިންގެ އެއްބަސްވުމަކުން ވަކި ގޮތެއް ނިންމާފައި ނުވާ ނަމަ، އެ މުދަލަކީވެސް ދެމަފިރިންގެ ހަމަހަމަ ހައްގު އެކުލެވޭ މުދަލެއްގެ ގޮތުގައި ބަލަންޖެހޭނެއެވެ.
  • ރަޖިސްޓްރީ ކުރުމުގައި އިސްކަންދޭނެ ފަރާތްތައް: ތަނުގެ ރަޖިސްޓްރީ ދެމަފިރިންގެ ނަމަށް ބަދަލުކުރުމުގައި ނުވަތަ ވަކި މީހެއްގެ ނަމުގައި ބޭއްވުމަށް ނިންމާއިރު، ކައިވެނީގެ ދަރިން ބަލަހައްޓާ ފަރާތަށާއި، އަމިއްލަ ބޯހިޔާވަހިކަމުގެ ތަނަވަސްކަމެއް ނެތް (އަމިއްލަ ނަމުގައި ބިމެއް، ގޯއްޗެއް ނުވަތަ ފްލެޓެއް ނެތް) މީހާއަށް އިސްކަންދޭންވާނެއެވެ.
  • ކޯޓަށް ހުށަހެޅުމުގެ ހައްގު: ދެމަފިރިންގެ ދެމެދުގައި ލިޔުމުން އެއްބަސްވުމެއް ނެތް ނަމަ، ވަރިވުމުގެ މަރުހަލާގައި އަދި ވަރިވުމަށްފަހުވެސް، ދެމަފިރިންގެ ނަމުގައި ތަން ރަޖިސްޓްރީކުރުމަށް، ނުވަތަ އެކަކުގެ ހައްގު އަނެކަކަށް ބަދަލުކުރުމަށް، އަދި އެތަނަކަށް ދައްކަންޖެހޭ ކުލި ނުވަތަ ލޯނު ފަދަ މާލީ ޒިންމާތައް ދެފަރާތަށް ބެހުމާ މެދު ގޮތެއް ނިންމުމަށް ކޮންމެ ފަރާތަކަށްވެސް ކޯޓަށް ހުށަހެޅުމުގެ ހައްގު މި އިސްލާހުން ލިބިދެއެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9We build digital futuresWebsites · Mobile apps · E-commerce · Digital marketing
  • Websites that convert
  • iOS & Android apps
  • E-commerce stores
  • SEO & digital marketing
☎ 777 3818Talk to us →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all