ވައިގެ ނުސާފުކަން ޞިއްޙަތަށް ނުރައްކާވާ މިންވަރަށް މައްޗަށް ގޮސް، މާލެއާއި ކުޅުދުއްފުއްޓަށް ރަތް ސަމާލު ނެރެފި.
އެކި ސަރަޙައްދުތަކުގެ ވައިގެ ކޮލިޓީ ހުރި މިންވަރު :
ދުނިޔޭގެ ވައިގެ ކޮލިޓީ ވަގުތުން ވަގުތަށް ދައްކުވައިދޭ "އައިކިއުއެއާ" (IQAir) ގެ ތަފާސްހިސާބުތަކުން މިއަދު ދައްކާ ގޮތުގައި، އެންމެ ބޮޑަށް ވައި ނުސާފުވެފައިވަނީ އުތުރުން ކުޅުދުއްފުށީ ސިޓީ އާއި ވެރިރަށް މާލެ ސަރަޙައްދަށެވެ.
. ކުޅުދުއްފުށީ ސިޓީ: ވައިގެ ކޮލިޓީ ހުރީ 165 ގައެވެ.
. ވިލިމާލެ: ވައިގެ ކޮލިޓީ ހުރީ 160 ގައެވެ.
. މާލެ: ވައިގެ ކޮލިޓީ ހުރީ 159 ގައެވެ. (ނަމަވެސް މިއަދު މެންދުރު 12:00 އިން ފެށިގެން މާލޭގެ ވައި ކޮންމެވެސް ވަރަކަށް ސާފުވާން ފަށާނެ ކަމަށް އައިކިއުއެއާއިން ލަފާކުރެއެވެ.)
. ހުޅުމާލެ: ވައިގެ ކޮލިޓީ ހުރީ 71 (މޮޑަރޭޓް ލެވަލް) ގައެވެ.
. އައްޑޫ ސިޓީ: ވައިގެ ކޮލިޓީ ހުރީ 70 (މޮޑަރޭޓް ލެވަލް) ގައެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އާންމުކޮށް ވައި ނުސާފު ދުވަސްވަރަކަށް ވާއިރު، ރާއްޖޭގެ ގިނަ ހިސާބުތަކެއްގައި މިވަގުތު ވައިގެ ކޮލިޓީ ހުރީ "މޮޑަރޭޓް" ނުވަތަ މެދުމިނުގެ ލެވަލްގައެވެ.
ވައިގެ ކޮލިޓީ މިންކުރެވޭ މިންގަނޑުތައް:
ވައިގެ ކޮލިޓީ އިންޑެކްސް (AQI) ބެހިފައިވާ މިންގަނޑުތަކަށް ބަލާއިރު:
- 50 އިން ދަށް: އެންމެ ރަނގަޅު މިންވަރު (އާންމު ގޮތެއްގައި ވައިގެ ކޮލިޓީ ހުންނަންޖެހޭ މިންވަރު).
- 51 އާއި 100 އާ ދެމެދު: މޮޑަރޭޓް ލެވަލް.
- 101 އާއި 150 އާ ދެމެދު: ވައިގެ ކޮލިޓީ ގޯސްވުން.
- 151 އާއި 200 އާ ދެމެދު: ވަރަށް ބޮޑަށް ގޯސްވުން ނުވަތަ "އަންހެލްތީ" (ޞިއްޙަތަށް ނުރައްކާވާ) ލެވަލް.
ޞިއްޙީ މާހިރުންގެ އިރުޝާދު:
ވައި ތަޣައްޔަރުވުމަކީ ކޮންމެ އުމުރެއްގެ މީހަކަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. ޚާއްޞަކޮށް ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް މިކަމުގެ ނުރައްކާ މާ ބޮޑެވެ. އެހެންކަމުން، ވައި ނުސާފުވެފައިވާ މިފަދަ ވަގުތުތަކުގައި ފުއްޕާމޭގެ ބަލިތަކާއި، ހިތުގެ ބަލިތައް ހުންނަ މީހުންގެ އިތުރުން އެލާޖީ މައްސަލަތައް ހުންނަ ފަރާތްތަކުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށް ޞިއްޙީ މާހިރުން އިލްތިމާސްކުރައްވައެވެ. އަދި ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެ ޙާލަތެއްގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އެޅުމަށްވެސް މާހިރުން ލަފާދެއްވައެވެ.