އުތީމުން ބަނދަރު ކައިރިން ވިޔަފާރިއަށް 3 ބިން ދޫކުރަނީ
ތިލަދުންމަތީ އުތުރުބުރީ އުތީމުން ވިޔަފާރިއަށް ބިން ދޫކުރުމަށް އުތީމު ކައުންސިލް އިދާރާއިން ނިންމައިފިއެވެ.
އުތީމު ކައުންސިލުން ހާމަކުރާ ގޮތުގައި ރީޓެއިލް ވިޔަފާރި ކުރުމަށާއި ހޯލްސޭލް ވިޔަފާރިއަށް ޚާއްޞަކޮށްގެން ދޫކުރާ މި ތިން ބިމުގެ ތެރޭގައި ހިމެނެނީ 2360 އަކަފުޓްގެ ބިމަކާއި 2130 އަކަފޫޓްގެ ބިމަކާއި އަދި 1915 އަކަފޫޓްގެ ބިމެކެވެ.
އުތީމު ބަނދަރާއި ކައިރިން 20 އަހަރުގެ މުއްދަތަށް ދޫކުރާ މި ބިންތަކަށް ދައްކަންޖެހޭ ކުލި ބީލަން ފެށޭ އަގެއްގެ ގޮތުގައި ކައުންސިލުން ކަނޑައަޅާފައި ވަނީ ފުރަތަމަ ފަސް އަހަރު 50 ލާރި، ދެވަނަ ފަސްއަހަރު 1 ރުފިޔާ، 3 ވަނަ ފަސްއަހަރު ދޮޅުރުފިޔާ އަދި 4 ވަނަ ފަސްއަހަރު 2 ރުފިޔާއަށެވެ.
އުތީމު ކައުންސިލުން މައުލޫމާތު ދެއްވައި ގޮތުގައި ކޮންމެ ބީލަމެއްގައިވެސް ކޮންމެ 5 އަހަރަކަށް ޖެހޭ ކުލި ވަކިން އެނގެން އޮނަންވާންއެވެ. އަދި މި ބިންތަކުގައި ކުރެވޭނީ ކައުންސިލުން ހުއްދަދޭ ވިޔަފާރިތައް އެކަނިކަމަށާއި އެއްބަސްވުމުގައި ސޮއިކުރާތާ 8 މަސްދުވަހުގެ ތެރޭގައި ރައްޔިތުންނަށް އެތަނުގެ ޚިދުމަތް ލިބެންވާނެ ކަމަށް އެކައުންސިލުން ފާހަގަ ކުރެއެވެ.
