އުރީދޫ ފަން ރަން 2026 ގެ ރަސްމީ ފިނިޝާ މެޑަލް ދައްކާލައިފި؛ ރަޖިސްޓްރީވުމުގެ ފުރުސަތު މި ހޮނިހިރު ދުވަހުގެ ރެއަށް
ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ އަދި އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އާއިލީ ދުވުން ކަމަށްވާ "އުރީދޫ ފަން ރަން 2026" ގައި ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވާން ގާތްވެފައިވަނިކޮށް، މި އަހަރުގެ ދުވުމުގެ ރަސްމީ ފިނިޝާ މެޑަލް އުރީދޫ މޯލްޑިވްސްއިން މިއަދު ދައްކާލައިފިއެވެ.
އުރީދޫން ހާމަކުރި ގޮތުގައި، މި މެޑަލް ފަރުމާކޮށްފައިވަނީ ފަން ރަންގެ އަސްލު ރޫހު ކަމަށްވާ އުފާވެރިކަމާއި، ޖޯޝާއި، އަދި ކާމިޔާބީގެ އިހުސާސް ރަމްޒުކޮށްދޭ ފަދަ ކުލަގަދަ އަކުރުތަކަކާއި ހިތްގައިމު ޑިޒައިނަކާއެކުގައެވެ. 5 ކިލޯމީޓަރުގެ މި ދުވުން ފުރިހަމަކުރާ ކޮންމެ ބައިވެރިޔަކަށްވެސް މި މެޑަލް ލިބޭނެއެވެ. މިއީ ހަމައެކަނި ދުވުމެއް ނިންމާލުމުގެ ރަމްޒެއްގެ ބަދަލުގައި، ދުވުމުގެ ތެރެއިން ބައިވެރިން ހިއްސާކުރާ ހިނިތުންވުންތަކާއި، ރަހުމަތްތެރިކަމާއި، ހަނދާނުން ފޮހެލަން ދަތި އުފާވެރި ވަގުތުކޮޅުތައް ރައްކާކޮށްދޭނެ އަގުހުރި ހަނދާނީ ހަދިޔާއެއް ކަމަށް އެ ކުންފުނިން ސިފަކުރެއެވެ.
ކުރިއަށް އޮތް ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ފަން ރަންއަކީ ވާދަވެރި ރޭހެއްގެ ބަދަލުގައި، ހުރިހާ އުމުރުފުރައެއްގެ އާއިލާތަކާއި، ރަހުމަތްތެރިން އަދި ދުޅަހެޔޮ ސިއްހަތަކަށް ލޯބިކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުކޮށް، މަޖާ މާހައުލެއްގައި އެއްބައިވަންތަކަން ފާހަގަކުރާ އަހަރީ ހަރަކާތެކެވެ. ދުވުމުގެ މަގުމަތީގައި ހިމެނޭ ކުލަގަދަ ކަލަ ސްޓޭޝަންތަކާއި، މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއެކު، ކޮންމެ ބައިވެރިޔަކަށްވެސް އެމީހަކު ބޭނުން ދުވެއްޔެއްގައި ދުވެފައި، ހިނގާފައި، ނުވަތަ ނަށަމުންވެސް ދުވުން ނިންމާލުމުގެ ފުރުސަތު އޮންނާނެއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި މި ހަރަކާތަށް ލިބުނު ބޮޑު ކާމިޔާބީއާއި ތަރުހީބުގެ މައްޗަށް ބިނާކޮށް، 2026 ވަނަ އަހަރުގެ ފަން ރަން ވެގެންދާނީ ބައިވެރިންނަށާއި މުޅި މުޖުތަމައަށްވެސް ކުރިއަށްވުރެ ފޯރިގަދަ، ޝައުގުވެރި އަދި ހަނދާނުން ފޮހެލަން ދަތި ތަޖުރިބާއެއް ގެނެސްދޭނެ ހަރަކާތަކަށް ކަމަށް އުރީދޫން ބުނެއެވެ.
މި ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު މުއްދަތަކީ މި މަހުގެ 14 ވާ ހޮނިހިރު ދުވަހުގެ ރޭ 11:59 ކަމަށްވާއިރު، އަދިވެސް ނަން ނޯޓު ނުކުރާ ފަރާތްތަކުން އުރީދޫގެ އޮންލައިން ޕޯޓަލް (ore.do/funrun-2026) މެދުވެރިކޮށް މި ފަހު ފުރުސަތުގެ ބޭނުން ހިފައި، ޖާގަ ކަށަވަރުކުރުމަށް އުރީދޫ މޯލްޑިވްސްއިން ވަނީ އިލްތިމާސްކޮށްފައެވެ.
