އުމުރުދުވަހުގެ ޖަލުހުކުމެއް ގައި ހުރި އައްޑޫއަށް ނިސްބަތްވާ އެންމެބޮޑު ޑްރަގް ޑީލަރ ޕެރޯލްބޯޑުން މިނިވަންކޮށްފި
ފުޅާ ދާއިރާއެއްގައި އައްޑޫގައި ޑްރަގު ނެޓްވޯކެއް ހިންގި ކަމަށް ފުލުހުން ތުހުމަތުކުރި އަދި ފަހުން ކުށް ސާބިތުވެ، އުމުރު ދުވަހުގެ ޖަލު ހުކުމްކޮށްފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ) މިނިވަންކޮށްފި އެވެ.
ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯރޓްކޮށްފައިވާ ގޮތުގައި އަބްދުﷲ އިބްރާހިމް މިނިވަންކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭނާ މިނިވަންކުރީ ޕެރޯލްބޯޑުން ނިންމައިގެންނެވެ. އަބްދުﷲ އިބްރާހީމް ދޫކޮށްލީ ކޮންކޮން ޝަރުތުތަތަކާ އެކު ކަމެއް އަދި ސާފެއް ނޫނެވެ. ޕެރޯލް ބޯޑުން މިގޮތަށް ނިންމީ ކީއްވެގެން ކަމެއް އަދި އެއަށް އޭނާ ޝަރުތު ހަމަވި ގޮތެއް ވެސް ނޭނގެ އެވެ. މިއީ ވަގުތީ ގޮތުން ނިންމި ނިންމުމެއް ކަމެއް ވެސް ކަށަވެއް ނޫނެވެ.
ފުލުހުން އޭރު ތުހުމަތުކުރި ގޮތުގައި އަބްދުﷲ އިބްރާހިމަކީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އެއް ނެޓްވޯކްގެ އެންމެ އިސް ފަރާތެވެ.
ޕެރޯލްގެ ދަށުން އަބްދުﷲ އިބްރާހިމް ދޫކޮށްލިކަން ކަރެކްޝަންސް އިންވެސް ކަށަވަރުކޮށްދެ އެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެ މުއައްސަސާއިން ހާމައެއް ނުކުރެއެވެ.
އަބްދުﷲ އިބްރާހިމްގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއެއް ދައުލަތުން އުފުލީ، ނޮވެމްބަރު 2020ގަ އެވެ. އޭނާ ދައުވާތަކަށް އިއުތިރާފުވެ، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހާ އެކު އިއުތިރާފުގެ އެއްބަސްވުމެއްގައި އޭރު ސޮއިކުރި އެވެ. އެގޮތުން:
· ދެ ދަޢުވާއާގެ ކުށުގެ އަދަބަކީ 50 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުން.
· ދައުލަތާ ދެމެދު ހެދި އިޢުތިރާފު އެއްބަސްވުމުގެ ދަށުން އަދަބު ލުއިކުރީ 25 އަހަރަށް މިގޮތުން ކޯޓުން ހުކުމްކުރީ އެއްބަސްވުމުގައިވާ ގޮތަށް 25 އަހަރަށް ޖަލަށްލުމަށް
· ހުކުމްގެ ކުރިން ބަންދުގައި ހުރި މުއްދަތަކާ އެކު، އޭނާ މިހާތަނަށް ޖަލުގައި ހޭދަކޮށްފައިވަނީ ފަސް އަހަރެއްހާ ދުވަސް؛ އެހެންކަމުން ހުކުމްގައި އަދި ބާކީ 20 އަހަރު އެބަ އޮތް
· ޕެރޯލްބޯޑު ހިންގަނީ، ހޯމްލޭންޑް މިނިސްޓްރީ ދަށުން ހިންގާ ކަރެކްޝަންސް ސާވިސްގެ ބެލުމުގެ ދަށުން
· މި ބޯޑުގެ އެންމެހާ ކަންކަން ހިނގާ ނުހިނގާ ގޮތް ބަލައި، ގާނޫނުގެ ދަށުން ހުކުމްތަންފީޒު ކުރާ މީހުން ދޫކުރުމަށްޓަކައި އަދި ޕެރޯލް ނިޒާމް އެކަށީގެންވާ ގޮތެއްގައި ހިންގައި ދެމެހެއްޓުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ބަލަހައްޓަން ގާނޫނުގެ 127 ވަނަ މާއްދާގައި ޒިންމާ މަތިކޮށްފައި ވަނީ ކަރެކްޝަންސްގެ ކޮމިޝަނަރަށް
· އަދި އޭނާ އެކަން ކުރަން ޖެހެނީ، މިނިސްޓަރުގެ ލަފާގެ މަތިން ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވޭ
· ޕެރޯލް ބޯޑް އެކުލަވާފައިވަނީ، ސަރުކާރުގެ މިނިސްޓްރީތަކާއި ބައެއް އޮފީސްތަކުގެ ވެރިން ހިމެނޭގޮތުގައި. މިބޯޑްގައި މޯލްޑިވްސް ޕޮލިސް ސަރވިސް ހިމެނޭއިރު އިސްލާމިކް މިނިސްޓްރީގެ ދީނީ އިލްމުވެރިއަކުވެސް ހިމެނޭ.

