ޓުއަރ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނަގަން ފެށިތާ ތިންދުވަސް ފަހުން ޤާނޫނު އިސްލާހުކުރަނީ
ޓޫރިސްޓުންނަށް ރާއްޖެއިން ބުކިން ހަދައިދޭ ބުކިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެެލް އެެޖެންޓުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމާގުޅިގެން ޓްރެވަލް އެޖެންޓުންގެ ކަންބޮޑުވެ ބުކިންތައް ކެންސަލް ކުރުމާ ގުޅިގެން އިސްލާހުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެެލް އެެޖެންޓުން އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް ޓެކްސްއާ ބެހޭ ގާނޫނު މިދިޔަ މަހު ތަސްދީގު ކުރުމާ އެކު ޓޫރިޒަމް ދާއިރާ އާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ ބޮޑެތި ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީ ގާނޫނަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެންނާށެވެ.
ޓޫރިޒަމް ދުވަސް ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަމީން ވިދާޅުވީ، ޓޫރިޒަމް ސެކްޓަރަށް 54 އަހަރު ފުރިގެން ދިޔަ އިރު ރާއްޖޭގެ ޓޫރިޒަމަކީ ދުނިޔޭގެ އެންމެ ބޮޑު މަގްބޫލުކަމެއް ލިބިފައިވާ އެއް މަންޒިލް ކަމަށާއި އެ ހިސާބަށް އާދެވުނީ ދާއިރާގައި މަސައްކަތް ކުރި ފަރާތްތަކުގެ ބޮޑު މަސައްކަތަކުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ އެކު ރާއްޖޭގެ ޓޫރިޒަމަށް ބޮޑު އަސަރެއް ކުރި ކަމަށާއި އެކަމަކު އަނެއްކާ ވެސް އެ ގޮންޖެހުންތަކާ ކުރިމަތިލައި ޓޫރިސްޓުން ޒިޔާރަތްކުރާ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، އަދި އެ ދާއިރާ ކުރީގެ އޮތް ހާލަތަށް މިހާރު ވާސިލުވަމުން އަންނަ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
ރާއްޖެއަކީ ފަހަކަށްއައިސް ހަމައެކަނި ޓޫރިޒަމަށް ބަރޯސާވާ ގައުމަކަށް ވެފައި، އެއްވެސް ދިރާސާއެއް ނުކޮށް ނުވަތަ އެއްވެސް ވަރަކަށް ޓުއަރ އޮޕަރޭޓަރުންނާ މަޝްވަރާކުރުމެއްނެތި ޓޫރިޒަމަށް ގެއްލުންވާގޮތަށް ޤާނޫނޫތައް ފާސްކުރުމަކީ ޒިންމާދާރު ނިންމުމެއް ނޫނެވެ.
ސަރުކާރުގެ ވިސްނުންހުރީ ރައްޔިތުންގެ މަޖިލީހުގެ ސްޕަރ މެޖޯރިޓީގެ ބޭނުންކޮށްގެން ޤާނޫނުތައް ފާސްކުރުމާއި ޤާނޫނުތައް އިސްލާހުކުރުމުގެ ވިސްނުމެވެ. ފާސްކުރާ ނުވަތަ އިސްލާހުކުރާ ޤާނޫނެއްގެ ސަބަބުން ރައްޔިތުންނަށް ނުވަތަ ވިޔަފާރިތަކަށް ފަހުން ލިބިދާނެ ގެއްލުމަކަށް ބެލުމެއް ނެތެވެ.

