ތޫފާނުގެ ބާރުގަދަވިޔަސް ރާއްޖޭގެ މޫސުން ރަނގަޅުވާނެކަމަށްް މޫސުމާބެހޭ އޮފީހުން ބުނެފި
ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރުގަދަވެ ހޯމަ ދުވަހުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ނަމަވެސް ކޮޅިގަނޑުގެ ބާރު ގަދަވާ ވަރަކަށް ރާއްޖެއަށް މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
ހުޅަނގު މޫސުމާ ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ މި ވިއްސާރާގައި މިއަދު ވެސް ކ. އަތޮޅާއި ޅ. އަތޮޅުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގައިފައެވެ. ނަމަވެސް މެޓް އޮފީހުން ބުނީ މާދަމާއިން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.
އުފެދިފައިވާ ކޮޅިގަނޑުގެ ބާރު ގަދަވަމުންދާ ވަރަކަށް ރާއްޖެއަށް ކުރާނެ އަސަރާ ގުޅޭގޮތުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ ބާރުގަދަވަމުން ދިޔަ ނަމަވެސް، އެކަމުގެ ސަބަބުން ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ މޫސުން ދާނީ ރަނގަޅުވަމުން ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން މާ ބޮޑަށް ގޯސްވެ، އާދަޔާޚިލާފަށް ވިއްސާރަވެ ގެއްލުންވާނެ ފަދަ ހާލަތެއް މެދުވެރިވާނެ ކަމަށް ލަފާނުކުރެވޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
މާދަމާއިން ފެށިގެން އުތުރާއި މެދުރާއްޖެ ތެރެއަށް މައިގަނޑު ގޮތެއްގައި ކެރީގެ އަސަރު ފޯރިނަމަވެސް ދެކުނުގެ ސަރަހައްދުތަކަށް ކޮންމެވެސް ވަރަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވެއެވެ.
މީގެއިތުރުން ކުރިއަށް އޮތް ދެތިން ދުވަހު އާންމުކޮށް ވައިޖެހޭނީ ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދު ބާރުމިނެއްގައި ކަމަށާއި މިރޭ ބައެއް ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ބެލެވޭތީ، ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

