Ad #8Find anything. Sell everything.Maldives' free marketplace: cars, phones, property, jobs
  • Post your ad free
  • Cars, phones & property
  • Jobs & services
  • Every island, every atoll
☎ 757 5609Post your ad free →
News Featured

ތެލަށް ބަރޯސާވުން ހުއްޓާލެވޭނީ ބޭނުންވާ ވަސީލަތްތައް ލިބިގެން؛ ރާއްޖެއިން ބޭނުންވަނީ އަނދިރީގައި ތިބޭކަށް ނޫން: މިނިސްޓަރު ތޯރިގް

ތެލަށް ބަރޯސާވުން ހުއްޓާލެވޭނީ ބޭނުންވާ ވަސީލަތްތައް ލިބިގެން؛ ރާއްޖެއިން ބޭނުންވަނީ އަނދިރީގައި ތިބޭކަށް ނޫން: މިނިސްޓަރު ތޯރިގް
Photo: President's Office
ތަފްޞީލް

ދުނިޔޭގެ ގައުމުތަކުން ތެލާއި ގޭހަށް ބަރޯސާވުން ހުއްޓާލުމަށް މަސައްކަތްކުރާއިރު، ކުދި ޖަޒީރާ ގައުމުތަކަށް އެ ބަދަލު ގެނައުމަށް ބޭނުންވާ ވަސީލަތްތަކާއި އިންތިޒާމުތައް ހަމަޖައްސައިދޭންޖެހޭ ކަމަށާއި، ރާއްޖެއިން ބޭނުންވަނީ އަނދިރީގައި ތިބޭކަށް ނޫން ކަމަށް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގް އިބްރާހީމް (އަލީ ޝަރީފް) ވިދާޅުވެއްޖެއެވެ.


ޖަރުމަނުގެ މީޑިއާއެއް ކަމަށްވާ ޑީޑަބްލިއު ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހު ކުރި ބޯ ވިއްސާރައިގައި ބައެއް އާއިލާތައް ގެދޮރު ދޫކޮށް ދާންޖެހުނުކަން ފާހަގަކުރައްވައި، މިފަދަ ކާރިސާތަކުގެ ސަބަބުން ރައްޔިތުންގެ އާމްދަނީއަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މަސްވެރިކަން ދަށްވެފައިވާ ކަމަށާއި، ފަރުތައް ހުދުވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ނޭދެވޭ ބަދަލުތަކެއް އަންނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.


މޫސުމީ ބަދަލުތަކާ ބެހޭ ބައިނަލްއަގުވާމީ ބައްދަލުވުން (ކޮޕް) ގައި ރާއްޖެއިން ބައިވެރިވާތާ 31 އަހަރު ވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ޕެރިސް އެގްރީމެންޓަކީ ދުނިޔޭގެ އެއްބައިވަންތަކަން ދައްކުވައިދިން އުންމީދީ ފެށުމެއް ކަމަށެވެ. ނަމަވެސް ކަންކަން ހާސިލުވާ ސްޕީޑާއި މިންވަރު ހުރީ ރާއްޖެ ފަދަ ގައުމުތަކުން ބޭނުންވާ ވަރަށް ވުރެ މާ ދަށުގައި ކަމަށާއި، ދުނިޔެ ހޫނުވުމުގައި އެންމެ ކުޑަ ހިއްސާއެއް އޮތް ކުދި ޖަޒީރާ ގައުމުތަކުން އެކަމުގެ އެންމެ ބޮޑު ވޭން ތަހައްމަލުކުރަންޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.


ތެޔޮ ބޭނުންކުރުން ހުއްޓާލުމުގައި ހުރި ގޮންޖެހުންތައް: ތެޔޮ ބޭނުންކުރުން ހުއްޓާލުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ބިން ކުޑަކަމުން ހަމައެކަނި ގޭގޭގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްގެން މުޅި ގައުމަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދޭނެ ގޮތެއް ނެތް ކަމަށެވެ. އެހެންކަމުން ރާއްޖެއަށް އޮތް ހަމައެކަނި ހައްލަކީ ކަނޑުގައި ސޯލާ ޕެނަލް އަޅާ "ފްލޯޓިންގް ސޯލާ" ނިޒާމު ކަމަށް ވިދާޅުވިއެވެ.


"ޖަރުމަނު ފަދަ ގައުމުތަކުގައި އޮއިވަރެއް ނެތް އެތެރެވަރީގެ ފަޅުތަކާއި ކުޅިތައް ހުރި ނަމަވެސް، ރާއްޖޭގައި ސޯލާ ޕެނަލްތައް ހަރުކުރަންޖެހެނީ އުސް ރާޅުތަކާއި ގަދަ އޮއިވަރަށް ކެތްކުރެވޭނެ ގޮތަށް މާކަނޑުގައި،" މިނިސްޓަރު ވިދާޅުވިއެވެ.


އެހެންކަމުން ތެޔޮ ބޭނުންކުރުން ހުއްޓާލުމުގެ ވާހަކަދައްކާއިރު، ރައްޔިތުންނަށް ބޭނުންވާ ކަރަންޓު އުފެއްދޭނެ އެހެން ނިޒާމުތަކާއި ވަސީލަތްތައް ގާއިމުކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖެއިން ތެޔޮ ބޭނުންކުރުން ހުއްޓާލުމާ ދެކޮޅު ނޫން ނަމަވެސް، އެކަން ކުރެވޭނީ ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީގެން ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.


"އަޅުގަނޑުމެން ބޭނުމެއް ނޫން އަނދިރީގައި އުޅޭކަށް. އެ ޒަމާން މާޒީވެ ހިނގައްޖެ. ރައްޔިތުން ދިރިއުޅުމަށާއި ކުރިއެރުމަށް ކަރަންޓު ބޭނުންވޭ. ތެޔޮ ބޭނުންކުރުން ހުއްޓާލައި ރައްޔިތުން އަނދިރީގައި ބައިތިއްބައިގެން ކާބަން ނިއުޓްރަލް ވުމަކީ އެކަން ކުރަންވީ ގޮތެއް ނޫން."

ކޮޕްގެ ނިޒާމު ހަރުދަނާކުރުމާއި އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން: ކޮޕް ބައްދަލުވުންތަކުގައި ހުރިހާ ގައުމެއްގެ އިއްތިފާގުން ނިންމުންތައް ނިންމުމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ތަފާތު ވިސްނުންތަކުގެ ގައުމުތައް އެއް ޕްލެޓްފޯމަކަށް ގެނައުމަކީ އުނދަގޫ ކަމެއް ނަމަވެސް، މޫސުމީ ބަދަލުތަކާ ދެކޮޅަށް އެންމެން ގުޅިގެން ކުރާ މަސައްކަތެއްގައި ގޮތެއް ނިންމުން މުހިންމު ކަމަށެވެ. އަދި އާ ނިޒާމެއް ހޯދުމުގެ ބަދަލުގައި މިހާރު އޮތް ނިޒާމު އިސްލާހުކޮށް ވަރުގަދަކުރުން މާ މުހިންމު ކަމަށް ވިދާޅުވިއެވެ.


މީގެ އިތުރުން، ރާއްޖެ ފަދަ ކުދި ގައުމުތަކަށް މާލީ އެހީތެރިކަން ލިބޭނެ މަގު ވީހާވެސް ފަސޭހަކޮށްދިނުމަށް ރާއްޖެއިން ކުރާ ގޮވާލުން މިނިސްޓަރު ތަކުރާރު ކުރެއްވިއެވެ. އަދި ހަމައެކަނި ބޮޑެތި ގައުމުތަކުން ދޭ އެހީއަކުން ނުފުދޭނެ ކަމަށް ވިދާޅުވެ، މި މަސައްކަތުގެ ތެރެއަށް ބޮޑެތި އަމިއްލަ ކުންފުނިތަކާއި ޕްރައިވެޓް ސެކްޓަރު ވައްދައި، އެ ފަރާތްތަކަށް އިންވެސްޓް ކުރެވޭނެ ފަހި މާހައުލެއް ގާއިމުކުރުމަށްވެސް މިނިސްޓަރު ގޮވާލެއްވިއެވެ.

Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all