ކުޅުޖެހި މައްސަލައެއްގެ ތުހުމަތާއެކު އަޔަލެންޑާއި އިސްރާއީލު ބައްދަލުކުރި ނޭޝަންސް ލީގު މެޗުތައް ނިމުމަކަށް އައިސް، މަސްރަޙު އިތުރަށް ގޯސްވެއްޖެ
އަޔަލެންޑްގެ ޔޫއެފާ ނޭޝަންސް ލީގުގައި އިސްރާއީލާ ދެކޮޅަށް ކުޅުނު މެޗުތައް ނިމުމަކަށް އައިއިރު، އިސްރާއީލުގެ ކުޅުންތެރިއަކާއި އަޔާލެންޑުގެ ކޯޗަކާ (ފިޓްނަސް ކޯޗް) ދެމެދު ކުޅުޖެހިކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އަޔަލެންޑުގެ މެނޭޖަރު ހެއިމިރް ހާލްގްރިމްސަން މިކަން ހިނގި ކަމަސް އެކްނޮލެޖް ކުރި ނަމަވެސް އިތުރު ތަފީސެލެއް ނުދެއްވައި، ވިދާޅުވީ މި މައްސަލަ ޑިސިޕްލިނަރީ ކޮމިޓީ އިން ބަލާނެ ކަމަށް ބެލެވޭ ކަމަށެވެ.
ސިޔާސީ ފިއްތުންތަކާއި ސަލާމަތީ ކަންބޮޑުވުންތަކާ ހުރެ ސަޕޯޓަރުން ނުވައްދައި ސާބިއާގައި އާދީއްތަ ދުވަހު ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، މިއީ ދަނޑުން ބޭރުގެ ނުތަނަވަސްކަމުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރި ދެ މެޗުގެ ނިމުމެވެ. ހަންގޭރީގައި ސަޕޯޓަރުން ނުވައްދައި ކުޅުނު ފުރަތަމަ މެޗު 3-0 އިން ކާމިޔާބުކުރީ އަޔަލެންޑުންނެވެ.
މެޗަށްފަހު ފެންމަތިވި މައްސަލަތަކުގެ މައިގަނޑު ސަބަބަކީ ފުރަތަމަ ހާފު ނިމުނު ވަގުތު ހިނގި ކަމަށް ބުނާ ހާދިސާއެކެވެ. އަޔަލެންޑުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓީމުތައް ދަނޑުން ފައިބައިގެން ދިޔަ ވަގުތު އިސްރާއީލުގެ ކުޅުންތެރިއަކު އޭނާގެ ގަޔަށް ކުޅުޖެހި ކަމަށް އަޔާލެންޑުގެ ފިޓްނަސް ކޯޗު ޑޭމިއަން ޑޮއިލް ވަނީ ތުހުމަތުކޮށްފައެވެ.
މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހާލްގްރިމްސަން ވަނީ އެ ހާދިސާ ހިނގިއިރު އެތަނުގައި ހުރިކަމަށް އެއްބަސްވެފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ދޭން އޭނާ އިންކާރުކުރިއެވެ.
"އަހަރެން އެތަނުގައި ހުރިން. ނަމަވެސް އިތުރު ކޮމެންޓެއް ކުރާކަށް ނެތިން. މިއީ ޑިސިޕްލިނަރީ ކޮމިޓީން ބަލާނެ ކަމެއް،" އަޔާލެންޑުގެ މެނޭޖަރު ނޫސްވެރިންނަށް މައުލޫމާތު ދިނެވެ. އިސްރާއީލުގެ ހެޑް ކޯޗު ރާން ބެން-ޝިމޯން ބުނީ އޭނާ އޭރު ދަނޑުގެ އަރިމަތިން ގޮސްފައިވާތީ އެ ހާދިސާ ދެކެފައި ނުވާ ކަމަށެވެ.
މި މެޗުތަކުގެ ކުރިން، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން އެ މެޗުތައް ބޮއިކޮޓްކުރުމަށް އަޔަލެންޑުގެ ސިޔާސީ ބޭފުޅުންނާއި ސަޕޯޓަރުން ވަނީ ގޮވާލާފައެވެ. އަޔަލެންޑުގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއައި) އިން ސަޕޯޓަރުން ނުވައްދައި އިރުމަތީ ވިލާތުގެ ނިއުޓްރަލް ދަނޑުތަކެއްގައި މެޗުތައް ކުޅެން ނިންމި ނަމަވެސް، ސަޕޯޓަރުން ނެތުމަކުން ދަނޑުމަތީގައި އުފެދުނު ހަސަދަވެރިކަމަށް އެއްވެސް ބަދަލެއް ނައެވެ.
މި މައްސަލަތަކުގެ ސަބަބުން ކުޅުންތެރިންނާއި އޮފިޝަލުންނަށް ކުރިމަތިވި ނަފްސާނީ ނުތަނަވަސްކަމަށް އަލިއަޅުވާލަމުން، ހާލްގްރިމްސަން ވަނީ މި އުނދަގޫ ދަނޑިވަޅުގައި އޭނާގެ ކުޅުންތެރިން ދެއްކި ހިތްވަރަށް ތައުރީފުކޮށްފައެވެ.
"މިކަން ނިމުމަކަށް އައުމުން އަހަރެން ވަރަށް ބޮޑަށް އުފާކުރަން،" ހާލްގްރިމްސަން ބުންޏެވެ. "މީގެ ސަބަބުން އަހަރެމެން އެންމެންނަށްވެސް ބޮޑު ތަކުލީފެއް އުފުލަންޖެހުނު. އަހަރެން ކުޅުންތެރިންނަށް ވަރަށް ބޮޑަށް ސާބަސް ދެން. އުނދަގޫ ވަގުތުތަކުގައި އެ ކުޅުންތެރިން ދެއްކީ ސާބަސް ހައްގު ކުޅުމެއް. އަދި ފާއިތުވި ދެ ހަފުތާ ތެރޭގައި އަހަރެމެން ތަހައްމަލުކުރި ފަދަ ކަމެއް އެއްވެސް ގައުމީ ޓީމަކަށް ތަހައްމަލުކުރަން ނުޖެހުމަށް އަހަރެން އެދެން."
