News Featured

ސޯލަރ މަޝްރޫޢުތަކުގެ ތަރައްޤީއާއެކު ދިވެހިރާއްޖޭގެ ރިނިއުއަބަލް އެނަރޖީ 126 މެގަވޯޓަށް

Advertisement
ސޯލަރ މަޝްރޫޢުތަކުގެ ތަރައްޤީއާއެކު ދިވެހިރާއްޖޭގެ ރިނިއުއަބަލް އެނަރޖީ  126 މެގަވޯޓަށް
ތަފްޞީލް

ސަރުކާރުން ހިންގަމުންދާ ސޯލަރ ހައިބްރިޑް އެނަރޖީ މަޝްރޫޢުތަކުގެ ނަތީޖާއެއްގެ ގޮތުގައި، ދިވެހިރާއްޖޭގައި ރިނިއުއަބަލް އެނަރޖީ އުފެއްދޭ މިންވަރު 53 މެގަވޯޓުން 126 މެގަވޯޓަށް އިތުރުވެފައިވާ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރ އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ވިދާޅުވީ ބ އަދި ރ އަތޮޅުގެ 23 ރަށެއްގައި 6.36 މެގަވޯޓް ސޯލަރ ޕީވީ ސިސްޓަމްތަކާއި 10 މެގަވޯޓް-އަވަރ ބެޓެރީ ސްޓޯރޭޖް ނިޒާމު ހިމެނޭ ހައިބްރިޑް ޕްރޮޖެކްޓުތައް ހިނގައިފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި، މި މަޝްރޫޢުތަކާއި އެކު އަހަރަކު 3.1 މިލިއަން ލީޓަރުގެ ޑީސަލް ފިޔުލް ބޭނުންކުރުން މަދުވެގެންދާއިރު، 8,400 ޓަނުގެ ކާބަން ޑައިއޮކްސައިޑްވެސް ޖައްވަށް ބޭރުވާވަރު މަދުކުރެވިގެން ދާނެކަމަށެވެ.

މިހާރު ބައެއް ރަށްރަށުގައި ސޯލަރ ނިޒާމު ޤާއިމުވެފައިވާ މިންވަރު ވަނީ އިތުރުވެފައިއެވެ. މިއާއެކު ބަހެއް ރަށްރަށުގައި އިންޖީނު ހިންގަންޖެހޭ ވަގުތު މަދު ކުރެވިގެން ދާނެއެވެ. ރ.ރަސްމާދޫ، ވާދޫ، ކިނޮޅަސް އަދި ބ.ކުޑަރިކިލު ގައި ދުވާލަކު 4 ގަޑި އިރާއި 6 ގަޑި އިރާ ދެމެދުގެ  ވަގުތަކަށް ޑީސަލް ޕަވަރހައުސް ހިންގަން ނުޖެހި، ސޯލަރ އެނަރޖީން ކަރަންޓު އުފެއްދޭ ހާލަތަށް ދާނެކަމަށް ބެލެވެއެވެ.

ދިވެހިރާއްޖެއަށް ހުރިހާ ތެލެއް ބޭރުން އިމްޕޯޓުކުރާތީ، އެނަރޖީ ސެކްޓަރ ސޯލަރ ފަދަ ރިނިއުބަލް އެނާރޖީ އަކަށް ބަދަލުވުމަކީ ޤައުމީ އިޤްތިޞާދަށް މުހިންމު އަމާޒެކެވެ. ބޭރު ދުނިޔޭގެ ގެލުގެ މާކެޓުގެ އަގު އުފުލުމުން އެނަރޖީ އިމްޕޯޓުގެ ޚަރަދުވެސް ރާއްޖެއަށް ބޮޑުތަނުން އިތުރުވެގެންދެއެވެ.

ސަރުކާރުގެ މުހިންމު އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ޤައުމުގެ ޖުމްލަ ކަރަންޓު އުފެއްދުމުގެ 33 ޕަސެންޓް ރިނިއުއަބަލް އެނަރޖީ އިން ލިބޭ ގޮތަށް ހެދުމެވެ. ޢަލީ ޝަރީފް  ވިދާޅުވި ގޮތުގައި، މި ހިނގަމުންދާ އަދި ރޭވިފައިވާ ޕްރޮޖެކްޓުތައް ނިމުމުން 330 މެގަވޯޓަށް ވުރެ ގިނަ ރިނިއުއަބަލް އެނަރޖީ އުފެއެދޭނެކަމަށެވެ.

އެނަރޖީ ދާއިރާގެ ތަޖުރިބާ ކާރުން ދެކޭގޮތުގައި، 126 މެގަވޯޓަށް ރިނިއުއަބަލް އެނަރޖީ އުފެއްދޭވަރު މަތިވުމަކީ ދިވެހިރާއްޖޭއިން ތެޔޮ އިމްޕޯޓު ކުރާ މިންވަރު މަދު ކުރުމަށް ކުރާ މަސައްކަތުގައި ޙާސިލް ކުރެވުނު މުހިންމު މައިލްސްޓޯނެކެވެ. 


Topics:
Share this article: Facebook Twitter WhatsApp
Related Articles