ޝާހިދުގެ ހައްޔަރު އަމުރުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މިއަދު މެންދުރުފަހު ހައި ކޯޓުގައި ތާވަލުކޮށްފި.
މައްސަލައިގެ ބާވަތުން ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ މި އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ވަނީ ނިންމާލާފައެވެ.
އުމުރުން 64 އަހަރުގެ ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މި މަހު ހައްޔަރުކުރި ޝާހިދު މިހާރު ހުންނެވީ ކްރިމިނަލް ކޯޓުން ނެރުނު 30 ދުވަހުގެ ބަންދު އަމުރެއްގެ ދަށުން ޖަލުގައެވެ.
ހައްޔަރުކުރުމުގެ އިރުކޮޅެއް ކުރިން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޭނާގެ "ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކެއް" އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާއި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވާ ޝާހިދު ހައްޔަރުކުރިއިރު، އޭނާ ގެންދެވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުންނެވެ.

