ސެންޓްރަލް ޕޮލިސް ސަރަހައްދުގެ ރަށެއްގައި ދަރިވަރަކަށް އިންޓަނެޓް މެދުވެރިކޮށް ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި!
ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގެ ސްކޫލެއްގައި އުޅޭ ދަރިވަރަކަށް، އެ ސްކޫލުގެ އެހެން ދަރިވަރުންތަކެއް ވެގެން އިންޓަނެޓް މެދުވެރިކޮށް ބޮޑެތި ފުރައްސާރަތަކެއްކޮށް ސައިބާ ބުލީކުރަމުންދާ މައްސަލައެއް ކަމާގުޅޭ އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި އަމަލު ހިންގަމުންދަނީ މީސްމީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކް (TikTok) ގައި ޚާއްޞަ އެކައުންޓެއް ހަދައިގެންނެވެ. އެ އެކައުންޓް މެދުވެރިކޮށް އަނިޔާ ލިބޭ ދަރިވަރުގެ ފޮޓޯ އާންމުކޮށް، އެ ކުއްޖާގެ ޒާތީ ސިފައަށް ބަދުބަސް ބުނުމުގެ އިތުރުން، އެ ފޮޓޯތައް ބޭނުންކޮށްގެން ވީޑިއޯ ހަދައި އެކި ކަހަލަ އިންޒާރުތައް ދީފައިވެއެވެ. މިއީ އެ ދަރިވަރަށް ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާނެ ފަދަ ނުރައްކާތެރި މޭރުމަކުން ހިންގާފައިވާ އަމަލުތަކެކެވެ.
މި މައްސަލައާ ގުޅިގެން ސްކޫލުންނާއި ކަމާބެހޭ އިދާރާތަކުން އެކަށީގެންވާ އަވަސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސީދާ އެ ސްކޫލުގެ ޕްރިންސިޕަލަށް އަމާޒުވިއެވެ. އެ ފާޑުކިޔުންތަކާ ގުޅިގެން ޕްރިންސިޕަލް ވަނީ ފޭސްބުކް މެދުވެރިކޮށް އެކަމުގެ ހަގީގަތް ސާފުކޮށްދީފައެވެ.
ޕްރިންސިޕަލް ހާމަކުރެއްވި ގޮތުގައި:
- މި މައްސަލައަކީ އެ ސްކޫލުގެ މިހާރުގެ ދަރިވަރަކަށް، ކުރިން އެ ސްކޫލުގައި އުޅުމަށްފަހު މިހާރު ސްކޫލުގައި ނޫޅޭ ކުއްޖަކު ބުލީކުރަމުންދާ މައްސަލައެކެވެ.
- މިއީ ގާތްގަނޑަކަށް ދޮޅު އަހަރުވެފައިވާ މައްސަލައެއް ކަމަށާއި، އޭނާ މީގެ ހަތަރު މަސް ކުރިން ސްކޫލާ ހަވާލުވުމަށްފަހު އެ މައްސަލަ އަލުން ބަލައި، ތަހުގީގީ އިދާރާތަކަށް ހުށަހަޅައިގެން މިހާރުވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
- ހަގީގަތް އޮޅޭގޮތަށް ވާހަކަ ނުފެތުރުމަށް އެދެމުން، މައުލޫމާތު ސާފުކުރުމަށް ގުޅާލިނަމަ ސަބަބު އެނގޭނެ ކަމަށާއި، ކަމެއްވާ ކޮންމެ ފަހަރަކު ޒާތީ ދިރިއުޅުމާ ބެހި ފުރައްސާރަ ނުކުރުމަށްވެސް ޕްރިންސިޕަލް އެދިވަޑައިގެންނެވިއެވެ.
ފުލުހުންގެ ތަރުޖަމާނު ބުނީ، ގިނަ ކުޑަކުދިންތަކެއް ހިމެނޭ މި މައްސަލަ ބަލަމުންދަނީ ކަމާބެހޭ އެހެނިހެން އިދާރާތަކާވެސް ގުޅިގެން ކަމަށެވެ. އަނިޔާ ލިބުނު ކުއްޖާގެ މައުލޫމާތާއި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން، މައްސަލަ ހިންގި ރަށުގެ ނަމާއި އަނިޔާ ލިބުނު އަދި ތުހުމަތުކުރެވޭ ކުދިންގެ ތަފްސީލު ފުލުހުން ހާމައެއް ނުކުރެއެވެ.
އިންޓަނެޓާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުޑަކުދިންނަށް ކުރާ ސައިބާ ބުލީގެ މައްސަލަތައް އިތުރުވަމުންދާތީ، ދަރިވަރުން އިންޓަނެޓް ބޭނުންކުރާ ގޮތާއި އުޅުން މައިންބަފައިންނާއި ބެލެނިވެރިން އަދި ސްކޫލުތަކުން ގާތުން ބަލައި ހާއްސަ ސަމާލުކަމެއް ދިނުމަށް އިދާރާތަކުން އިލްތިމާސްކުރެއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ސައިބާ ބުލީގެ މައްސަލަތަކުގެ މައުލޫމާތު ފުލުހުންގެ 'ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް' ގެ ނަންބަރު 3000600 ނުވަތަ ހެލްޕްލައިން 1412 އަށް ގުޅައިގެން ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
