އަންނައަހަރު އަލަށްފެށޭ މަޝްރޫއުތައް މަދުވާނެކަމަށް ހައުނިސިންގ މިނިސްޓަރ ވިދާޅުވެއްޖެ
އަންނަ އަހަރު އާ މަޝްރޫއުތައް ފެށުން މަދުވާނެ ކަމަށާއި މިދިޔަ އަހަރަށް ވުރެ ކުޑަކޮށް ދައުލަތުގެ ބަޖެޓް ހުށަހަޅާފައި ވަނީ ފަށާފައި ހުރި މަޝްރޫއުތައް ނިންމުމަށް އިސްކަންދިނުމުގެ ގޮތުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު، ލ. ކުނަހަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމުން އެ މަސައްކަތް ފެށޭނެ ތާރީޚަކާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓް ފަރުމާކޮށްފައި ވަނީ މިހާރު ކުރިއަށްދާ މަޝްރޫއުތައް ނިންމުމަށް ކަމަށެވެ.
އަދި ފަށާފައި ހުރި މަޝްރޫއުތަކުގެ ތެރެއިން ވެސް ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް އިސްކަންދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން ފަށައި ނުނިމި ހުރި މަޝްރޫއުތައް ހުއްޓާލުމަށް ފަހު، މި ސަރުކާރުގެ އަމިއްލަ އެޖެންޑާއާ އެކު ކުރިއަށް ދިއުމުގެ ފުރުސަތު މި ސަރުކާރަށް އޮތެވެ. ނަމަވެސް އެ މަޝްރޫއުތައް އެއްފަރާތް ނުކޮށް، ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.
"މި ސަރުކާރު އައި އިރު ފެށިފައި، ހުއްޓިފައި ހުރި މަޝްރޫއުތައް ހުއްޓާލާފައި މި ސަރުކާރުގެ އެޖެންޑާއާއިގެން ކުރިއަށް ދިއުމުގެ ވިސްނުން ގެންގުޅެވެން އޮތޭ. އެހެން ނަމަވެސް ކުރިން ފަށާފައި ހުރި ޕްރޮޖެކްޓްތަކަކީ ސަރުކާރުގެ ދޮންދަރިން ކަމަށް ހަދާފައި އެއްކައިރި ކޮށްލުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ވެސް އަމިއްލަ ޕްރޮޖެކްޓްތައް ކަމަށް ދެކިގެން އެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރީ،" މުއްތަލިބް ވިދާޅުވިއެވެ.
މީގެއިތުރުން ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތައް ކުރީގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައި އޮތް ނަމަވެސް، ފައިސާގެ ދަތިކަމާ ހުރެ ފަހުން އެ މަސައްކަތްތައް އާމްދަނީ ލިބޭ ކުންފުންޏެއް ކަމަށްވާ އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން އެމްޑަބްލިއުއެސްސީއަށް ވެސް ފައިސާ ހޯދުމުގައި ކުރިން ދަތިތަކެއް ދިމާވި ނަމަވެސް، މިހާރު މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި އަންނަ އަހަރުގެ ބަޖެޓް ކުޑަވެފައި އޮތް ނަމަވެސް އަންނަ އަހަރު އާ ޕްރޮޖެކްޓްތައް ފެށުން ވަރަށް ބޮޑަށް މަދުވާނެކަމަށާއި އަންނަ އަހަރުގެ ބަޖެޓް ފަރުމާކުރެވިފައި ވަނީ މިހާރު ކުރިއަށްދާ މަޝްރޫއުތައް ނިންމުމަށް ކަމަށެވެ.

