ސީއެފްއޭ ފުޓްސަލް މުބާރާތުގެ ތަށި ޗައިނާއަށް، ރާއްޖެއަށް ތިންވަނަ—ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެގެން ނޫނީ ކުރިއެރުމެއް ނެތްކަމަށް އިންމި ބުނެފި.
ހަތަރު ގައުމެއްގެ މެދުގައި ކުޅެވުނު މި މުބާރާތުގެ ތަށި ޗައިނާއިން އުފުލާލީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ތިން މެޗުން ވެސް މޮޅުވެގެންނެވެ. އެގޮތުން ޗައިނާއިން ފުރަތަމަ މެޗުގައި ހޮންކޮންގް 4-0 އިން ބަލިކުރިއިރު، ދެވަނަ މެޗުގައި ދެކުނު ކޮރެއާ އަތުން މޮޅުވީ 6-2 އިންނެވެ. އަދި މުބާރާތުގެ ފަހު މެޗުގައި ރާއްޖެއާ ދެކޮޅަށް ކުޅެ 8-3 އިން މޮޅުވެ، ޗައިނާއިން ވަނީ ތަށި ކަށަވަރުކޮށްފައެވެ.
މި މުބާރާތުގެ ދެވަނަ މަގާމު ހޯދީ ދެކުނު ކޮރެއާއެވެ. އެ ޓީމުން ވަނީ ޗައިނާ އަތުން ބަލިވި މެޗު ފިޔަވައި އަނެއް ދެ މެޗު ކާމިޔާބުކޮށްފައެވެ. އެގޮތުން މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ދެކޮޅަށް ކުޅެ 5-1 އިން މޮޅުވި އިރު، ހޮންކޮންގް އަތުން ދެކުނު ކޮރެއާ މޮޅުވީ 10-2 ގެ ބޮޑު ނަތީޖާއަކުންނެވެ.
ރާއްޖެއަށް ތިންވަނަ މަގާމު ލިބުނީ ހޮންކޮންގްއާ ދެކޮޅަށް ކުޅުނު މެޗުގައި 7-0 ގެ ތާރީޚީ އަދި ތަފާތު ބޮޑު މޮޅެއް ހޯދައިގެންނެވެ. މުޅި މުބާރާތުގައި ރާއްޖެއިން 11 ލަނޑު ޖެހިއިރު، ކޮޅަށް ވަނީ 13 ލަނޑެވެ. ޚާއްޞަކޮށް، މީގެ 21 އަހަރު ކުރިން (2005 ގައި) ޗައިނާ އަތުން 21-0 އިން ރާއްޖެ ބަލިވެފައިވާ ތާރީޚަށް ބަލާއިރު، މި މުބާރާތުގައި ޗައިނާއާ ދެކޮޅަށް 3 ލަނޑު ޖަހައި ދެއްކި ކުޅުމަކީ ރާއްޖޭގެ ފުޓްސަލްއަށް އައިސްފައިވާ ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެވެއެވެ.
މުބާރާތުގެ ފަހު މެޗަށްފަހު، އެފްއޭއެމް އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ދިން އިންޓަވިއުގައި ބުނީ، ޓީމަށް އިތުރު ކުރިއެރުމާއި ތަޖުރިބާ ހޯދުމަށް އަބަދުވެސް ބޭނުންވަނީ އޭޝިއާގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެން ކަމަށެވެ.
"އެނގޭ ޗައިނާއަކީ ވަރަށް ވަރުގަދަ ޓީމެއްކަން. ތަޖުރިބާއަށް ބަލާއިރު އެ މެޗަށް ވަރަށް އިންތިޒާރުކުރިން،" އިންމި ބުންޏެވެ.
އިންމި އިތުރަށް ބުނެފައިވަނީ، ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޓީމުން ރަނގަޅު ފައިޓެއް ދިން ކަމަށާއި، އަދިވެސް އިތުރަށް ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް މި މުބާރާތުގެ މެޗުތަކުން ދެނެގަނެވުނު ކަމަށެވެ.
