ސަރުކާރުން ނުދައްކާހުރި ބިލްތަކަށް ފައިސާ ހޯދުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައި ނެތް: އޮޑިޓަރ ޖެނެރަލް
ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބެންޖެހޭ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށާއި ސަރުކާރުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދީ ހުރުމަކީ އޭގެ ސަބަބެއް ކަމަށް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ މިއަދު ވިދާޅުވެއްޖެ އެވެ.
ނިޔާޒީ މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި މަގާމުގައި ވާހަކަ ދައްކަވަމުން އޮޑިޓަރ ޖެނެރަލް ވިދާޅުވީ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ގާތްގަނޑަކަށް 22 ބިލިއަން ރުފިޔާ ނުލިބި އޮތް ކަމަށް ހިސާބުތަކުން ދައްކާ ކަމަށާއި ޓެކްސް ނުދެއްކުން އިތުރުވާ އެއް ސަބަކީ ދައުލަތުން ހަވާލުކުރާ އެކިއެކި މަސައްކަތްތައް ކުރަމުންދާ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދައުލަތުން ނުދީ އޮތުމެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ ބޮޑު ބައެއް ( ގާތްގަޑަކަށް 7 ބިލިއަން ރުފިޔާ ) ނުދައްކާ އޮތްއިރު އެ ބިލުތަކަށް ދައްކާނެ ފައިސާ ހޯދަން އަންނަ އަހަރުގެ ބަޖެޓްގައި ވެސް ހިމަނާފައި ނެތް ކަމަށެވެ. އެހެންވެ އެ ފައިސާ ދައްކާނެ ގޮތްތަކެއް ފިނޭންސް މިނިސްޓްރީން ހޯދުން ވަރަށް މުހިއްމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕްރައިވެޓް ސެކްޓާއަށް މީގެ ތެރެއިން ދައްކަން ޖެހޭ ފައިސާ ވެސް އެބަހުރި. ދެން ޓެކްސް ކޮމްޕްލަޔަންސް ދަށްްވުމުގެ އެއް ކަމެއްގެ ގޮތުގައި މީރާއިން ވެސް ފާހަގަކުރައްވާފައި އޮތީ ޕްރައިވެޓް ސެކްޓާއަށް ދައުލަތުން ދޭންޖެހޭ ފައިސާ ނުދީ އޮތުމުން އެ ދިމާވާ ދަތިތައް،" ނިޔާޒީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ފައިސާ ދައްކާނެ ގޮތްތަކެއް ހުށަހަޅާފައިވާ ވިޔަސް އެ ފައިސާ ދައްކާނެ ގޮތެއް މެންބަރުން ސަރުކާރުގެ ފަރާތުން ހޯއްދެވުމަކީ މުހިއްމު ކަމެއްކަމަށެވެ.
ސަރުކާރުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ އަދަދު ގާތްގަނޑަކަށް ހަތްބިލިއަނަށް އަރާފައި ވާއިރު ދައުލަތުގެ އިދާރާއަކުން ލިބެންޖެހި ނުލިބިވާ ފައިސާއެއް ވާނަމަ، ދައްކަންޖެހޭ ޓެކުހުން އެ ފައިސާ ކެނޑޭނެ އިންތިޒާމް މިމަހުގެ ފުރަތަމަ ދުވަހު ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.
ފިނޭންސް މިނިސްޓްރީން އޭރު ނެރުނު ބަޔާނެއްގައި ބުނީ، ދައުލަތުގެ އިދާރާއަކުން ލިބެންޖެހޭ ފައިސާ މީރާއަށް ދައްކަންޖެހޭ ޓެކުހާ އަޅާކެނޑުމަށް ބޭނުންވާ ފަރާތްތަކުން މީރާއަށް އެކަން ހުށަހެޅުމުން، ސަރުކާރުން ދައްކަންޖެހޭ ފައިސާ އަޅާކަނޑައިދޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
މިއިން އެނގިގެންދަނީ ސަރުކާރުގެ ކެޝްފްލޯ ދަށްވެ ދައުލަތުގެ ޚަރަދުތައް ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދިއުމާއި ލިބޭ އާމްދަނީން ދެކޮޅުނުޖެހޭ ސިޔާސަތެއް ގެންގުޅެމުންދާ ކަމެވެ.
