ސަރުކާރު ސްކޮލާޝިޕްގައި ކިޔަވައި ނިމިގެން ރާއްޖެ ނާންނަ ދަރިވަރުންގެ އަތުން ހަރަދު އަނބުރާ ހޯދާ ގޮތަށް އުސޫލު ބަދަލުކޮށްފި
ސަރުކާރުގެ ސްކޮލާޝިޕް ފުރުސަތުތަކުގައި ރާއްޖެއިން ބޭރަށް ގޮސް ކިޔެވުމަށްފަހު، ގައުމަށް ހިދުމަތް ކުރުމަށް އެނބުރި ނާންނަ ދަރިވަރުންގެ ކިޔެވުމަށް ދައުލަތުން ކުރި ހަރަދު އަނބުރާ ދައްކަންޖެހޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ހާއްސަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަތީ ތައުލީމު ހާސިލު ކުރުމަށް ބޭރަށްދާ ދަރިވަރުން ކިޔަވައި ނިމިގެން އެނބުރި ގައުމަށް ނައުމަކީ ނުހަނު ހިތާމަހުރި ކަމެއް ކަމަށެވެ. ހާއްސަކޮށް ދައުލަތުގެ ހަރަދުގައި ސްކޮލާޝިޕް ލިބިގެން ކިޔަވާ ދަރިވަރުން އެނބުރި އައިސް ގައުމަށް ހިދުމަތް ކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މި މައްސަލައަށް ހައްލެއް ގެނައުމަށް އުސޫލު އިސްލާހުކޮށްފައިވާ ގޮތް ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ގަބޫލުކުރެވޭ ފަދަ އުޒުރެއް ނެތި، އުސޫލުގައި ކަނޑައަޅާފައިވާ ވަކި މުއްދަތެއްގެ ތެރޭގައި އެނބުރި ރާއްޖެ ނާންނަ ނަމަ، އެ ދަރިވަރަކަށް ދައުލަތުން ހޭދަކުރި ފައިސާ އަނބުރާ ދައްކަން ލާޒިމުވާނެ ކަމަށެވެ.
މި ސަރުކާރުން މަތީ ތައުލީމުގެ ދާއިރާއަށް ކޮށްފައިވާ ހޭދައިގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ހިލޭ ޑިގްރީއާއި، ސްކޮލާޝިޕް އަދި މަތީ ތައުލީމުގެ ލޯނު ސްކީމް ހިމެނޭހެން ޖުމުލަ 2.6 ބިލިއަން ރުފިޔާ މިހާތަނަށް ހޭދަކޮށްފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި 11،000 ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުގެ އެހީގައި އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތަފްސީލު:
- އެކައުންޓިން އަދި އޮޑިޓިން: 920 ދަރިވަރުން
- ޓީޗަރުކަން: 672 ދަރިވަރުން
- ނަރުސްކަން: 634 ދަރިވަރުން
- ޑޮކްޓަރުކަން: 502 ދަރިވަރުން
- އިންޖިނިއަރިން: 451 ދަރިވަރުން
- ތެރަޕީގެ ދާއިރާ: 377 ދަރިވަރުން
- އެލައިޑް ހެލްތު ޕްރޮފެޝަންސް: 324 ދަރިވަރުން
މީގެ އިތުރުން، މަތީ ތައުލީމަށް ކިޔެވުމަށްޓަކައި ލޯނަށް އެދި ހުށަހަޅާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ކޮންމެ ދަރިވަރަކަށް ވެސް މި ސަރުކާރުން ލޯނުގެ ފުރުސަތު ދެމުން ގެންދާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފަ އެވެ.
