Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ސަރުކާރަށް ޝަކުވާއާއި ޚިޔާލު ހުށަހަޅަން 24 ގަޑިއިރު ޚިދުމަތްދޭ "ސިޓިޒަންސް ވޮއިސް" ޕޯޓަލް ލޯންޗުކޮށްފި

ސަރުކާރަށް ޝަކުވާއާއި ޚިޔާލު ހުށަހަޅަން 24 ގަޑިއިރު ޚިދުމަތްދޭ "ސިޓިޒަންސް ވޮއިސް" ޕޯޓަލް ލޯންޗުކޮށްފި
Photo: President's Office
ތަފްޞީލް

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ސަރުކާރަށް ހުށަހެޅުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، 24 ގަޑިއިރު ޚިދުމަތް ލިބޭ ޚާއްޞަ އޮންލައިން ޕޯޓަލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިފްތިތާޙުކޮށްފިއެވެ.


ރައީސް އޮފީހުގައި ޤާއިމުކޮށްފައިވާ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ ދަށުން ތަޢާރަފުކުރި މި ޕޯޓަލަށް ދީފައިވާ ނަމަކީ "ސިޓިޒަންސް ވޮއިސް" އެވެ. މި ޕޯޓަލް މެދުވެރިކޮށް އާންމު ރައްޔިތުންގެ ޚިޔާލުތަކާއި، ކަންބޮޑުވުންތަކުގެ އިތުރުން އެކި ކަންކަމާ ގުޅޭ ޝަކުވާތައް ފަސޭހަކަމާއެކު ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.


ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މި ޚިދުމަތް މިވަގުތަށް ފަށާފައިވަނީ ހަމައެކަނި ވެބް ޕޯޓަލްއެއްގެ ގޮތުގައި ނަމަވެސް، ކައިރި މުސްތަޤުބަލެއްގައި މިކަމަށް ޚާއްޞަ މޯބައިލް އެޕްލިކޭޝަނެއްވެސް ލޯންޗުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވެބް ޕޯޓަލްގެ އިތުރުން، ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރުގެ ހޮޓްލައިން ނަންބަރު 1470 އަށް ގުޅައިގެންވެސް މިހާރު ރައްޔިތުންނަށް ޚިދުމަތް ހޯދޭނެ ކަމަށް އެ އޮފީހުން ބުނެއެވެ.


ރައްޔިތުންގެ ޝަކުވާތައް އަޑުއަހައި، 24 ގަޑިއިރު ޚިދުމަތް ދިނުމަށް ވަކި އޮފީހެއް އުފައްދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައެވެ.


ރައީސްގެ އެ ވަޢުދުފުޅާ އެއްގޮތަށް، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ރައީސް އޮފީހުގައި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފައްދަވައި، އެ ބިއުރޯ ހިންގެވުމުގެ އިސްވެރިއަކަށް (ޕްރިންސިޕަލް ސެކްރެޓަރީގެ މަޤާމަށް) ވަނީ ޑރ. މާހިދު ޝަރީފް އައްޔަންކުރައްވާފައެވެ. މި ޕޯޓަލް ތަޢާރަފުކުރުމާއެކު، ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރުން އިތުރަށް ގާތުން ބަލައި، އަވަސް ޙައްލުތަކެއް ހޯދައިދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް އޮފީހުން ފާހަގަކުރެއެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all