News Featured

ސަމާލުވޭ! ނިމުނު މަހު ސްކޭމްތަކުގައި 1.9 މިލިއަން ރުފިޔާ ގެއްލިއްޖެ: ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރ

Advertisement
ސަމާލުވޭ! ނިމުނު މަހު ސްކޭމްތަކުގައި 1.9 މިލިއަން ރުފިޔާ ގެއްލިއްޖެ: ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރ
ތަފްޞީލް

މަކަރާއި ހީލަތުން ފައިސާ ހޯދާ އޮޅުވާލުންތަކުގައި (ސްކޭމް) ނިމުނު މަހު އެކަނިވެސް އާންމުންގެ އަތުން 1.9 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ގެއްލިގެން ރިޕޯޓުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެންޓި-ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

 

ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ފަހުން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ބޭންކުތަކާއި ސަރުކާރުގެ އިދާރާތަކުގެ ނަމުގައި ގުޅައިގެންނާއި، ސޯޝަލް މީޑިއާގެ ތަފާތު ޕްލެޓްފޯމްތައް މެދުވެރިކޮށް ތަކެތި ވިއްކުމުގެ ނަމުގައި ހިންގާފައިވާ އޮޅުވާލުންތަކެވެ. އަދި އޮންލައިންކޮށް ޑޮލަރު މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތަކުގެ މައްސަލަތައްވެސް އިތުރުވެފައިވާކަން ފުލުހުން ފާހަގަކުރެއެވެ.

 

މިދިޔަ މަހު 1.9 މިލިއަން ރުފިޔާގެ މާލީ ގެއްލުން އާންމުންނަށް ލިބިފައިވާއިރު، ފުލުހުންގެ ހާއްސަ އޮޕަރޭޝަންތަކާއި ބޭންކުތަކާ ގުޅިގެން ކުރެވުނު މަސައްކަތުން އޭގެ ތެރެއިން ބައެއް ފައިސާ ވަނީ ފްރީޒްކޮށް، އަނބުރާ ހޯދައިދީފައެވެ. ނަމަވެސް، ސްކޭމް ކުރާ ފަރާތްތަކުން ތަފާތު އުކުޅުތައް ބޭނުންކުރަމުންދާތީ، އާންމުން މިކަމަށް އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

 

ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން އިރުޝާދު ދެނީ، އެއްވެސް ފަރާތަކުން އޯޓީޕީ (OTP) ނުވަތަ ބޭންކިންގ ޕިން ކޯޑު ހޯދުމަށް ދައްކާ ވާހަކަތަކަށް ނުހެއްލުމަށާއި، ކާކުކަން ނޭނގޭ ފަރާތްތަކާއެކު އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ކުރުމުގައި ހުޝިޔާރުވުމަށެވެ. އަދި ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކޮށް ބޭންކަށާއި ފުލުހުންގެ އެންޓި-ސްކޭމް ހޮޓްލައިނަށް ރިޕޯޓުކުރުމަށް ވަނީ އެދިފައެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles