ސައިކަލެއްގެ މަޑިދަށުން އެއްލަކަ ފަންސާސްހާސް ރުފިޔާ ނެގިމީހާ ހޯދައިފި
މާލެ ފަތާ ޓްރެކް ކައިރީގައި ޕާކްކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުން އެއްލައްކަ ފަންސާސްހާސް ރުފިޔާ ވަގަށް ނެގި މީހަކު ފުލުހުން ހޯދައިފިއެވެ.
ފުލުހުން މައުލޫމާތު ދެއްވައި ގޮތުގައި މާލެ ފަތާ ޓްރެކް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން 150،000 ރުފިޔާ ވަގަށްނަގާފައިވާ މައްސަލައެއް މި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭ ވަނީ ހުށަހަޅައިފައެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ބަލައި، ސައިކަލު މަޑިދަށުން ފައިސާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މީހާ ހޯދައި، އެ މީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކުރުމުން، ފައިސާ ނެގިކަމަށް އޭނާ ވަނީ އިއުތިރާފުވެފައެވެ.
ގެއްލުނު ފައިސާގެ ތެރެއިން އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ވަނީ ހަވާލުކޮށްފައެވެ. އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ވަނީ ޖަމާކޮށްދީފައެވެ. 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ދަނީ ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
