ސާޖަރީއަކާ ނުލައި، ބަނޑުގައި އުފެދުނު އެތިގަނޑެއް ދިޔާކުރުމަށް ޑޮކްޓަރުން "ޑައެޓް ކޯކް" ބޯން އިރުޝާދުދީފި
އަންހެނެއްގެ ބަނޑުގައި އުފެދިފައިވާ ނުރައްކާތެރި އެތިގަނޑެއް (ފައިޓޯބެޒޯއާ/ބްލޮކޭޖް) ސާޖަރީއެއް ނުކޮށް ނައްތާލުމަށްޓަކައި، ގިނަ އަދަދަކަށް "ޑައެޓް ކޯކް" ބޯން އިރުޝާދުދީގެން އެ މައްސަލައަށް ކާމިޔާބު ހައްލެއް ހޯދައިދީފިއެވެ.
މެޑިކަލް ރިޕޯޓުތަކުން ހާމަވާ ގޮތުގައި، އުމުރުން 63 އަހަރުގެ މި އަންހެން މީހާގެ ބަނޑުގައި ކާނާ ހަޖަމުނުވެ ހިލަވެފައިވަނީ ގުދުރަތީ ގޮތުން ކާނާ ހަޖަމުކުރުމުގެ ނިޒާމު ލަސްވުމުގެ ސަބަބުންނެވެ. މިއާއެކު ބަނޑުގައި ރިއްސައި، މޭނުބައިކުރުމުގެ އުނދަގޫތަކާ ގުޅިގެން ސާޖަރީއެއް ހަދަންޖެހިދާނެ ކަމުގެ ބިރު އޮތެވެ. ނަމަވެސް، ޑޮކްޓަރުން ވަނީ އޮޕަރޭޝަން ކުރުމުގެ ބަދަލުގައި، ސޮފްޓް ޑްރިންކް ބޭނުންކޮށްގެން އެ އެތިގަނޑު ދިޔަކުރުމުގެ ފަރުވާއެއް ފަށާފައެވެ.
މި ބަލިމީހާއަކީ ހަކުރުބަލި ހުންނަ މީހަކަށްވާތީ، އާދައިގެ ކޯކުގެ ބަދަލުގައި ޑޮކްޓަރުން އިރުޝާދު ދިނީ ދުވާލަކު 1.5 ލިޓަރުގެ "ޑައެޓް ކޯކް" ބޯށެވެ. މި ފަރުވާ ފެށިތާ ދެވަނައަށްވީ ދުވަހު ބަނޑުގެ އުނދަގޫތައް ފިލައި، ބަނޑުގެ ސްކޭންތަކުން ވަނީ އެ އެތިގަނޑު މުޅިން ދިޔަވެ ނެތިގޮސްފައިވާކަން ކަށަވަރުވެފައެވެ.
ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި، ކޯކުގައި ހުންނަ އެސިޑިކް މާއްދާތަކާއި ގޭސް (ކާބޮނޭޝަން) ގެ ސަބަބުން ބަނޑުގައި ހަޖަމުނުވެ ހުންނަ މިފަދަ ހަރު އެތިގަނޑުތައް މަޑުކޮށް، ދިޔަކޮށްލުމުގެ ގާބިލުކަން ލިބިގެންވެއެވެ. މިއީ ބޮޑެތި އޮޕަރޭޝަންތަކާ ނުލައި މެޑިކަލް ދާއިރާގައި ކުރީއްސުރެ އަގުހެޔޮ އަދި ކާމިޔާބު ފަރުވާއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ އުކުޅެކެވެ.
