ސާފުން އަރަބި މީހުންނާ މެދު ނަސްލީ ތަފާތުކުރުން ގެންގުޅޭ ކަމަށް ލަންކާގެ ކޯޗު މުތައިރީ ތުހުމަތުކޮށްފި
ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން އަރަބި ގައުމުތަކުގެ މީހުންނާ މެދު ނަސްލީ ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ، ސްރީލަންކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، ކުވެއިތުގެ އަބްދުﷲ އަލް މުތައިރީ ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަތުން 4-0 އިން ލަންކާ ބަލިވި މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުތައިރީ ވަނީ ސާފް އާއި އެ ޖަމްއިއްޔާގެ ހެޑް އޮފް ލީގަލް ތަންޖިމް ހާނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ބަންގްލަދޭޝް އަތުން ލަންކާ ބަލިވުން ހައްގުކަން ފާހަގަކޮށް އޭނާ ބުނީ، މުބާރާތް ހޯސްޓްކުރާ ގައުމާއި އިންޑިއާ ފައިނަލަށް ގެންދިއުމަށްޓަކައި، އިސްތިހާރުގެ ފައިދާއަށް ބަލައިގެން ސާފުން ކުރިން ރާވައިގެން ކަންކަން ކުރަމުންދާ ކަމަށެވެ. އަދި އިންޑިއާއާއި ބަންގްލަދޭޝް ފައިނަލަށް ގެންގޮސް ބާކީ ގައުމުތައް ފޮނުވާލަނީ ކަމަށް އޭނާ ތުހުމަތުކުރިއެވެ.
ޖޫރިމަނާއާއި ސަސްޕެންޝަންގެ މައްސަލަ: ބޫޓާން މެޗަށް ފަހު ދެއްކި ވާހަކަތަކާ ގުޅިގެން، ރޭގަނޑުގެ ދަންވަރު ވަގުތެއްގައި ސާފުން އީމެއިލެއް ފޮނުވައި، 10,000 އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށް ހަ މަހަށް ސަސްޕެންޑް ކުރަން ތައްޔާރުވެފައިވާ ކަމަށް މުތައިރީ ތުހުމަތުކުރިއެވެ. އެ މެއިލްގައި ބުނެފައިވަނީ މުތައިރީ މަސައްކަތްކުރަނީ ސާފާ މެދު ނަފުރަތު އުފައްދައި ސިޔާސީ ކަންކަން މީގެ ތެރެއަށް ވައްދަން ކަމަށާއި، ބަންގްލަދޭޝްއަށާއި ބޫޓާނަށް ނިސްބަތކޮށް ގޯސްކޮށް ވާހަކަދެއްކި ކަމަށެވެ. ނަމަވެސް އެފަދަ ވަގުތެއްގައި އެފަދަ މެއިލެއް ފޮނުވުމަކީ ސާފް "ލަދުގަންނަންޖެހޭ" ކަމެއް ކަމަށް އޭނާ ބުންޏެވެ.
މިކަމާ ގުޅުވައި މުތައިރީ ވަނީ 2023 ވަނަ އަހަރު ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ އޭރުގެ ކޯޗު އީގޯ ސްޓިމަކް ކުވެއިތާ ކުޅުނު މެޗުގައި ހިންގި ކަންކަމާއި، ޕާކިސްތާން ކުޅުންތެރިއެއްގެގައިގައި ޖެހި މައްސަލައިގައި އޭނާއަށް އެކަށީގެންވާ އަަދަބެއް ނުދީ 500 ޑޮލަރުން ޖޫރިމަނާ ކުރުމުން، އެއީ ހަމަހަމަކޮށް ދިޔަ ކަމެއްތޯ ސުވާލު އުފައްދާފައެވެ. ސާފުން އެކަމުގައި ބުނީ ސްޓިމަކް ވޯލްޑް ކަޕްގައި ކުޅެފައިވާތީ އެއީ މައްސަލައެއް ނޫން ކަމަށް ކަމަށްވެސް މުތައިރީ ތުހުމަތުކުރިއެވެ.
މީގެ އިތުރުން، 2021 ވަނަ އަހަރު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލް ގޮވައިގެން ފައިނަލަށް ދަތުރުކުރި ނަމަވެސް، ދެ މެޗުން ދެ ރީނދޫ ކޯޑު ދައްކައިގެން ފައިނަލް މެޗަށް އޭނާ ސަސްޕެންޑްކުރި ނިންމުމަކީވެސް ތަންޖިމްގެ ނިންމުމެއް ކަމަށާއި، ދެ މެޗުން ދެ ރީނދޫ ކާޑު ދައްކައިގެން މެޗަކަށް ސަސްޕެންޑްވާ އެއްވެސް ގަވާއިދެއް ފުޓުބޯޅައިގައި އޮތް ކަމަށްވަންޏާ ކޯޗުކަން ހުއްޓާލާނެ ކަމަށް އޭނާ ބުންޏެވެ. އަދި 2023 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރަން ނޭޕާލުން ކުރި މަސައްކަތް ކާމިޔާބުނުވީ ސްޕޮންސަރުން އެގޮތަށް ބޭނުންނުވުމުން ކަމަށާއި އެކަން އޭނާއަށް ޔަގީންކޮށްދިނީ ސާފްގެ އޮފިޝަލެއް ކަމަށްވެސް މުތައިރީ ބުންޏެވެ.
ނޫސްވެރިންގެ ބައްދަލުވުން ނިންމާލަމުން މުތައިރީ ވަނީ މިއީ ސާފްގައި އޭނާގެ އެންމެ ފަހު މުބާރާތް ކަމަށް ބުނެފައެވެ.
