ރޮނާލްޑޯގެ ވާހަކަތައް ގިނަވެ ހެސޫސް ކޯފާވެއްޖެ: "މިހާރު އޭނާގެ މަންމައަށްވެސް ޖަވާބުދާރީވާން އެބަޖެހޭ".
ޕޯޗުގަލްގެ ކޯޗުކަމާ ހެސޫސް ހަވާލުވުމަށްފަހު އޭނާއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ ޓީމުގެ ތެރޭގައި އޮތް ރޮނާލްޑޯގެ ނުފޫޒެވެ. މި މައްސަލަ އިތުރަށް ހޫނުވީ މިދިޔަ ސެޕްޓެމްބަރު މަހު ޔޫއެފާ ނޭޝަންސް ލީގުގައި ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގައި، ރޮނާލްޑޯއަށް ކުޅުމުގެ ފުރުޞަތު ނުދީ ބެންޗުގައި ބެއިންދުމާ ގުޅިގެންނެވެ. އެ ހާދިސާއަށްފަހު ރޮނާލްޑޯ ޓީމުގެ ކޭމްޕް ދޫކޮށް ގޮސްފައިވާއިރު، މިފަހަރުގެ ބައިނަލްއަޤްވާމީ މެޗުތަކުގެ ކުރިން އުމުރުން 41 އަހަރުގެ ތަރި ވަނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ.
ޑެންމާކް އަތުން 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޕޯޗުގަލް ބަލިވި މެޗަށްފަހު، ރޮނާލްޑޯގެ މަންމަ މާރިއާ ޑޮލޮރެސް އަވޭރޯ ވަނީ އެ ނަތީޖާއާ މެދު ވަރަށް ބޮޑަށް އުފާކުރާ ކަމަށް ބުނެފައެވެ. ރޮނާލްޑޯ ޤައުމީ ޓީމުން ރިޓަޔަރކުރި ފަހުން ޕޯޗުގަލް ބަލިވި ފުރަތަމަ މެޗަށްފަހު ޑޮލޮރެސް ބުނީ، ކޯޗު ހެސޫސް ވަނީ އޭނާގެ ދަރިފުޅަށް އޮޅުވާލާފައި ކަމަށާއި، އެހެންކަމުން ހެސޫސްގެ އިރުޝާދުގެ ދަށުން ޓީމު ބަލިވުމަކީ އޭނާއަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ.
ރޮނާލްޑޯއާއި އޭނާގެ އާއިލާގެ ފަރާތުން އަމާޒުވާ ފާޑުކިޔުންތަކާއި ނޫސްވެރިންގެ ތަކުރާރުވާ ސުވާލުތަކާ ހެދި ބޮލަށް އުނދަގޫވެފައި ހުރި ހެސޫސް ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ފޫހި ރާގަކަށް ވާހަކަދައްކާފައެވެ.
"މިހާރު އަހަރެން ކްރިސްޓިއާނޯ ރޮނާލްޑޯގެ މަންމައަށްވެސް ޖަވާބުދާރީވާން އެބަޖެހޭތަ؟" ނޫސްވެރިންނާ މުޚާޠަބުކޮށް ހެސޫސް ސުވާލުކުރިއެވެ.
އިތުރަށް ވާހަކަދައްކަމުން ހެސޫސް ބުނީ، ރޮނާލްޑޯއާ ގުޅޭ މި ސިލްސިލާ ސުވާލުތައް ނިމުމަކަށް އަންނާނެ ދުވަހެއް ޚުދު އޭނާއަށްވެސް ނޭނގޭ ކަމަށެވެ. އަދި ނޫސްވެރިން ސުވާލުކުރާހާ ހިނދަކު އޭނާއަށް ޖެހޭނީ ޖަވާބުދޭން ކަމަށާއި، ކުރިއަށް އޮތް އަހަރުގައިވެސް ރޮނާލްޑޯއާ ބެހޭގޮތުން ސުވާލުކޮށްފިނަމަ ޖަވާބުދޭން ތައްޔާރަށް ހުރި ކަމަށް އޭނާ ބުންޏެވެ.
