ރިއަލް އެސްޓޭޓް ބިލުގެ ދިރާސާއަށް ސިޔާސީ ޕާޓީތަކާއި ދީނީ އިލްމުވެރިން ހާޒިރު ނުކުރަން ކޮމިޓީން ނިންމައިފި
ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ޔޫއޭއީގެ މަހުޖަނު މުހައްމަދު އަލައްބާރުގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ގުޅޭ މުއާމަލާތަށް ގާނޫނީ ބާރުވެރިކަން ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު ދިރާސާކުރާއިރު، ސިޔާސީ ޕާޓީތަކާއި ދީނީ އިލްމުވެރިން ކޮމިޓީއަށް ހާޒިރު ނުކުރަން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ބިލުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް ކަނޑައެޅުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ދީނީ އިލްމުވެރިންނާއި ސިޔާސީ ޕާޓީތައް ކޮމިޓީއަށް ހާޒިރުކޮށްގެން ހިޔާލު ހޯދުމަށް ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ހުށަހެޅުއްވި އެވެ. ނަމަވެސް ކޮމިޓީގެ އެއްވެސް މެންބަރަކު އެ ހުށަހެޅުމަށް ތާއީދު ނުކުރެއްވުމުން އެކަން ވަނީ ފާސްނުވެފަ އެވެ.
އާންމުންގެ ހިޔާލަށް ހުޅުވާލުމާއި ސަރުކާރުގެ އިދާރާތަކުގެ ލަފާ ހޯދުން: މެންބަރު ސަމީރުގެ ހުށަހެޅުން ފާސްނުވުމުން، ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާ ހުށަހެޅުއްވީ ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމަށް މިއަދުން ފެށިގެން ދެ ހަފުތާގެ މުއްދަތެއް ދިނުމަށެވެ. އެގޮތުން އާންމުންނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.
މީގެ އިތުރުން، ޑިސެމްބަރު 2 ގެ ކުރިން ކަމާގުޅުންހުރި ސަރުކާރުގެ ވުޒާރާތަކުން ބިލާ ގުޅޭ މައުލޫމާތު ހޯދުމަށްވެސް އަލީ މޫސާ ހުށަހެޅުއްވި އެވެ. ކޮމިޓީން މި ހުށަހެޅުން ފާސްކުރިއިރު، އެކަމާ ދެކޮޅަށް ވޯޓު ދެއްވީ ހަމައެކަނި ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރެވެ.
ލިޔުމުން ހިޔާލު ހޯދާނެ ފަރާތްތައް: ބިލަށް ހިޔާލު ހޯދުމަށް ހުޅުވާލާ މުއްދަތުގައި ލިޔުމުން ޖަވާބު ހޯދާނެ ފަރާތްތައް ކަނޑައެޅުމަށް ކޮމިޓީގެ މުގައްރިރު ފުރުސަތު ހުޅުވާލުމުން، ދީނީ އަދި މަދަނީ ޖަމިއްޔާތަކުގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ހިޔާލު ލިޔުމުން ހޯދުމަށް މެންބަރު ސަމީރު ދެވަނަ ފަހަރަށްވެސް ހުށަހެޅުއްވި އެވެ. އެހެންނަމަވެސް، މި ފަހަރުވެސް އެ ހުށަހެޅުމަށް އެއްވެސް މެންބަރަކު ތާއީދެއް ނުކުރެއްވި އެވެ.
އޭގެ ބަދަލުގައި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވަނީ ސަރުކާރުގެ ފަސް އިދާރާއެއްގެ ހިޔާލު ލިޔުމުން ހޯދުމަށެވެ. އެއީ:
- އިކޮނޮމިކް މިނިސްޓްރީ
- ހައުސިން މިނިސްޓްރީ
- ފިނޭންސް މިނިސްޓްރީ
- އެޓާނީ ޖެނެރަލްގެ އޮފީސް
- ވިޒިޓް މޯލްޑިވްސް
ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިއަދު ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ކުރިން މި ބިލުގެ ދިރާސާ މަސައްކަތް އެއްކޮށް ނިންމައި، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ.
