ރިއަލް އެސްޓޭޓް ބިލު މަޖިލީހަށް ހުށަހަޅައިފި: އިސްރޭލު މީހުންނަށް ބިން ނުގަނެވޭނެ ކަމަށާއި، 99 އަހަރުގެ އުސޫލުން ޕްރޮޕަޓީ ވިއްކޭނެ ކަމަށް ބިލުގައި ބަޔާންކޮށްފި!
ރާއްޖޭގައި ރިއަލް އެސްޓޭޓް ވިޔަފާރި ތަރައްޤީކޮށް ރެގިއުލޭޓް ކުރުމަށްޓަކައި އެކުލަވާލި ފުރަތަމަ ޤާނޫނު ކަމަށްވާ "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު" ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އެޖެންޑާކޮށްފައެވެ. މި ބިލު ހުށަހަޅާފައިމިވަނީ، ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ޔޫ.އޭ.އީގެ އީގަލް ހިލްސް (Eagle Hills) ކުންފުންޏާ ހަވާލުކޮށްގެން ބިޔަ ރިއަލް އެސްޓޭޓް އަދި ޓޫރިޒަމް މަޝްރޫއެއް ހިންގުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
ބިލުގެ މައިގަނޑު މަޤްޞަދާއި އޮތޯރިޓީ
މި ބިލުގެ މައިގަނޑު މަޤްޞަދަކީ ރިއަލް އެސްޓޭޓް ވިޔަފާރިތައް މޮނިޓާކޮށް ރެގިއުލޭޓް ކުރުމަށް "ޕްރޮޕާޓީ ރެގިއުލޭޓަރީ އޮތޯރިޓީ" ގެ ނަމުގައި ވަކި އިދާރާއެއް އުެއްފެއްދުމެވެ. މިނިސްޓްރީގެ ދަށުން ހިންގާ މި އޮތޯރިޓީގެ ސީ.އީ.އޯ އައްޔަން ކުރައްވާނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. މީގެ އިތުރުން، އޮފް-ޕްލޭން (Off-plan)ކޮށް ވިއްކާ ޔުނިޓުތަކަށް ގަންނަ ފަރާތްތަކުން ދައްކާ ފައިސާ ރައްކާތެރިކުރުމަށްޓަކައި، ރާއްޖޭގެ ބޭންކެއްގައި ޚާއްޞަ 'ޕްރޮޖެކްޓް އެސްކްރޯ އެކައުންޓެއް' ހުޅުވައި، މަސައްކަތް ކުރިއަށްދާ ނިސްބަތުން ނޫނީ ޑިވެލޮޕަރަށް ފައިސާ ނުނުނެގޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ޔުނިޓުތައް ރަޖިސްޓަރީ ކުރާތާ އެއް އަހަރު ވަންދެން ފައިސާގެ 5 އިންސައްތަ އެކައުންޓުގައި ހިފަހައްޓަންޖެހެއެވެ.
އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންތަކާއި 99 އަހަރުގެ ލީސް މޮޑެލް
ބިލުގެ 8 ވަނަ ބާބުގައި ބޮޑެތި މާސްޓާ ޕްލޭން މަޝްރޫއުތަކަށް ޚާއްޞަ ޒޯންތައް ކަނޑައެޅުމުގެ އޮނިގަނޑެއް ހިމަނާފައިވެއެވެ. އެގޮތުން މިފަދަ ޒޯނެއް ކަނޑައެޅޭނީ މަދުވެގެން 200 ހެކްޓަރުގެ ބިމާއި 1 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ހިމެނޭ ނަމައެވެ.
ބޭރު މީހުންނަށް މިފަދަ ޒޯންތަކުން 50 އަދި 99 އަހަރާ ދެމެދުގެ މުއްދަތަކަށް ލީސް އުސޫލުން ޕްރޮޕަޓީ ގަނެވޭނެއެވެ. މީގެ އިތުރުން، "ސަރެންޑާ އެންޑް ރީ-ގްރާންޓް" (Surrender and Re-grant) ނުވަތަ ކުރީގެ ލީސް ސަރުކާރަށް ދޫކޮށްލުމުން އާ 99 އަހަރުގެ ލީސްއެއް ދޫކުރެވޭ މެކޭނިޒަމެއް ބިލުގައި ހިމަނާފައިވެއެވެ. މިކަމާ ގުޅޭގޮތުން، ޑީއައިއީ ޢިލްމުވެރިންނާ އެކު ސެޕްޓެމްބަރު މަހު ބޭއްވި ބައްދަލުވުމެއްގައި ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ، އިންވެސްޓަރުންގެ މުދާ ޑިޕްރިޝިއޭޓް ނުވާނެ ހާއްސަ މެކޭނިޒަމެއްގެ ގޮތުން، ތަން ވިއްކާލާ ކޮންމެ ފަހަރަކު ފީއެއް ނަގައި އަލުން އާ 99 އަހަރުގެ ލީސްއެއް ދޭނެކަން ހާމަކުރައްވާފައެވެ. ނަމަވެސް، އެއް ޤައުމެއްގެ މީހުންނަށް ޒޯނުގެ 25 އިންސައްތައަށްވުރެ އިތުރަށް ބިން ނުވަތަ ޔުނިޓު ނުވިއްކޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އިސްރާއީލު މީހުންނަށް ބިން ނުގަނެވޭނެކަން ކަށަވަރުކުރުން
ރަސްމާލެ މަޝްރޫޢާ ގުޅިގެން އީގަލް ހިލްސް ކުންފުންޏާއި އިސްރާއީލާ ގުޅުން އޮތްކަމަށް ބުނެ އާންމުންނާއި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ މައްސަލައަށް މި ބިލުން ވަނީ ޚާއްޞަ ސަމާލުކަމެއް ދީފައެވެ. އެގޮތުން، އިސްރާއީލުގެ ރައްޔިތުންނަށް ނުވަތަ އެ ޤައުމުގެ މީހުންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ޒޯނުން އެއްވެސް މުދަލެއް ނުވަތަ ލީސްހޯލްޑް ރައިޓްސްއެއް ނުގަނެވޭނެ ކަމަށާއި، އެފަދަ ކަމަކަށް އޮޅުވާލައިފިނަމަ މުދަލުގެ ރަޖިސްޓްރީ ބާތިލުކޮށް ދައުލަތަށް ބިން ނެގުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވާ ކަމަށް ބިލުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. މީގެ ކުރިން މިނިސްޓަރު މުއްތަލިބު ވިދާޅުވެފައިވަނީ އިސްރާއީލު މީހުންނަށް ރަސްމާލެއިން ޕްރޮޕަޓީ ނުގަނެވޭނެ ގޮތް ހަދާނެ ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ، ރަސްމާލެ ނިމޭއިރު އެ ތަނުގައި ތިބޭނީ ދިވެހީންނާއި އެހެން ޤައުމުތަކުގެ މުސްލިމުންކަން ޔަޤީންކޮށްދެއްވާފައެވެ.
ސިޔާސީ މަސްރަޙާއި ފާޑުކިޔުންތައް
މި މަޝްރޫޢާ ގުޅޭގޮތުން ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލު ތަފާފުވުންތަކެއް އުފެދިފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ އީގަލް ހިލްސް ފަދަ ބޭރުގެ ފަރާތްތަކަށް ރަސްމާލެ ދޫކޮށްލުމުން ޤައުމުގެ ސިޔާދަތީ ބާރުތައް ގެއްލިދާނެ ކަމަށެވެ. އަދި އިދިކޮޅު އެމްޑީޕީން މި މަޝްރޫޢަށް ފެންނަ ނުފެންނަ ވޯޓަކަށް ދާން ގޮވާލާފައިވާއިރު، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މި މަޝްރޫޢަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ނަގައި، ތަނަވަސްކަން ހޯދައިދޭނެ މަޝްރޫޢުތަކާ ޒަޔަނިޒަމާ ގުޅުވައި ވާހަކަދެއްކުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށެވެ.
ގާނޫނާ ޚިލާފުވާ ފަރާތްތަކަށް 100،000 ރުފިޔާއިން ފެށިގެން 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ލިބިގެންވާ މި ބިލަށް އަމަލުކުރަން ފެށުމާއެކު، މިހާރު ހިނގމުންދާ މަޝްރޫއުތައް 90 ދުވަހުގެ ތެރޭގައި ރަޖިސްޓަރީކުރަންޖެހޭނެއެވެ.

