ރިއަލް އެސްޓޭޓް ބިލަށް ބަހުސްކުރައްވަނިކޮށް، މިނިސްޓަރު މުއްޠަލިބަށާއި މެންބަރުންނަށް ރިޝްވަތުގެ ތުހުމަތުކުރެއްވުމާ ގުޅިގެން މެންބަރު މީކާއީލް މަޖިލީހުން ނެރެފި
ދުބާއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ކުރިއަށްގެންދާ ރިއަލް އެސްޓޭޓް މަޝްރޫއު ފަދަ މަޝްރޫއުތަކުގައި ޕްރޮޕަޓީތައް 99 އަހަރުގެ މުއްދަތަކަށް ވިއްކޭގޮތަށް ސަރުކާރުން ހުށަހެޅި ރިއަލް އެސްޓޭޓް ބިލަށް ބަހުސްކުރެއްވުމުގެ ތެރޭގައި، ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ކަޅު ދަބަހެއް ހިފައިގެން މަޖިލީހަށް ވަޑައިގެން ބިލަށް ނުފޫޒު ފޯރުއްވި ކަމަށް ތުހުމަތުކުރެއްވުމުން، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ނެރެފިއެވެ.
ބަހުސްގެ ތެރެއިން މީކާއީލް ދެއްކެވި ވާހަކަފުޅުގައި، މި ބިލުގެ މަގުސަދަކީ ދިވެހީންގެ ބިމަށް ގާނޫނުއަސާސީން ލިބިދީފައިވާ ރައްކާތެރިކަން ނައްތާލުން ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުން ގޭހަށާއި ޑޮލަރަށް ޖައްސާފައިވާ މިފަދަ ދަނޑިވަޅެއްގައި، ސަރުކާރުން ހުސްނުވާ އާސަންދަ ކަނޑައިލަން ތައްޔާރުވަމުންދާ ކަމަށްވެސް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކަށް ރިޢާޔަތްކުރައްވައި މީކާއީލް ވިދާޅުވީ، މިނިސްޓަރު މުއްޠަލިބް މަޖިލީހަށް ކަޅު ދަބަހެއް ހިފައިގެން ވަދެވަޑައިގެން ބިލަށް ނުފޫޒު ފޯރުއްވަން މަސައްކަތްކުރެއްވި ކަމަށެވެ. އަދި މަޖިލީހަށް ރިޝްވަތުގެ "ކަޅު ފައިސާ" ވަދެފައިވާ ކަމަށް ތުހުމަތުކުރައްވައި، ވަގުތީ ފައިދާއަށްޓަކައި މިފަދަ ކަންކަމުގައި ބައިވެރިވެއްޖެނަމަ ދަރިންނަށް ކާންދޭންޖެހޭނީ ޒަހަރު ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް ކަޅު ފައިސާ ވަދެފައިވާ ކަމަށް ވިދާޅުވެ މީކާއިލް ވާހަކަ ދެއްކެވުމުން އޭނާގެ ނަން އިއްވައި މަޖިލީހުން ނެރެފި 📄 https://t.co/XZvihRdVNm https://t.co/JSN92ZmHys
— Adhadhu (@AdhadhuMV) November 16, 2026
މި ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ މަޖިލިސް މެންބަރުންނާ ގުޅޭގޮތުން ސާބިތުނުހިފޭ ވާހަކަ މަޖިލިސް ތަޅުމުގައި ނުދެއްކުމަށް ތަކުރާރުކޮށް އަންގަވާފައެވެ. ނިޒާމީ ނުކުތާއެއް ނަންގަވަމުން މައްޗަންގޯޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް މުޙައްމަދު ވިދާޅުވީ، މިނިސްޓަރު މުއްޠަލިބް ރޭ މަޖިލީހަށް ވަޑައިގެންނެވީ ބައެއް މެންބަރުން މައުލޫމާތު ސާފުކުރައްވަން އެދިވަޑައިގަތުމުން ކަމަށެވެ.
ނަމަވެސް، ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ނެންގެވި ނިޒާމީ ނުކުތާއަކަށްފަހު ތަޅުން ވަރަށް ބޮޑަށް ހޫނުވެ، އެމްޑީޕީގެ ބައެއް މެންބަރުން ރިޔާސަތުގެ މޭޒު ކުރިމަތީގައި އިހުތިޖާޖުކުރައްވަން ފެއްޓެވިއެވެ. އެއަށްފަހު، މަޖިލީހުގެ ގަވައިދާ ޚިލାފަށް އަމަލުކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެ ރިޔާސަތުން މީކާއީލްގެ ނަން އިއްވަވައި، މަޖިލީހުގެ ތަޅުމުން ބޭރަށް ނެރުއްވީއެވެ.

