ރޭޕްކުރުމުގެ ކުށް ސާބިތުވި މީހަކު 15 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފި
މީހަކު ރޭޕްކުރި ކަމުގެ ކުށް ޝަރީއަތަށް ސާބިތުވުމާ ގުޅިގެން، ލ. މާބައިދޫ، ކަޑުރޯޅި، އިސްމާއިލް ޖުމާން 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ދައުލަތުން އިސްމާއިލް ޖުމާންގެ މައްޗަށް އުފުލާފައިވާ ރޭޕްކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކުރިއަށްދިޔަ ޝަރީއަތް ނިންމައި، އޭނާގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިތަކާއި ގަރީނާތަކަށް ބަލައި، އޭނާގެ މައްޗަށް ރޭޕްކުރުމުގެ ކުށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ޖިންސީ ކުށުގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން އޭނާ ކުށްވެރިވާ ކަމަށް ކަނޑައަޅައި، އެ ކުށުގެ އުގޫބާތެއްގެ ގޮތުން 15 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމަށް ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ޖިންސީ ކުށުގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ހ) އަކީ ރޭޕްކުރުމުގެ ކުށާއި، އެ ކުށް ސާބިތުވާ ފަރާތްތަކަށް ދެވޭނެ އަދަބުތައް ބަޔާންކޮށްފައިވާ މާއްދާއެކެވެ.
