ރަސްމާލޭގެ ބައެއް އީގަލް ހިލްސްއަށް ދިނުމާ ދެކޮޅަށް ރިފަރެންޑަމަކަށް ގޮވާލައި، އެމްޑީޕީން ނޮވެމްބަރު 26 ގައި މަގުމައްޗަށް ނުކުންނަން ނިންމައިފި
ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނަމުގައި ހިއްކަމުންދާ ރަސްމާލެއިން ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް (ރިފަރެންޑަމެއް) ނެގުމަށް ގޮވާލައި، މި މަހުގެ 26 ވަނަ ދުވަހު އިހުތިޖާޖަށް ނުކުންނަން އިދިކޮޅު އެމްޑީޕީން މިއަދު ނިންމައިފިއެވެ.
މިކަން އިއުލާނުކޮށް އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އާންމު ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން މިފަދަ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަންވާނީ ރައްޔިތުންގެ ރުހުމާއި އަގުލަބިއްޔަތު ހޯދައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ވެރިންނަށް ކަންކަމަކީ ރަނގަޅު ކަންކަން ގޮތުގައި ފެނިދާނެ. ތަސައްވަރު ކުރެވިދާނެ. ގަބޫލުކުރެވިދާނެ. އެހެންނަމަވެސް އެ ތަސައްވަރުތައް، އެ މަންޒަރުތައް ރައްޔިތުންނަށް ސާފުނުވަނީނަމަ ކަންކަން ދާނީ ކާމިޔާބުނުވެ. ކަމެއް ކާމިޔާބުކުރުމަށް އެ ކަމެއްގެ ފަހަތުގައި ރައްޔިތުންގެ އަގުލަބިއްޔަތުގެ ތާއީދާއި ރުހުން އޮންނާންޖެހޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ނޮވެމްބަރު 26 ގައި ބާއްވާ އެއްވުމަކީ ސީދާ އެމްޑީޕީން އިސްނަގައިގެން ކުރިއަށްގެންދާ އިހުތިޖާޖެކެވެ. އަދި ރިފަރެންޑަމަކަށް ގޮވާލުމުގެ ގޮތުން މީގެ އިތުރުންވެސް ތަފާތު ހަރަކާތްތައް އެ ޕާޓީން ހިންގާނެ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގަރާރު:
- ރަސްމާލެ ވިއްކާލުމާ ގުޅޭ އެއްވެސް މަސައްކަތެއް ކުރުމުގެ ކުރިން އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނުނަގައިފި ނަމަ، ސީދާ ހަރަކާތަށް ނުކުމެ މުޒާހަރާ ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ މި މަހުގެ 1 ވަނަ ދުވަހު ގަރާރެއް ފާސްކޮށްފައެވެ.
- ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން ރަސްމާލެ ޕްރޮޖެކްޓުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް އެ ގަރާރުގައި ސަރުކާރަށް ގޮވާލާފައިވެއެވެ.
- އެ ޑިމާންޑަށް ސަރުކާރުން އިޖާބަނުދީފި ނަމަ، ސިޔާސީ އެހެން ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާ ގުޅިގެން މުޒާހަރާ ކުރުމަށްވެސް އެ ގަރާރުގައި ވަނީ ނިންމާފައެވެ.
ބިން ދޫކުރުމުގެ ތަފްސީލު: ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޖުމްލަ 1,153 ހެކްޓަރުގެ ބޮޑުމިން ހުންނަ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް އީގަލް ހިލްސްއާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 99 އަހަރުގެ މުއްދަތަކަށެވެ. ނަމަވެސް، ރިއަލް އެސްޓޭޓް ވިޔަފާރި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، އެ ބިމުގައި އީގަލް ހިލްސްއިން ތަރައްގީކުރާ ތަންތަން ގަންނަ ފަރާތްތަކަށް އެ ތަންތަން މިލްކުވެގެންދާނީ ތާއަބަދަށެވެ.
