ރަސްމާލޭގައި ބޭރު މީހުން ވަޒަންވެރިވާން ފުރުސަތު ނުދިނުމަށް ޑރ. އިޔާޒު ރައީސަށް އިލްތިމާސް ކުރައްވައިފި
ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި އެހެން ދީންތަކުގެ މީހުންނަށް ވަޒަންވެރިވެވޭނެ މަގެއް ހުޅުވިގެން ދިއުމަކީ އިންތިހާއަށް ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވެ، އެފަދަ ކަމެއް ނުކުރެއްވުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އިލްތިމާސް ކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ރައީސް މުއިއްޒު ޓެގުކުރައްވައި ޑރ. އިޔާޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިވާނެ ފުރުސަތު ފަހިވުމަކީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި، އެފަދަ ކަމެއް ނުކުރެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.
ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި އެހެންދީންތަކުގެ މީހުން ވަޒަންވެރި ވާނެ މަގެއް ހުޅުވިގެން ދިޔުމަކީ އިންތިހާ އަށް ނުރައްކާތެރި ކަމެއް. މިފަދަ ކަމެއް ނުކުރެއްވުމަށް ރައީސް @MMuizzu އަށް އިލްތިމާސް ކުރަން.
— Dr.Mohamed Iyaz (@dr_iyaz) November 12, 2026
ޑރ. އިޔާޒު މިފަދައިން އިލްތިމާސް ކުރައްވާފައި މިވަނީ، ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ރަސްމާލެއިން ހިއްކަމުންދާ ބިމުން 500 ހެކްޓަރުގެ ބިމެއް، ޔޫއޭއީގެ މަހުޖަނު މުހައްމަދު އަލައްބާރުގެ "އީގަލްސް ހިލްސް" ކުންފުންޏަށް 99 އަހަރުގެ މުއްދަތަކަށް ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތައް އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މި މަޝްރޫއުގެ ދަށުން އެހެން ދީންތަކުގެ މީހުންނަށް ރާއްޖެއިން ގެދޮރު ގަނެ، 99 އަހަރަށް ވަޒަންވެރިވެގެން އުޅެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެތީ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
މި މަޝްރޫއާ ދެކޮޅަށް ޑރ. އިޔާޒުގެ އިތުރުން ރާއްޖޭގެ އެހެން ދީނީ އިލްމުވެރިންނާއި އަދާލަތު ޕާޓީންވެސް ވަނީ އަޑުއުފުލާފައެވެ. އެގޮތުން، ރަސްމާލޭގެ ބޮޑު ސަރަހައްދެއް 99 އަހަރަށް ބޭރުގެ ފަރާތަކަށް ދިނުމަކީ ރާއްޖޭގެ ތެރޭގައި ދެވަނަ ދައުލަތެއް އުފެއްދުން ފަދަ ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
މި މައްސަލައިގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އިދިކޮޅު ފަރާތްތަކުންނާއި އާންމުން ގޮވާލަމުން ދިޔަ ނަމަވެސް، ރައީސް މުއިއްޒު ވަނީ ރިފަރެންޑަމްއަކަށް ދިއުމަށް ދެކޮޅު ހައްދަވާފައެވެ. އަދި ސަރުކާރާއި އީގަލްސް ހިލްސްއާ ދެމެދު ވެވޭ އެއްބަސްވުމުގެ ފުރިހަމަ ތަފްސީލުތައް ރައީސް މުއިއްޒު މިހާތަނަށް މުޅި ކެބިނެޓާއި ރައްޔިތުންގެ މަޖިލީހާވެސް ހިއްސާކުރައްވާފައި ނުވާއިރު، މި މަޝްރޫއާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
