Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ރަސްމާލޭގައި ބޭރު މީހުން ވަޒަންވެރިކޮށްފިނަމަ، އެކަމާ ދެކޮޅަށް ހިންގާ ގައުމީ ހަރަކާތާ ގުޅޭނަން: ބޯހިޔާވަހިކަމުގެ ޔޫނިއަންތައް

ރަސްމާލޭގައި ބޭރު މީހުން ވަޒަންވެރިކޮށްފިނަމަ، އެކަމާ ދެކޮޅަށް ހިންގާ ގައުމީ ހަރަކާތާ ގުޅޭނަން: ބޯހިޔާވަހިކަމުގެ ޔޫނިއަންތައް
Photo: ބޯހިޔާވަހިކަމުގެ ޔޫނިއަނުން މިއަދު ބޭއްވި ބައްދަލުވުން
ތަފްޞީލް

ކުރީ ސަރުކާރުން ދެ ލައްކައަށްވުރެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފަށާފައިވާ މަޝްރޫއުތައް ހުއްޓާލުމަށްފަހު، ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު ހުރިހާ ޑޮލަރެއް ރަސްމާލެ ބިން ހިއްކުމަށް ހޭދަކޮށް، އެ ތަނުގައި ބޭރު މީހުން ވަޒަންވެރިކޮށްފިނަމަ އެކަމާ ދެކޮޅަށް ހިންގަމުންދާ ގައުމީ ހަރަކާތާ ގުޅޭނެ ކަމަށް ބޯހިޔާވަހިކަމުގެ ހައްގުގައި ވަކާލާތުކުރާ ޔޫނިއަންތަކުން ބުނެފިއެވެ.


ހުޅުމާލެ ފޭސް-3 ޔޫނިއަން، ފަހި ޔޫނިއަން، އުތުރުތިލަފަޅު ޔޫނިއަން، ގިރާވަރުފަޅު ޔޫނިއަން، އަދި ގުޅީފަޅު ޔޫނިއަން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، ދައުލަތަށް ލިބޭ ހުރިހާ ޑޮލަރެއް ރަސްމާލެ މަޝްރޫއަށް ޚަރަދުކުރުމުގެ ސަބަބުން، ޑޮލަރުން ހޭދަކޮށްގެން ރައްޔިތުންނަށް ފޯރުކޮށްދެމުންދިޔަ އަސާސީ ޚިދުމަތްތައް ހުއްޓާލަން ސަރުކާރަށް މަޖުބޫރުވެފައިވާ ކަމަށެވެ.


މީގެ އިތުރުން، 58،000 އަށްވުރެ ގިނަ އާއިލާއިން ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހަޅާފައިވާ ރަސްމާލޭގެ ބިމުން ބޮޑު ބައެއް، ބޭރު މީހުން ވަޒަންވެރިކުރުވުމަށްޓަކައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ހިލޭ ދޫކޮށްލަން ނިންމާފައިވާތީ އެ ޔޫނިއަންތަކުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.


"ބޭރުމީހުން ރަސްމާލޭގައި ވަޒަންވެރި ނުކުރުމަށް ސަރުކާރަށް މި ޖަމިއްޔާތަކުން ގޮވާލަން. އަދި ރަސްމާލޭގައި ބޭރުމީހުން ވަޒަންވެރި ކުރުމަށް މަގުފަހި ކުރުވާ އެއްވެސް ގާނޫނެއް ފާސްނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެސް ގޮވާލަން،" ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޔޫނިއަންތަކުން ބުންޏެވެ.


މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ދިނުމަށް ހިއްކާފައި އޮތް ހަމައެކަނި ބިން ކަމަށްވާ ރަސްމާލޭގައި ބޭރު މީހުން ވަޒަންވެރިކުރުވަން ސަރުކާރުން ނިންމައިފިނަމަ، އެކަމާ ދެކޮޅަށް މަސައްކަތްކުރާ ގައުމީ ހަރަކާތާއި ސިޔާސީ ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށާއި، މި ނިންމުމާ ދެކޮޅަށް އެންމެހާ ރައްޔިތުން ތެދުވުމަށްވެސް އެ ޔޫނިއަންތަކުން ވަނީ ގޮވާލާފައެވެ.


މި ބައްދަލުވުމުގައި ޔޫނިއަންތަކުން އިތުރަށް ފާހަގަކުރި ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ފައިސާ ލިބޭނެކަމުގެ "ފެހި ސިގްނަލް" ލިބިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ނަމަވެސް، ބޭރުގެ މާލީ އިދާރާތަކުން ފައިސާ ހޯދިފައި ނުވާކަން ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދިޔަ ގޮތުން ވަރަށް ސާފުކޮށް ހާމަވެއެވެ.

"ޑޮލަރުގެ އަގު އުފުލި، ކާބޯތަކެތީގެ އަގުބޮޑުވެ، ބޭސްފަރުވާ ކުރުމަށް ދަތިވެ، އަދި އާސަންދައިގެ ޚިދުމަތް ދެމުންދިޔަ ބޭރުގެ ހޮސްޕިޓަލްތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ ނުދެއްކި، އެ ހޮސްޕިޓަލްތަކުން ދިވެހި ރައްޔިތުންނަށް ދެމުންދިޔަ ޚިދުމަތްތައް މެދުކަނޑާލަން ޖެހުނު ސަބަބަކަށް ވެސް މިކަން ވަނީ ވެގެންގޮސްފައި،" ޔޫނިއަންތަކުން ބުންޏެވެ.


ހަމައެއާއެކު، ރަސްމާލެ މަޝްރޫއުގެ ސަބަބުން ޑޮލަރުގެ އަގު އަތްނުފޯރާފަށަށް އުފުލި، ބޭރު ގައުމުތަކުގައި ކިޔަވަން ތިބި ދަރިވަރުންނާއި ވިޔަފާރިވެރިންގެ އިތުރުން، މުޅި ޤައުމުގެ އެންމެހާ ރައްޔިތުން ދަރަނިވެރިވަމުންދާކަން ވެސް އެ ޔޫނިއަންތަކުން ވަނީ ފާހަގަކޮށްފައެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all