Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ރަސްމާލެ މަޝްރޫއާ ގުޅޭ ފެންނަނުފެންނަ ވޯޓުގެ ގަރާރު މަޖިލީހުގައި ތާށިވެ، ގަވާއިދާ ހިލާފަށް 20 ދުވަސް ފާއިތުވެއްޖެ

ރަސްމާލެ މަޝްރޫއާ ގުޅޭ ފެންނަނުފެންނަ ވޯޓުގެ ގަރާރު މަޖިލީހުގައި ތާށިވެ، ގަވާއިދާ ހިލާފަށް 20 ދުވަސް ފާއިތުވެއްޖެ
Photo: People's Majlis
ތަފްޞީލް

ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ ހަވާލުކޮށްގެން، ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލޭގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ މަޝްރޫއާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު، މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ ހިލާފަށް އެއްވެސް ފިޔަވަޅެއް ނާޅައި ބާއްވާފައި އޮންނަތާ 20 ދުވަސް ވެއްޖެއެވެ.


އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މި ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ މި މަހުގެ ދެވަނަ ދުވަހު، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައިވާ ގޮތުން، މަޖިލީހުގެ ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ނިންމާ މުހިންމު ކަންކަމުގައި އާންމުންގެ ހިޔާލު ހޯދުމަށް ފެންނަނުފެންނަ ވޯޓެއް ނެގުމަށް މަޖިލީހަށް ނިންމިދާނެއެވެ. ނަމަވެސް ގަރާރު ހުށަހެޅިތާ 20 ދުވަސް ވީއިރުވެސް، އެ ގަރާރު ލިބުނުކަން މަޖިލީހުގެ ތަޅުމުގައި ރަސްމީކޮށް އިއުލާނުވެސް ކޮށްފައެއް ނުވެއެވެ.


ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 253-2 ވަނަ މާއްދާގެ (ހ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ގޮތުން، މަޖިލިސް މެންބަރަކު ނުވަތަ ރައީސް އާންމު ވޯޓަކަށް އެދި ގަރާރެއް ހުށަހަޅައިފި ނަމަ، އެކަން ތަޅުމުގައި އިއުލާނު ކުރުމަށްފަހު، އިތުރު ބަހުސަކާ ނުލައި ދިރާސާކުރުމަށް ދާއިމީ ނުވަތަ ވަގުތީ ކޮމިޓީއަކަށް ފޮނުވަން ޖެހެއެވެ. އަދި މަޖިލިސް ގަވާއިދުގެ 253-4 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ވާގޮތުން، ކޮމިޓީން އެ ގަރާރު ދިރާސާކޮށް ނިންމައި 14 ދުވަހުގެ ތެރޭގައި އަލުން މަޖިލީހުގެ ތަޅުމަށް ފޮނުވަން ލާޒިމުކުރެއެވެ.


ގަވާއިދުގައި މިކަން މިހާ ސާފުކޮށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ގަރާރު ކުރިއަށް ނުގެންގޮސް ހިފަހައްޓާފައިވާ ސަބަބެއް މަޖިލީހުގެ ރިޔާސަތުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.


މި ގަރާރު މަޖިލީހުގައި ތާށިވެފައި އޮތްއިރު، އީގަލް ހިލްސްއާއެކު ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލެވޭ 'ރިއަލް އެސްޓޭޓް ބިލު' ވަނީ މަޖިލީހަށް ހުށަހަޅައި، ބަހުސް މަރުހަލާ ނިންމުމަށްފަހު ދިރާސާކުރުމަށް ކޮމިޓީއަށް ވެސް ފޮނުވާފައެވެ.

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ހިންގާ މި ބިޔަ މަޝްރޫއު ކުރިއަށް ގެންދިއުމާ މެދު ރައްޔިތުންގެ ބަހެއް ހޯދުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ތަކުރާރުކޮށް ގޮވާލަމުން ދިޔަ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އާންމުންގެ ފެންނަނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

Topics:
Share this article: Facebook Twitter WhatsApp
Ad #9Find anything. Sell everything.Maldives' free marketplace: cars, phones, property, jobs
  • Post your ad free
  • Cars, phones & property
  • Jobs & services
  • Every island, every atoll
☎ 757 5609Post your ad free →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all