ރަސްމާލެ އީގަލް ހިލްސް މަޝްރޫއު: ފައިސާއަށްޓަކައި ދިވެހިންގެ އަމާންކަމާއި ގުދުރަތީ ރީތިކަން ވިއްކާލަންވީ ހެއްޔެވެ؟
ދިވެހިރާއްޖޭގެ އިގްތިސާދީ މުސްތަގުބަލު ބައްޓަންކުރުމަށް ކަމަށް ބުނެ، ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ 'އީގަލް ހިލްސް' ކުންފުންޏާ ހަވާލުކޮށްގެން ހިންގަން އުޅޭ 20 ބިލިއަން ޑޮލަރުގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ބަހުސް މުޅި ގައުމުގައި މިހާރު މިވަނީ އިންތިހާއަށް ހޫނުވެފައެވެ. ސަރުކާރުން މި މަޝްރޫއު ސިފަކުރަނީ ރާއްޖޭގެ ޖީޑީޕީ "އެހެން ހަރުފަތަކަށް" ގެންދާނެ ތާރީޚީ ބަދަލެއްގެ ގޮތުގައެވެ. ނަމަވެސް، އާންމު ރައްޔިތުންނާއި، އިގްތިސާދީ މާހިރުންނާއި، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތައް މާ ގިނައެވެ؛ ދިވެހިރާއްޖެއަށް މިފަދަ ރިއަލް އެސްޓޭޓް ޓޫރިޒަމެއް ހަގީގަތުގައިވެސް ބޭނުންވޭ ހެއްޔެވެ؟ މި މަޝްރޫއާއެކު އުފެދޭނެ އިޖުތިމާއީ، ސިޔާސީ އަދި ތިމާވެށީގެ މައްސަލަތައް ތަހައްމަލު ކުރުމުގެ ގާބިލުކަން ދިވެހި ދައުލަތުގައި އެބަހުރި ހެއްޔެވެ؟
ކާމިޔާބު ޓޫރިޒަމް ބްރޭންޑެއް އޮއްވައި 'ރިއަލް އެސްޓޭޓް' އަށް ދާންޖެހޭ ހެއްޔެވެ؟
ދިވެހިރާއްޖެއަކީ ވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި "އެއް ރަށް، އެއް ރިސޯޓު" ގެ އުސޫލުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ ބްރޭންޑް ބިނާކޮށްފައިވާ ގައުމެކެވެ. ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށް ވާދަނުކުރެވޭ ފަދަ ޕްރައިވެސީއާއި، ގުދުރަތީ ރީތިކަމާއި، އަމާންކަމަކީ ދިވެހި ޓޫރިޒަމްގެ އެންމެ ބޮޑު ރައުސްމާލެވެ.
އެހެންކަމުން، 5 ލައްކައެއްހާ މީހުންގެ ކުޑަކުޑަ އާބާދީއެއް އޮތް މި ގައުމަށް، މިހާރު އޮތް ފަތުރުވެރިކަމުގެ މޮޑެލް ހަރުދަނާކޮށް، އިގްތިސާދީ އިސްލާހުތައް ގެނައުމުގެ ބަދަލުގައި، ބޭރުގެ މަހުޖަނުންނަށް 99 އަހަރަށް ބިން މިލްކުކޮށްދީގެން ހިންގާ ބޮޑެތި ސިޓީތަކާއި ރިއަލް އެސްޓޭޓް މަޝްރޫއުތައް ބޭނުންވޭތޯ މިއީ ކޮންމެ ދިވެއްސަކުވެސް ވިސްނާލަންޖެހޭ ކަމެކެވެ. ރިއަލް އެސްޓޭޓް ޓޫރިޒަމަކީ ބިމުގެ ޖާގަ ބޮޑެތި، އާބާދީ ބޮޑެތި ގައުމުތަކުން ކުރާ ކަމެކެވެ. ރާއްޖެ ފަދަ ބިން ކުޑަ، ނާޒުކު ޖަޒީރާ ގައުމެއްގައި ބޭރު މީހުންނަށް ދާއިމީކޮށް ނުވަތަ ދިގު މުއްދަތަކަށް ވަޒަންވެރިވެވޭ ގޮތަށް ބިންތައް ދޫކުރުމަކީ، ދިވެހިންގެ އަތުން ބިމުގެ ކޮންޓްރޯލް ގެއްލިގެންދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ފައިސާއަށްވުރެ އިޖުތިމާއީ އަމާންކަމާއި ގައުމީ ސަލާމަތް މާ މުހިންމު
ކޮންމެ ގައުމެއްގެވެސް އެންމެ އަގުބޮޑު ޚަޒާނާއަކީ ޑޮލަރާއި ކޮންކްރީޓް އިމާރާތްތަކެއް ނޫނެވެ؛ އެއީ އެ ގައުމެއްގެ ރައްޔިތުންގެ މެދުގައި އޮންނަ އިޖުތިމާއީ އެއްބައިވަންތަކަމާއި، ދީނީ އަދި ސަގާފީ އަމާންކަމެވެ. ދިވެހި ޓޫރިޒަމް ދުނިޔޭގައި މިހާ ކާމިޔާބު ވެފައިވަނީވެސް ރާއްޖޭގައި އޮތް ސުލްހަވެރިކަމާއި އަމާންކަމުގެ ސަބަބުންނެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން 54000 އަށްވުރެ ގިނަ ވަޒީފާ އުފެދި، އަހަރަކު އެއް މިލިއަނަށްވުރެ ގިނަ މީހުން އެ ތަނަށް ޒިޔާރަތްކޮށް، ބޭރުގެ މަހުޖަނުން އެ ތަނުގައި ގެދޮރު ގަނެގެން ދިރިއުޅެން ފެށުމުން، ރާއްޖޭގެ އިޖުތިމާއީ ފޭރާމަށް އަންނާނެ ބަދަލުތަކާ މެދު ސީރިއަސް ސުވާލުތަކެއް އެބަހުއްޓެވެ.
- އާދަޔާ ޚިލާފު ބޮޑު މާލީ ބާރުވެރިކަމެއް އޮތް ބޭރުގެ މަހުޖަނުންތަކެއް ދިވެހިންގެ ކުޑަ އާބާދީގެ ތެރޭގައި ވަޒަންވެރިވުމުން، ރާއްޖޭގެ ސިޔާސީ ނިޒާމާއި، ޝަރުއީ ދާއިރާއާއި، ސަލާމަތީ ބާރުތަކަށް އެ ފައިސާގެ ނުފޫޒުން ސަލާމަތްވެ ތިބެވޭނެ ހެއްޔެވެ؟
- ބޭރުގެ ނުފޫޒުގަދަ ވިޔަފާރިވެރިންނާއި ދިވެހި ރައްޔިތުންނާ ދެމެދު ގާނޫނީ ނުވަތަ މާލީ މައްސަލައެއް ޖެހޭ ދުވަހަކު، ދިވެހި ކޯޓުތަކާއި ސަލާމަތީ އިދާރާތަކަށް އެ ބާރުވެރިކަމުގެ ކުރިމަތީގައި ދިވެހިންގެ ހައްގުތައް ހިމާޔަތްކޮށްދެވޭނެ ފަދަ ވަރުގަދަ ނިޒާމެއް ރާއްޖޭގައި އެބައޮތް ހެއްޔެވެ؟
ތިމާވެށި ހަލާކުކޮށްލައިގެން ލިބޭނީ ކޮން ފައިދާއެއް؟
ދިވެހިރާއްޖޭގެ ޓޫރިޒަމް ބްރޭންޑްގެ އަސްލަކީ ރާއްޖޭގެ ސާފު ފަރުތަކާއި، މުރަކަތަކާއި، ދޮންވެލި ގޮނޑުދޮށްތަކެވެ. ރަސްމާލެ ހިއްކުމަށާއި، އެ ތަނުގައި ބޮޑެތި މެރީނާތަކާއި ވޯޓާފްރަންޓް ސިޓީތައް ތަރައްގީކުރުމަށްޓަކައި ފުށިދިއްގަރުފަޅު ފަދަ ބޮޑެތި ފަޅުތައް ހިއްކުމަކީ ތިމާވެއްޓަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެކެވެ. ފަރުތައް ހަލާކުވެ، ކަނޑުގެ ދިރުންތައް ނެތިގެން ހިނގައްޖެނަމަ، ދުނިޔޭގެ ފަތުރުވެރިން ދިވެހިރާއްޖެއަށް އަންނަންޖެހޭ ސަބަބެއް ނޯންނާނެއެވެ. ވީއިރު، މިހާރު އޮތް ކާމިޔާބު ޓޫރިޒަމް ބްރޭންޑަށް ބާރުދޭ ތިމާވެށި ނުރައްކަލުގެ ތެރެއަށް ވައްޓާލައިގެން، ނަތީޖާ ނޭނގޭ ރިއަލް އެސްޓޭޓް މަޝްރޫއަކަށްޓަކައި މުޅި ގައުމު ރިސްކަކަށް ވައްޓާލަންވީ ކީއްވެގެން ހެއްޔެވެ؟
ގައުމުގެ މުސްތަގުބަލު ނިންމާނީ އެންމެ ބޭފުޅަކުތޯ ނުވަތަ ރައްޔިތުންތޯ؟
މި މައްސަލައިގައި އުފެދޭ އެންމެ ބޮޑު ޑިމޮކްރެޓިކް ސުވާލަކީ ރައްޔިތުންގެ ބައިވެރިވުމުގެ ސުވާލެވެ. ރާއްޖޭގެ ބިމަކީ ވަކި ވެރިއެއްގެ ނުވަތަ ވަކި ސަރުކާރެއްގެ އަމިއްލަ މިލްކެއް ނޫނެވެ؛ އެއީ ޖީލުތަކަކަށް ވާރުތަވަމުން އަންނަ ދިވެހި ރައްޔިތުންގެ ހައްގެކެވެ. 99 އަހަރުގެ ދިގު މުއްދަތަކަށް ބޭރުގެ ކުންފުންޏަކަށް ރާއްޖޭގެ ބޮޑު ބިމެއް ދޫކޮށްލައި، ގައުމުގެ އިގްތިސާދީ އަދި އިޖުތިމާއީ ސިފަ ބަދަލުކޮށްލާ ފަދަ ބޮޑު ނިންމުމެއް، ރައްޔިތުންގެ ޚިޔާލާއި ރުހުން ހޯދުމަކާ ނުލައި، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ (ސަރުކާރުގެ) ނިންމެވުމަކަށް ކުރިއަށް ގެންދިއުމަކީ އިންސާފެއް ހެއްޔެވެ؟
ގައުމުގެ މުސްތަގުބަލާ ގުޅިފައިވާ މިފަދަ ބޮޑެތި ކަންކަމުގައި، ދެފުށް ފެންނަ ގޮތަށް އެއްބަސްވުމުގެ ތަފްސީލުތައް ރައްޔިތުންނަށް ހާމަކޮށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް (ރެފަރެންޑަމެއް) ނެގުމަށް ގޮވާލާ އަޑުތައް ގަދަވަމުންދަނީ މި ސަބަބަށްޓަކައެވެ. ފައިސާއަކީ ހުރިހާ އެއްޗެއް ނޫންކަމާއި، ދިވެހިންގެ މިނިވަންކަމާއި، އަމާންކަމާއި، ގުދުރަތީ ވެށި ހިމާޔަތްކުރުމަކީ ކޮންމެ އިގްތިސާދީ ހިސާބަކަށްވުރެ މާ އަގުހުރި އެއްޗެއްކަން މިއަދު ދިވެހިން ދަނީ ހަނދާންކޮށްދެމުންނެވެ.
