News Featured

ރަސްމާލެ ދޫކޮށްލަން ހެދި އެގްރިމެންޓް ހާމަކުރުމަށް ގޮވާލާ މަޖިލީހަށް މައްސަލައެއް

Advertisement
ރަސްމާލެ ދޫކޮށްލަން ހެދި އެގްރިމެންޓް ހާމަކުރުމަށް ގޮވާލާ މަޖިލީހަށް މައްސަލައެއް
ފޮޓޯ: މަޖިލީހުގެ އިދާރާ
ތަފްޞީލް

އީގަލްސް ހިލްސްއަށް ރަސްމާލެ ދޫކޮށްލަން ހެދި އެގްރިމެންޓު ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ. 

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއީލް ހުށަހެޅުއްވި މި މައްސަލައިގައި ވަނީ ރަސްމާލެ ދޫކޮށްލަން ސެޕްޓެމްބަރު 21 ގައި ހެދި އެގްރިމެންޓާމެދު ވަރަށް ގިނަ ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ. އެގޮތުން އޭނާ ފާހަގަ ކުރި މައްސަލަތަކުގެ ތެރޭގައި؛


އެއްބަސްވުން ހާމަނުކުރުމާއި، ދައުލަތަށް ގެއްލުންލިބި ކޮރަޕްސަނަށް މަގުފަހިވުމާއި، ރައްޔިތުންގެ ފައިސާއިން ބިންހިއްކުމަށްފަހު ދިޔަ ޚަރަދު ހާމަނުކުރުމާއި، އަދި ކުރެވުނު ޚަރަދު ވެސް ނުލިބޭގޮތަށް އީގަލްހިލްސަށް ބިންދޫކޮށްލުމާއި، އެބިމުން ދޫކޮށްލާ 500 ހެކްޓަރުގެ ބިން 99 އަހަރަށް އެކުއިޒިޝަން ކޮސްޓެއް ނުވަތަ ބިމު ކުއްޔަށް ނުނަގާ ގޮތަށް ދޫކޮށްލުމާއި ތިން ވަނަ ފަރާތަކަށް ކުއްޔަށް ދީގެން (ރޯލިން އިންޓްރެސްޓް  އުފެއްދުމުގެ ހައްގު ) އީގަލްސް ހިލްސަށް އޮތުން ހިމެނެއެވެ.


މީގެ އިތުރުން ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭރުގެ ބަޔަކަށް ދޫނުކޮށްލެވޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށް ވެސް މީކާއީލް ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ. އަދި ރަސްމާލެ ދޫނުކޮށްލަން ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާތީ އެކަން ވެސް މީކާއީލްގެ މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.


ރަސްމާލެ އީގަލްސް ހިލްއަށް ދޫކޮށްލަން ސަރުކާރުން އެއްބަސްވީ 99 އަހަރަށެވެ. މިގޮތުން ރަސްމާލެއިން އެޕާޓްމަންޓެއް ގަންނަ ބިދޭސީ މީހާއަށް ލިބޭ 99 އަހަރުގެ ލީސް މުއްދަތުގައި އެތަން ވިއްކާލައިފި ނަމަ ނުވަތަ ހިބައިން ދީފި ނަމަ އަނެއްކާވެސް އިތުރު 99 އަހަރުގެ އާ ލީސް މުއްދަތެއް އަނެއްކާވެސް ފެށޭނެ އެވެ.


ރަސްމާލެ ދޫކޮށްލަން ސަރުކާރުން އެއްބަސްވީ އެކުއިޒިޝަން ފީއެއް އަދި ބިމު ކުއްޔެއް ވެސް ނުނަގާ ގޮތަށެވެ. ސަރުކާރަށް ލިބޭ ހަމައެކަނި އެއްޗަކީ ރަސްމާލޭގައި އަޅާ ކޮމާޝަލް ޕްރޮޕަޓީސް ވިއްކައިގެން ލިބޭ ރެވެނިއުގެ 10 ޕަސެންޓާއި އެޕާޓްމަންޓުތައް ވިއްކައިގެން ލިބޭ ރެވެނިއުގެ ހަތަރު ޕަސެންޓެވެ. 


ވަޒީރު މުއްތަލިބު ވިދާޅުވީ ރަސްމާލޭގައި އަޅާ އިމާރާތްތައް ވިއްކައިގެން ދައުލަތަށް ތިން ބިލިއަން ޑޮލަރު ނުވަތަ 46 ބިލިއަން ރުފިޔާ 10 އަހަރު ތެރޭގައި ލިބޭނެ ކަމަށެވެ. އެއީ މިދިޔަ އަހަރު ބަޖެޓަށްވުރެ ވެސް ކުޑަ އަދަދެކެވެ. 



Share this article: Facebook Twitter WhatsApp
Related Articles