ރަޝިއާއަށް ފައިސާ ފޮނުވުމާއި ބަލައިގަތުން ހުއްޓާލި ކަމަށް ދެކެވޭ ވާހަކަތައް ބީއެމްއެލްއިން ދޮގުކޮށްފި
ރަޝިއާއަށް ފައިސާ ފޮނުވުމާއި އެ ގައުމުން ފައިސާ ބަލައިގަތުމުގެ މުއާމަލާތްތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުއްޓާލާފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަދި ސްޕޯކްސްޕާސަން މުހައްމަދު ސައީދު ސޯޝަލް މީޑިއާ (އެކްސް) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަޝިއާއާ އެކު ކުރެވޭ ފައިސާގެ މުއާމަލާތްތަކަށް ބީއެމްއެލްއިން އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. އަދި މިފަދަ ކަމަކާ ގުޅޭގޮތުން އެ ބޭންކުން އެއްވެސް މީޑިއާއަކަށް ބަޔާނެއް ނުވަތަ މައުލޫމާތެއް ހިއްސާކޮށްފައި ނުވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރަޝިއާއަށް ފައިސާ ފޮނުވުމަށާއި އެ ގައުމުން ފައިސާ ބަލައިގަތުމަށް ބޭންކް އޮފް މޯލްޑިވްސް އިން އެއްވެސް ބަދަލެއް ގެނެސްފައި ނުވާއިރު، އެފަދަ މުއާމަލާތްތައް ހުއްޓާލައިފި ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެކެވެ. އަދި މިކަމާ ގުޅޭގޮތުން ބޭންކުގެ ފަރާތުން މީޑިއާއަކަށް އެއްވެސް ބަޔާނެއް ނުވަތަ މައުލޫމާތެއް ވެސް ހިއްސާކޮށްފައެއް ނުވެއެވެ. ބޭންކް އޮފް މޯލްޑިވްސް އިން ރަޝިޔާއިން ފޮނުވާ ނުވަތަ އެ ގައުމާ ގުޅުންހުރި ފައިސާގެ މުއާމަލާތްތައް ހުއްޓުވުމަށް ވަކި ހާއްސަ ސިޔާސަތެއް ކަނޑައަޅާފައެއް ނުވެއެވެ. އެހެން ބޭންކުތަކެކޭ އެއްފަދައިން، ބޭރު ފައިސާގެ މުއާމަލާތްތައް، ހާއްސަކޮށް އެމެރިކާ ޑޮލަރުގެ މުއާމަލާތްތައް ނިންމުމުގައި ބީއެމްއެލްއިން ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށެވެ. މި ބޭންކުތަކުން އަމަލުކުރަނީ އެ ފަރާތްތަކުގެ އަމިއްލަ ފިޔަވަޅުތަކާއި ކޮމްޕްލަޔަންސް ސިޔާސަތުތަކަށެވެ. މީގެ ތެރޭގައި މުއާމަލާތްތަކުގައި ބައިވެރިވާ ފަރާތްތަކާއި، އެ މުއާމަލާތްތަކުން ހަގީގީ މަންފާ ލިބޭ ފަރާތްތައް ބަލައި ސްކްރީންކުރުން ހިމެނެއެވެ. މިފަދަ ސިޔާސަތުތަކުގެ ތެރެއަށް ފެތޭ މުއާމަލާތްތައް ކޮރެސްޕޮންޑެންޓް ބޭންކުތަކުން ބަލައިނުގަތުމަކީ ނުވަތަ އަނބުރާ ފޮނުވާލުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ނިންމުންތައް ނިންމުމުގެ ފުރިހަމަ އިހުތިޔާރު އޮންނަނީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށެވެ. އަދި ބީއެމްއެލްއިން އެ ނިންމުންތަކަށް އަމަލުކުރަން ޖެހެއެވެ. މިފަދަ ހަގީގަތާ ޚިލާފު ޚަބަރުތަކުން ރާއްޖޭގެ ޓޫރިޒަމަށާއި އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރުން އެކަށީގެންވާކަމަށް ބޭންކުން ދެކެމެވެ.
— Mohamed Saeed (@BMLSpokesperson) November 9, 2026
ސައީދު އިތުރަށް ވިދާޅުވީ، ރަޝިއާއިން ފޮނުވާ ފައިސާ ނުވަތަ އެ ގައުމާ ގުޅުންހުރި މާލީ މުއާމަލާތްތައް ހުއްޓުވުމަށް ބީއެމްއެލްއިން ވަކި ޚާއްސަ އުސޫލެއް ނުވަތަ ސިޔާސަތެއް ކަނޑައަޅާފައި ނުވާ ކަމަށެވެ. އެހެން ބޭންކުތަކެކޭވެސް އެއްފަދައިން، ބޭރު ފައިސާގެ މުއާމަލާތްތައް—ޚާއްސަކޮށް އެމެރިކާ ޑޮލަރުން ކުރެވޭ މުއާމަލާތްތައް—ނިންމުމުގައި ބީއެމްއެލްއިން ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށެވެ.
ކޮރެސްޕޮންޑެންޓް ބޭންކުތަކުން އަމަލުކުރަނީ އެ ފަރާތްތަކުގެ އަމިއްލަ ކޮމްޕްލަޔަންސް ސިޔާސަތުތަކާއި ފިޔަވަޅުތަކަށް ކަމަށްވާއިރު، މީގެ ތެރޭގައި މުއާމަލާތްތަކުގައި ބައިވެރިވާ ފަރާތްތަކާއި އޭގެ ހަގީގީ މަންފާ ލިބޭ ފަރާތްތައް (އުލްޓިމޭޓް ބެނެފިޝަރީސް) ސްކްރީންކުރުން ހިމެނެއެވެ. އެ ސިޔާސަތުތަކުގެ ތެރެއަށް ނުފެތޭ މުއާމަލާތްތައް ބަލައިނުގަތުމާއި އަނބުރާ ފޮނުވާލުމުގެ ފުރިހަމަ އިޚުތިޔާރު އޮންނަނީ އެ ބޭންކުތަކަށް ކަމަށްވާތީ، ބީއެމްއެލްއިން ޖެހެނީ އެ ނިންމުންތަކަށް އަމަލުކުރަން ކަމަށް ސައީދު ވިދާޅުވިއެވެ.
މިފަދަ ހަގީގަތާ ޚިލާފު ޚަބަރުތައް ފެތުރުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި މުޅި އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމުގެ ކަންބޮޑުވުން ބީއެމްއެލްއިން ވަނީ ފާޅުކޮށްފައެވެ.
