ރައީސް މުއިއްޒުގެ ނަންފުޅު ފާހަގަނުކުރައްވައި، ޕީއެންސީގެ އަސާސްތައް އިސްކޮށް ވައުދުތައް ފުއްދުން އަވަސްކުރުމަށް ޣައްސާން އިލްތިމާސްކުރައްވައިފި
ޕީއެންސީގެ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅު ފާހަގަނުކުރައްވައި، ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގެ މަސައްކަތް ހަލުވިކުރުމަށާއި ޕާޓީގެ އަސާސްތައް އިސްކުރުމަށް ޕީއެންސީގެ ލީޑަރޝިޕަށް ކުރީގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އިލްތިމާސް ކުރައްވައިފި އެވެ.
ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ޕީއެންސީގެ އިސް ބޭފުޅުންނާއި ވަޒީރުން ރައީސް މުއިއްޒުގެ ލީޑަރޝިޕަށް ތައުރީފު ކުރައްވައި މެސެޖުތައް ފޮނުއްވަމުން ގެންދަވާ ދަނޑިވަޅެއްގައި، ޣައްސާން އިއްޔެ ކުރެއްވި ޕޯސްޓެއްގައި ތަހުނިޔާ ވިދާޅުވެފައި ވަނީ ވަކި ބޭފުޅެއްގެ ނަން ފާހަގަނުކުރައްވައި "ޕީއެންސީގެ ސަރުކާރަށް" ނިސްބަތްކުރައްވަ އެވެ.
ޕީ.އެން.ސީ. ގެ ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ތަހުނިޔާ ދަންނަވަމެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕާޓީގެ ފަރާތުން ކުރި ކެންޕެއިނުގައި ރައްޔިތުންނާ ގާތުން މަސައްކަތްކުރި އެކެއްގެ ހައިސިއްޔަތުން، އެ ދުވަހު ރައްޔިތުން މި ފިކުރަށް ކުރެއްވި އިތުބާރަށާއި ދެއްވި ވޯޓަށް މިއަދު ވެސް ޝުކުރުދަންނަވަމެވެ. މި ވަގުތަކީ އެ ދުވަސް ހަނދާނަށް ގެންނަންވީ ވަގުތެވެ. އެ ދުވަހު ރާއްޖޭގެ އުތުރުން ދެކުނަށް، އިރުން ހުޅަނގަށް، އެންމެހައި ރައްޔިތުންނަށް ވީ ވަޢުދުތައް، ރަނުންރަނަށް ފުއްދުމުގެ މަސައްކަތް ހަލުވި ކުރަންވީ ވަގުތެވެ. ޕާޓީގެ ޤައުމީވަންތަ އަސާސްތަކާއި ވަޢުދު ފުއްދުމުގެ ފަލްސަފާ އަދިވެސް އިސްކުރައްވައި، ދިވެހި ލޮބުވެތި ރައްޔިތުންގެ މެދުގައި މި ފިކުރަށް އޮންނަ އިތުބާރު ދަމަހައްޓަވައިދެއްވުމަށް ޕާޓީގެ ލީޑަރޝިޕަށް އިލްތިމާސްކުރަމެވެ.
— Mohamed Ghassan Maumoon (@mgmaumoon) November 17, 2026
ޣައްސާންގެ އެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވި އެކެއްގެ ހައިސިއްޔަތުން، އެ ދުވަހު ރައްޔިތުން "މި ފިކުރަށް" ކުރެއްވި އިތުބާރަށާއި ދެއްވި ވޯޓަށް މިއަދު ވެސް ޝުކުރު ދަންނަވާ ކަމަށެވެ.
ސަރުކާރުގެ ވައުދުތައް ފުއްދުމާ މެދު އާންމުންގެ މެދުގައި ސުވާލުތަކާއި ފާޑުކިޔުންތައް އަމާޒުވެފައިވާ މި ދަނޑިވަޅުގައި، ޣައްސާން ވަނީ ކެމްޕޭން ދުވަސްވަރު ވީ ވައުދުތައް ހަނދާންކޮށްދެއްވައި އެ މަސައްކަތްތައް އަވަސްކުރުމަށް ބާރުއަޅުއްވާފަ އެވެ. އެގޮތުން، މި ވަގުތަކީ އެ ދުވަސް ހަނދާނަށް ގެންނަންވީ ވަގުތު ކަމަށާއި، ރާއްޖޭގެ އުތުރުން ދެކުނަށް، އިރުން ހުޅަނގަށް އެންމެހައި ރައްޔިތުންނަށް ވީ ވައުދުތައް ރަނުންރަނަށް ފުއްދުމުގެ މަސައްކަތް ހަލުވި ކުރަންވީ ވަގުތު ކަމަށް ޣައްސާން ލިޔުއްވާފައިވެ އެވެ.
މީގެ އިތުރުން، ޕާޓީގެ މިސްރާބާއި އުސޫލުތަކާ މެދު ކަންބޮޑުވުން އޮތްކަން ދޭހަވާ ފަދަ މޭރުމަކުން ޣައްސާން ވަނީ ޕާޓީގެ ލީޑަރޝިޕަށް އިލްތިމާސެއް ވެސް ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ޕާޓީގެ ގައުމީވަންތަ އަސާސްތަކާއި ވައުދު ފުއްދުމުގެ ފަލްސަފާ އަދިވެސް އިސްކުރައްވައި، ދިވެހި ރައްޔިތުންގެ މެދުގައި މި ފިކުރަށް އޮންނަ އިތުބާރު ދަމަހައްޓަވައިދެއްވުމަށް ޕާޓީގެ ލީޑަރޝިޕަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހު ރައީސް މުއިއްޒުގެ އެންގެވުމަށް ގިނަ އަދަދެއްގެ މިނިސްޓަރުން އެއް ފަހަރާ އިސްތިއުފާ ދެއްވި ދަނޑިވަޅުގައި ޣައްސާން ވެސް ވަނީ ޑިފެންސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވާފަ އެވެ. އެއަށް ފަހު ސަރުކާރު އަދި ޕީއެންސީގެ ހަރަކާތްތަކުން ޣައްސާން ފެނިގެން ގޮސްފައެއް ނުވެ އެވެ.
