ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތާ ސްޓެލްކޯއިން ހަވާލުވެއްޖެ.
ފެނަކަ ކޯޕަރޭޝަނުން އަތޮޅުތެރޭގައި ދެމުންދިޔަ ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތްތައް ސަރުކާރުން ސްޓެލްކޯގެ ދަށަށް ބަދަލުކުރުމާ ގުޅިގެން އެޚިދުމަތްތަކާ ސްޓެލްކޯއިން ހަވާލުވުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.
ފެނަކަ އިން ދެމުން އައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް، ސްޓެލްކޯގެ ދަށަށް ބަދަލު ކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ނިންމެވުމެކެވެ.
އެ ބަދަލާ ގުޅިގެން އެންމެ ފަހު ރަށެއްގެ ގޮތުގައި ސްޓެލްކޯ އިން ހަވާލުވީ ލ. ފޮނަދޫއާ އެވެ.
އެކަން ފާހަގަކުރަން، ފޮނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ގައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ކުންފުނީގެ ސައުތު ރީޖަނަލް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝަރުނީޒެވެ.
މި ރަސްމިއްޔާތުގައި އަޒުވަރު ވިދާޅުވީ ރަށްތަކުގެ ޔުޓިލިޓީ ހިދުމަތްތަކާ އެ ކުންފުނިން ހަވާލުވުމުން ރައްޔިތުން މި ހިދުމަތްތަކާ މެދު ކުރާ އުންމީދު ބޮޑުވެފައިވާ ކަމަށެވެ.
ބާކީ ހުރި އަތޮޅުތަކުގެ 127 ރަށެއްގެ ޔުޓިލިޓީ ހިދުމަތްތައް ރަސްމީކޮށް ސްޓެލްކޯގެ ދަށަށް ވަނީ މިހާރު ބަދަލުކޮށް ނިމިފައެވެ.
މިއީ ރައީސް މުއިއްޒުގެ ހަރުދަނާ ވިސްނުންފުޅާއި ދުރުވިސްނޭ ސިޔާސަތުތަކުގެ ތެރެއިން ނިންމަވާފައިވާ ވަރަށް މުހިންމު އަދި ބޭނުންތެރި ނިންމެވުމެއްކަން ފާހަގަކުރައްވައި އެމަނިކުފާނަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އަޒުވަރު މިހެން ވިދަޅުވިނަމަވެސް ކަރަންޓްގެ އިތުރުން ބޯފެނާއި ނަރުދަމާގެ ޚިދުމަތަކީ މީގެކުރިން ސްޓެލްކޯގެ މޭންޑޭޓްގައި ހިމެނޭ ކަމެއް ނޫނެވެ. އެއީ އެމްޑަބްލިޔޫއެސްއޭއިން ދެމުންގެންދާ އެކުންފުނީގެ ތަޖުރިބާހުރި ޚިދުމަތެކެވެ. އެހެންކަމުން ފެނާއި ނަރުދަމާ ޚިދުމަތް ސްޓެލްކޯއިން ދިނުމުގައި ދަތިތަކެއް ނުވެ ނުދާނެކަން ފާހަގަ ކުރެވެއެވެ.
ސްޓެލްކޯއިން ބުނީ އެ ރަށްތަކުގެ ހިންގުން ހަރުދަނާކޮށް، ސްޓެލްކޯގެ މިންގަނޑުތަކަށް ހިދުމަތްތައް ފެއްތުމަށްޓަކައި ކުންފުނީގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެސް، އަތޮޅުތަކުގެ އިންޖީނުގެތައް ހިންގާ ބެލެހެއްޓޭނެ އެންމެ އެކަށީގެންވާ އޮނިގަނޑެއް އެކުލަވާލާ ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ.
މީގެ ކުރިން ސްޓެލްކޯއިން ހިދުމަތް ދެމުން ގެންދިޔައީ މާލެ ސަރަހައްދުގެ އިތުރުން ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅާއި ވ. އަތޮޅުގަ އެވެ. ފެނަކަ އުވާލަން ސަރުކާރުން ނިންމުމުގެ ކުރިން ބ. އަތޮޅު، ޅ. އަތޮޅު އަދި މ. އަތޮޅުގެ ރަށްތަކުގެ ހިދުމަތްތައް ވެސް ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ.