Ad #8We build digital futuresWebsites · Mobile apps · E-commerce · Digital marketing
  • Websites that convert
  • iOS & Android apps
  • E-commerce stores
  • SEO & digital marketing
☎ 777 3818Talk to us →
News Featured

ރާއްޖޭގައި ތިންވަނައަށް އެންމެ ގިނައިން މީހުން މަރުވަނީ ހަކުރުބަލީގައި؛ ފަރުވާ ހޯދާ މީހުންގެ އަދަދު 7،300 އިން މައްޗަށް

ރާއްޖޭގައި ތިންވަނައަށް އެންމެ ގިނައިން މީހުން މަރުވަނީ ހަކުރުބަލީގައި؛ ފަރުވާ ހޯދާ މީހުންގެ އަދަދު 7،300 އިން މައްޗަށް
ތަފްޞީލް

ދިވެހިރާއްޖޭގައި ތިންވަނައަށް އެންމެ ގިނައިން މީހުން މަރުވާން މެދުވެރިވާ ސަބަބަކީ ހަކުރުބަލި (ޑައިބީޓީސް) ކަމަށާއި، މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 7،300 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ހެލްތު މިނިސްޓްރީންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.


ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނުގައިވާ ގޮތުން، މިއަހަރުގެ ޝިއާރަކީ "ހަކުރުބަލިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އަޅަމާ" އެވެ.


ރާއްޖޭގެ ތަފާސްހިސާބުތައް ދައްކާ ގޮތް

ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތަކެވެ. އެގޮތުން ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 85 އިންސައްތަ މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންނެވެ. އޭގެ ތެރެއިން ތިންވަނައަށް އެންމެ ގިނަ މީހުން މަރުވަނީ ހަކުރުބަލީގަ އެވެ.


ހޮސްޕިޓަލްތަކުން އެއްކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 30 އޮކްޓޯބަރު 2026 ގެ ނިޔަލަށް ރާއްޖޭގައި:

  • ޓައިޕް 2 ޑައިބެޓީސްއަށް: 7،000 މީހުން ދަނީ ފަރުވާ ހޯދަމުންނެވެ.
  • ޓައިޕް 1 ޑައިބެޓީސްއަށް: 300 މީހުން ދަނީ ފަރުވާ ހޯދަމުންނެވެ.
Photo: IGMH
  • މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ދިއުމުން (ޖެސްޓޭޝަނަލް ޑައިބެޓީސް): އަހަރަކު ގާތްގަނޑަކަށް 250 މީހުން ފަރުވާ ހޯދަ އެވެ.


ހަކުރުބަލި ޖެހޭ ގޮތާއި، ރާއްޖޭގައި މި ބަލި މިހާ އާންމުވެފައިވާ ސަބަބުތައް

ހަކުރުބައްޔަކީ ލޭގައި ހަކުރު ހުންނަންވާ މިންވަރަށް ވުރެ އިތުރުވުމުން ދިމާވާ ސިއްހީ މައްސަލައެކެވެ. މީގެ މައިގަނޑު ދެ ވައްތަރެއް ހުރެ އެވެ. ޓައިޕް 1 ޑައިބެޓީސް ޖެހެނީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ ވަރަށް ނުއުފެއްދުމުންނެވެ. އަދި ޓައިޕް 2 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން އުފެއްދި ނަމަވެސް، އެކި ސަބަބުތަކާ ހުރެ ހަށިގަނޑަށް އެ އިންސިއުލިން އެންމެ އެދެވޭ ގޮތުގައި ބޭނުން ނުކުރެވުމުން ޖެހޭ ބައްޔެކެވެ.


ރާއްޖޭގައި މި ބަލި މިހާ ބޮޑަށް އާންމުވެފައިވަނީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ނޭދެވޭ ބަދަލުތަކުގެ ސަބަބުންނެވެ. ޚާއްޞަކޮށް:

  • ކަސްރަތު މަދުވުމާއި ބަރުދަން އިތުރުވުން: ހެލިފެލިވެ އުޅުން މަދުވުމާއި، ޓެކްނޮލޮޖީއާއެކު އެއްތަނެއްގައި އިށީނދެ ތިބޭ ވަގުތު ގިނަވުމުގެ ސަބަބުން ހަށިގަނޑު ފަލަވެ، ބައްޔަށް މަގުފަހިވެ އެވެ.
  • ކެއިންބުއިމުގެ އާދަތައް: ހަކުރު ގިނަ ބުއިންތަކާއި، ތެލާއި ފޮނި ކާނާ އަދި ޕްރޮސެސްކޮށްފައިވާ ކާނާ ބޭނުންކުރާ މިންވަރު އިތުރުވުމަކީ މައިގަނޑު ސަބަބެކެވެ.
  • ދުންފަތުގެ އިސްތިއުމާލުކުރުން: ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުމަކީ ބައްޔަށް މަގުފަހިވާ ކަމެކެވެ. ރާއްޖޭގައި ހެދި 'ސްޓެޕް ސާރވޭ' އިން ދައްކާ ގޮތުގައި ފިރިހެނުންގެ 35.6 އިންސައްތަ އަދި އަންހެނުންގެ 7.6 އިންސައްތަ މީހުން ދުންފަތުގެ އިސްތިއުމާލު ކުރެ އެވެ. ކަންބޮޑުވާންޖެހޭ ކަމަކީ، ބައެއް ކުދިން އުމުރުން އެންމެ 8 އަހަރުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާފައިވާކަން އެ ސާރވޭއިން ހާމަވުމެވެ.
  • އާއިލީ ތާރީޚު: އާއިލާގެ މެންބަރެއްގެ ކިބައިގައި ހަކުރުބަލި ހުރުމަކީ ވެސް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ.


ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން

ދިރިއުޅުމުގެ ވައްޓަފާޅިއަށް ދުރާލާ ސަމާލުކަން ދީގެން ޓައިޕް 2 ޑައިބެޓީސްއިން ރައްކާތެރިވެވިދާނެ އެވެ. އެގޮތުން ކުރެވިދާނެ މުހިންމު ކަންކަމަކީ:

  1. މިންހެޔޮ ކާނާ ބޭނުންކުރުން: ފޮނި އެއްޗެއްސާއި ހަކުރު އެކުލެވޭ ބުއިންތައް މަދުކޮށް، ތަރުކާރީއާއި މޭވާ ގިނައިން ކެއުމުގައި ހިމެނުން. އަދި ކާ ވަގުތުތަކާއި ކާ މިންވަރަށް ސަމާލުކަން ދިނުން.
  2. ކަސްރަތުކުރުން އާދަކުރުން: ދުވާލަކު މަދުވެގެން 30 މިނެޓު ހިނގުން ނުވަތަ ކޮންމެވެސް ކަހަލަ ކަސްރަތެއް ކޮށް، ހެލިފެލިވެ އުޅުން.
  3. ބަރުދަން ހިފެހެއްޓުން: އިސްކޮޅާ އެކަށީގެންވާ މިންވަރެއްގައި ހަށިގަނޑުގެ ބަރުދަން ބެހެއްޓުން.
  4. ދުންފަތާ ދުރުވުން: ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމާއި، ދުންފަތުގެ ދުން ހުންނަ ތަންތަނާ ދުރުހެލިވުން.
  1. ދުރާލާ ޓެސްޓުކުރުން: ބަލީގެ އަލާމާތެއް ފެނުނަސް އަދި ނުފެނުނަސް، ޚާއްޞަކޮށް އާއިލާގައި ބަލި ހުންނަ ނަމަ ގަވާއިދުން ލޭގެ ހަކުރު ޓެސްޓުކޮށް ބަލީގެ ހާލަތު ދެނެގަތުން.


ބަލި ހުންނަ މީހުން އަމަލުކުރަންވީ ގޮތް

ހަކުރުބަލި ޖެހިފައިވާ މީހުން ބަލި ކޮންޓްރޯލްކޮށް، ބަލީގެ ސަބަބުން ދިމާވާ އިތުރު ނުރައްކާތަކުން (ލޮލަށް ގެއްލުންވުން، ކިޑްނީ ބަލި، ހިތުގެ ބަލި ފަދަ ކަންކަމުން) ސަލާމަތްވުމަށް ތިރީގައިވާ ކަންކަމަށް ސަމާލުވާން ޖެހެ އެވެ:

  • ގަވާއިދުން ޑޮކްޓަރަށް ދެއްކުން: ޑޮކްޓަރު ދެއްވާ އިރުޝާދާ އެއްގޮތަށް ބޭސް ބޭނުންކުރުމާއި، ގަވާއިދުން ފޮލޯއަޕް ޓެސްޓުތައް ހެދުން.
  • ލޭގެ ހަކުރު މޮނިޓަރކުރުން: ގޭގައި ވެސް ލޭގެ ހަކުރު ހުންނަ މިންވަރު ގަވާއިދުން ޗެކްކޮށް، ހަކުރު މާ ބޮޑަށް މައްޗަށް ދާނަމަ ނުވަތަ ދަށްވާނަމަ ޑޮކްޓަރުގެ ލަފާ ހޯދުން.
  • ކެއިންބުއިމާއި ކަސްރަތު: ޑޮކްޓަރު ނުވަތަ ޑައިޓީޝަނެއްގެ ލަފާގެ މަތިން ކެއުމުގެ ޕްލޭނެއް ގެންގުޅުމާއި، ގަވާއިދުން ކަސްރަތުކުރުން.
  • ފައިތިލައަށް ސަމާލުވުން: ހަކުރުބަލި ހުންނަ މީހުންގެ ފައިގައި ފާރުގަނޑެއް އުފެދިއްޖެނަމަ ފަސޭހަވުން ލަސްވާނެތީ، ކޮންމެ ދުވަހަކު ފައިތިލަ ބަލައި ސާފުތާހިރުކޮށް ބެހެއްޓުން.


ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ހަރަކާތްތައް

ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް އެކުލަވާލާފައިވާ "ނެޝަނަލް މަލްޓިސެކްޓޯރަލް އެކްޝަން ޕްލޭން 2023-2031" ގެ ދަށުން، މި ބައްޔަށް ސްކްރީން ކުރުމާއި ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތްތައް ފުޅާކުރުމުގެ ސަބަބުން ބަލި ދުރާލާ ދެނެގަތުމަށް އިތުރު މަގުފަހިވެގެންދާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.


މިއަހަރުގެ ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅުވައިގެން ޚާއްޞަ ހަރަކާތްތަކެއް ވެސް ވަނީ ރޭވިފަ އެވެ. އޭގެ ތެރޭގައި:

  • 'ޑައިބެޓީސް މެނޭޖްމަންޓް ޕްރޮޓޮކޯލް' ތަޢާރަފުކުރުން.
  • އެޗްޕީއޭ އާއި މޯލްޑިވްސް ޑައިބެޓީސް ސޮސައިޓީ ގުޅިގެން މުޅި ރާއްޖޭގައި "މޯލްޑިވްސް ސްވިމްސް ފޯ ޑައިބެޓީސް" ގެ ނަމުގައި ފެތުމުގެ ހާއްސަ ހަރަކާތެއް ބޭއްވުން.
  • "އާލީ އެކްޝަން އޮން ޑައިބެޓީސް" ގެ ނަމުގައި ފޯރަމެއް ބޭއްވުން.
  • ނޭޝަނަލް ޑައިބެޓީސް ސެންޓަރާ ގުޅިގެން ރ. އަތޮޅުގައި ސްކްރީނިންގ އަދި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުން ހިމެނެ އެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all