ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހުން ހައްޔަރުކޮށްފި
ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ސްމަގަލްކޮށް އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ދެ މީހުން ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތީގެ ބަރުދަނުގައި 1.5 ކިލޯ ހިމެނޭ 142 ބްލެޓާއެކު މިމަހުގެ 25 ވަނަ ދުވަހު މި މައްސަލައާ ގުޅިގެން ނޭޕާލު ނިސްބަތްވާ 47 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ އަންހެނަކާ ވަނީ ހައްޔަރު ކޮށްފައެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ މީހުން ރާއްޖެއައި އިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެންނެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އެ މީހުން ފުލުހުންނާ ހަވާލުކުރުމުން ޑްރަގް އެންފޯސްމަންޓުން އެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހު 25 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
