ރ. އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ ތިން މީހަކު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަތުލައިގެންފި
ރާއްޖޭގެ އުތުރުގެ އަތޮޅެއް ކަމަށްވާ ރ. އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ޓްރެފިކްކުރާ ނެޓްވޯކަކަށް ނިސްބަތްވާ ކަމަށް ތުހުމަތުކުރެވޭ ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ؛
- ޠަލްޙަތު ނަސީމް، 40އ. (މާކުރަތު، މާލާ)
- އަޙްމަދު ޝާފިޢު، 23އ. (ފަލަކް)
- އިސްމާޢީލް ރަޝީދު، 46އ. (ބަނބުކެޔޮގަސްދޮށުގެ)
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ތިން މީހުން އަތުލައިގެންފައިވަނީ އާދީއްތަ ދުވަހު މާކުރަތު ޕޮލިސް ސްޓޭޝަނާއި، އުނގޫފާރު ޕޮލިސް ސްޓޭޝަން އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ޑިންގީއެއްގައި ރ. މާކުރަތަށް އައިސް އެ ރަށު ބަނދަރު ސަރަޙައްދުގައި ތިއްބައެވެ.
މި އޮޕަރޭޝަނުގެ ތެރެއިން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސް ޕެކެޓަކާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ދެ ފިލްމު ހުސްކުރި ދަޅު ވަނީ ފެނިފައެވެ. ފުލުހުން ބުނި ގޮތުގައި މި ތަކެތީގެ ވަގުތީ ބަރުދަނުގައި 104 ގްރާމް ހުއްޓެވެ.
މި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޠަލްޙަތު ނަސީމް 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އަޙްމަދު ޝާފިޢު އާއި އިސްމާޢީލް ރަޝީދުގެ ބަންދަށް ކޯޓުން ދީފައިވަނީ 4 ދުވަހުގެ މުއްދަތެކެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
