Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
News Featured

ޕޮލިސް ސްޓޭޝަންތައް ގާއިމުކުރެވުނު ރަށްރަށުގައި ކުށްކުރުން ބޮޑުތަނުން މަދުވެއްޖެ: ހޯމް މިނިސްޓަރު

ޕޮލިސް ސްޓޭޝަންތައް ގާއިމުކުރެވުނު ރަށްރަށުގައި ކުށްކުރުން ބޮޑުތަނުން މަދުވެއްޖެ: ހޯމް މިނިސްޓަރު
Photo: Police
ތަފްޞީލް

އަލަށް ޕޮލިސް ސްޓޭޝަންތައް ހުޅުވައި، ފުލުހުންގެ ޚިދުމަތް ގާއިމުކުރެވުނު ރަށްރަށުގެ މާހައުލަށް ހެޔޮ ބަދަލުތަކެއް އައިސް، ކުށްކުރުން މަދުވެފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.


މިނިސްޓަރު މިފަދައިން ވިދާޅުވީ ނ. މާފަރުގައި އަލަށް ގާއިމުކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިހުސާން ވިދާޅުވީ، މީގެ ކުރިން ޕޮލިސް ސްޓޭޝަންތައް ހުޅުވި ރަށްރަށުން ފެންނަމުންދަނީ ވަރަށް ފުރިހަމަ ނަމޫނާއެއް ކަމަށާއި، އެ ރަށްރަށުގެ ކުށުގެ ވެށި ބަދަލުވެ ކުށްކުރުން މަދުވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.


ޚާއްސަގޮތެއްގައި އެ ސަރަހައްދުގައި ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އަމިއްލަ ސްޓޭޝަންތައް ހަދައިގެން ފުލުހުން މަސައްކަތް ފެށި ރަށްރަށުގައި އެފަދަ މައްސަލަތަކަށް ވަރަށް ބޮޑު ހެޔޮ އަސަރެއްކޮށް، ކުށްތައް ވަރަށް ބޮޑުތަނުން މަދުވެފައިވާ ކަމަށެވެ. އެހެންކަމުން، މާފަރުގައި ތިއްބަވާ ފުލުހުން ވެސް ހަމަ އެ ރޫހުގައި މަސައްކަތް ކޮށްދެއްވުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.


ރައްޔިތުންނާ ވީހާވެސް ގާތުން ގުޅިގެން، އެންމެ އެދެވޭ ގޮތެއްގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވެސް މިނިސްޓަރު ވަނީ ފުލުހުންނަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި މުޖުތަމައުގައި އޮންނަންޖެހޭ އަމާންކަމާއި ހަމަޖެހުން އެންމެ ފުރިހަމައަށް ގާއިމުކުރެވޭނީ ރައްޔިތުން ވެސް ފުލުހުންނާ ގުޅިގެން އެއްބާރުލުން ދީގެން މަސައްކަތް ކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.


މީގެ އިތުރުން، ފުލުހުންނަށް ބޭނުންވާ މައުލޫމާތު ރައްޔިތުންގެ ފަރާތުން ގަވާއިދުން ފޯރުކޮށްދިނުމަށާއި، ފުލުހުންނަށް ދިމާވާ އެކި ކަންކަމުގައި ރައްޔިތުންގެ އެހީތެރިކަން ދިނުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ. ހަމައެއާއެކު، ރައްޔިތުން ފުލުހުންގެ ޚިދުމަތަށް އެދޭ ކޮންމެ ހާލަތެއްގައި ވީހާވެސް އަވަހަކަށް އެ ޚިދުމަތް ފޯރުކޮށްދިނުމަށް ވެސް މިނިސްޓަރު ފުލުހުންނަށް އިރުޝާދު ދެއްވި އެވެ.


ނ. މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަލީ އިހުސާންގެ އަރިހުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންގެ އިތުރުން ރީޖަން ކޮމާންޑަރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މި ރަސްމިއްޔާތުގައި ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރު އަލީ އިހުސާނާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ނަންބޯޑުގެ ފަރުދާ ކައްސަވާލައްވައިގެންނެވެ.


Topics:
Share this article: Facebook Twitter WhatsApp
Ad #9Find anything. Sell everything.Maldives' free marketplace: cars, phones, property, jobs
  • Post your ad free
  • Cars, phones & property
  • Jobs & services
  • Every island, every atoll
☎ 757 5609Post your ad free →
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all