ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް އެތެރެކުރި 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސުން އަތުލައިގެންފި
ޕޯސްޓާއި ކޫރިއާ ޚިދުމަތް ބޭނުންކޮށްގެން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި ތިން ކިލޯއަށްވުރެ ގިނަ ސިންތެޓިކް މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ތަކެތި އަތުލައިގެންފައިވަނީ ތަފާތު ދެ އޮޕަރޭޝަނެއްގައެވެ. އެގޮތުން، ފުރަތަމަ އޮޕަރޭޝަނުގައި އޮކްޓޫބަރު 31 ވަނަ ދުވަހު ކޫރިއާ ޕާރުސަލެއް ފާސްކުރިއިރު 1,030 ގްރާމްގެ ސިންތެޓިކް ކެތިނޯން ފެނިފައިވެއެވެ. އަދި ނޮވެމްބަރު 4 ވަނަ ދުވަހު ޕޯސްޓު މެދުވެރިކޮށް ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރުމުގެ ތެރޭގައި 2,123 ގްރާމްގެ ސިންތެޓިކް ކެތިނޯން ވަނީ އަތުލައިގަނެވިފައެވެ.
މި ދެ ހާދިސާގައި ޖުމްލަ 3,153 ގްރާމް (3.15 ކިލޯ) ގެ ސިންތެޓިކް މަސްތުވާތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
ކަސްޓަމްސްގެ ތަހުލީލުތަކުން މިއީ ސިންތެޓިކް ކެތިނޯންކަން ކަށަވަރުވުމާ ގުޅިގެން، މައްސަލައިގެ އިތުރު ތަހުގީގު ހިންގުމަށާއި، މި ތަކެތި ގެނެސްފައިވާ ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި އެ ތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފައެވެ.
