ޕެންޝަން ފަންޑުން ހައްޖައްދެވޭ މީހުންގެ އަދަދު ސައްވީސް ހާހަށް އަރާނެ
ޕެންޝަން ފަންޑުގެ ތެރެއިން ފަރުޟު ހައްޖަށް ޝަރުތު ހަމަވާ 24،000 އެއްހާ މީހުން ތިބިކަން ޕެންޝަން އޮފީހުން ހާމަކޮށްފިއެވެ.
ޕެންޝަން އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރު ޝަމްއާން ޝާކިރު ވިދާޅުވީ، ޕެންޝަން ސްކީމު މެދުވެރިކޮށް ފަރުޟު ހައްޖުވުމުގެ ޝަރުތުހަމަވާ 24،000 މީހުން ތިބިކަން ހިސާބުތަކުން ހާމަވާ ކަމަށެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން ރިޓަޔާމަންޓް ސޭވިން ބޭނުންކޮށްގެން މިހާތަނަށް 369 މީހުން ހައްޖަށް ގޮސްފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ޕެންޝަން ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވެނީ، ޕެންޝަން ފަންޑުގައި 336،000 ރުފިޔާ ހަމަވާނަމައެވެ. ހައްޖު ކޯޕަރޭޝަންގެ މާކެޓިން އެންޑް ޕީއާރު ހެޑް އަބްދުﷲ މުއާޒު ކިޔައިދެއްވި ގޮތުގައި، އެ ފައިސާ ހަމަނުވިޔަސް ހައްޖުގެ ޖުމުލަ އަގަށްވާ 69،965 ރުފިޔާގެ 75 ޕަސެންޓު އަމިއްލައަށް ދައްކައިގެން ހައްޖު ކިޔޫއަށް އެރޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، 65 ވުމުން ވެސް ޕެންޝަން ސްކީމުން ހައްޖަށް ދެވޭ ގޮތަށް ހެދުމަކީ ކިޔޫގައި މުސްކުޅި އާބާދީ މަދުވާނެ ކަމެކެވެ.
އުމުރުން 65 އަހަރު ހަމަވާ ފަހުން ވެސް، ރިޓަޔަމަންޓު ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ފަރުޟު ޙައްޖުވުމަށް ބޭނުންކުރެވޭނެ ގޮތަށް ޕެންޝަނާބެހޭ ގާނޫނަށް އިސްލާހު ގެނެސް، މިދިޔަ ބުރާސްފަތި ދުވަހު އަމަލުކުރަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މީގެކުރިން ވިދާޅުވެފައި ވަނީ ހައްޖަށް ދިއުމަށް ފައިސާ ދައްކައި ތިން އަހަރުވެފައިވާ 70 އަހަރުން މަތީގެ 324 މީހުން އަންނަ އަހަރު ހައްޖަށް ފޮނުވާނެ ކަމަށެވެ.
މިހާރު ނަން ނޯޓުކޮށްގެން ހައްޖަށް ދެވޭނީ 2043 ވަނަ އަހަރު ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.
