ޕެންޝަން ފަންޑުގެ އަގު 30.3 ބިލިއަން ރުފިޔާއަށް އަރައިފި؛ ތިމާވެއްޓާ ރައްޓެހި އިންވެސްޓްމަންޓްތަކަށް ޚާއްޞަ އިސްކަމެއް
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ޕެންޝަން ފަންޑުގެ ޖުމްލަ އަގު 30.3 ބިލިއަން ރުފިޔާއަށް އުފުލިފައިވާ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކޮށްފި އެވެ.
ދުސިތު ޑީ2 ފޭދޫ މޯލްޑިވްސްގައި ކުރިއަށްދިޔަ "މޯލްޑިވްސް ފައިނޭންސް ފޯރަމް" ގައި ވާހަކަދައްކަވަމުން ޕެންޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުޙައްމަދު ވިދާޅުވީ، ރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) ގައި މިހާތަނަށް 204,549 މީހުން ބައިވެރިވެފައިވާ ކަމަށެވެ. ފަންޑުގެ އަދަދު 30 ބިލިއަން ރުފިޔާ ފަހަނައަޅައި ގޮސްފައިވާއިރު، ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި އެ ފަންޑުން ރިޓަޔަމަންޓް ޕެންޝަންގެ ގޮތުގައި 16.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. މީގެ އިތުރުން، ސަރުކާރުން ދޭ އަސާސީ ޕެންޝަންގެ ގޮތުގައި ހަމަ އެ މުއްދަތުގައި 158 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން ވެސް ފާހަގަކުރެވުނެވެ.
2012 ވަނަ އަހަރުން ފެށިގެން ޕެންޝަން އޮފީހުން އިންތިޒާމުކުރާ މި ފޯރަމްގައި، މި އަހަރު އެންމެ ބޮޑަށް އަލިއަޅުވާލާފައިވަނީ ރާއްޖޭގައި "ގްރީން ފައިނޭންސް" ނުވަތަ ތިމާވެއްޓާ ރައްޓެހި މާލީ ނިޒާމު ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި، އެކަންކަމަށް ގެނެވިދާނެ އަމަލީ ޙައްލުތަކުގެ އިތުރުން، ބޭނުންކުރެވިދާނެ މާލީ ވަސީލަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށެވެ.
މި ރަސްމިއްޔާތުގައި ޔަޒްމީދު ވިދާޅުވީ، ޕެންޝަން އޮފީހުގެ އެންމެ ބޮޑު އަމާޒަކީ އިންވެސްޓްމަންޓްތައް އެއް ދާއިރާއަކަށް ބަރޯސާވުމުގެ ބަދަލުގައި އެކި ދާއިރާތަކަށް ބަހާލައި ޑައިވާސިފައިކޮށް، އެންމެ ފައިދާހުރި ގޮތެއްގައި ޕޯޓްފޯލިއޯ ބައްޓަންކުރުން ކަމަށެވެ. އަދި ތިމާވެއްޓާއި، އިޖުތިމާޢީ ކަންކަމާއި، ހިންގުމުގެ ހަރުދަނާ މިންގަނޑުތަކަށް (އީއެސްޖީ) ފެތޭ މަޝްރޫޢުތަކަށާއި، ކްލައިމެޓް ފައިނޭންސިންއަށް މަގުފަހިވާނެ އައު ފުރުޞަތުތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދު އަހަރެމެން ނިންމާ ނިންމުންތަކުން ސީދާ ކަނޑައަޅާނީ ދުރު މުސްތަޤްބަލުގައި އަހަރެމެންގެ މެމްބަރުންނާއި ޕެންޝަނަރުންގެ މާލީ ރައްކާތެރިކަން،" ޔަޒްމީދު ވިދާޅުވި އެވެ.
އަންނަން އޮތް ޖީލުތަކަށް މާލީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް އިސްކަންދޭން ޖެހޭކަން ފާހަގަކުރައްވަމުން، ކޮންމެ އިންވެސްޓްމަންޓަކީ ވެސް ހަރުދަނާ ހިންގުމުގެ ނިޒާމެއްގެ ތެރެއިން، ކުރިމަތިވެދާނެ ރިސްކްތައް ވަޒަންކުރެވިފައިވާ، އަދި މާލީ ގޮތުން ފައިދާ ލިބޭނެކަން ސާބިތުވާ އިންވެސްޓްމަންޓަކަށް ވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި މާލީ ނަފާ އެކުލެވޭ، ފަންޑަށް ދިގު މުއްދަތުގެ ފައިދާ ލިބޭނެ ފުރުޞަތުތައް ދެނެގަތުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ ކަމަށްވާ މަސްވެރިކަމާއި، ފަތުރުވެރިކަމުގެ އިތުރުން ކުދި ވިޔަފާރިތަކަށް ލިބޭ ގެއްލުންތަކަށް އަލިއަޅުއްވާލައްވަމުން ޔަޒްމީދު ވިދާޅުވީ، މިފަދަ ގެއްލުންތަކުގެ ސަބަބުން އާމްދަނީ ދަށްވެ، ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރުން (ކޮންޓްރިބިއުޝަން) މެދުކެނޑުމުގެ ބިރު އެބައޮތް ކަމަށެވެ. އެހެންކަމުން، ޕެންޝަން ފަންޑުގެ ދިގު މުއްދަތުގެ ކުރިއެރުމާއި މެންބަރުންގެ ރިޓަޔަމަންޓް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤައުމުގެ އިޤްތިޞާދު ވަރުގަދަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.