އޮޅުވާލައިގެން ގެއަކަށް ވައްދައި، ރަހީނުކޮށް ފޭރުނު މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފި
މީހަކަށް އޮޅުވާލައިގެން ގެއަކަށް ގެންގޮސް ރަހީނުކުރުމަށްފަހު، އޭނާއަށް އަނިޔާކޮށް ފޭރުނު ކަމުގެ ތުހުމަތުގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ:
- ފާރިޝް އަލީ ޝަރީފް (35 އަހަރު) / އަތަމާގެ، ށ. ޅައިމަގު
- އައުސް އަލީ ހިލްމީ (30 އަހަރު) / ގަނޑުވަރު، ސ. ހިތަދޫ
- މުހައްމަދު ނިޝާން ޖަލީލް (33 އަހަރު) / މއ. އިރާކުމާގެ
މި މީހުންގެ ބަންދު އަމުރުގެ ރިޕޯޓުގައިވާ ގޮތުން، މި ތިން މީހުން ބައިވެރިވެގެން ވަނީ މީހަކަށް އޮޅުވާލައިގެން ގެއަކަށް ވައްދައި، އޭނާއަށް ބިރުދައްކައި އަނިޔާކުރުމަށްފަހު އޭނާގެ އަތުގައި ހުރި ފައިސާއާއި ބައެއް ތަކެތި ފޭރިގެންފަ އެވެ. އަދި މި ތިން މީހުން ހައްޔަރުކުރި ކޮޓަރި ތެރެއިން، އަނިޔާ ލިބުނު މީހާގެ ފޯނާއި ގަޑި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ.
ތުހުމަތުކުރެވޭ މީހުން ކޯޓުގައި ދެއްކި ވާހަކަތައް
ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މި ތިން މީހުން ވެސް ވަނީ ކުށަށް އިންކާރުކޮށް އެކި ގޮތްގޮތަށް ވާހަކަދައްކާފަ އެވެ.
- ފާރިޝް އަލީ ޝަރީފް ކޯޓުގައި ބުނެފައިވަނީ، އެ ހާދިސާއަކީ އޭނާއަށް އެނގިގެން ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ.
- އައުސް އަލީ ހިލްމީ ބުނީ އެއްވެސް މީހަކު ގަދަކަމުން އެ ގެއަށް ގެންގޮސްފައި ނުވާނެ ކަމަށާއި، އަނިޔާ ލިބުނު ކަމަށް ބުނާ މީހާ އެތަނަށް ދިޔައީ އޭނާގެ އަމިއްލަ ރުހުމުގައި ކަމަށެވެ. އަދި ކޮޓަރިން ފެނުނު ގަޑިއަކީ އެ މީހާ އައުސްއަށް ހަދިޔާއަކަށް ދިން ގަޑިއެއް ކަމަށް ވެސް އޭނާ ވަނީ ކޯޓުގައި ވަކާލާތުކޮށްފަ އެވެ.
- މުހައްމަދު ނިޝާން ޖަލީލް ބުނެފައިވަނީ އެ މީހުން އެ ކޮޓަރިއަށް އައިއިރު އޭނާ އޮތީ ނިދާފައި ކަމަށާއި، އެތަނުގައި ހިނގި އެއްވެސް ކަމެއް އޭނާއަށް ނޭނގޭ ކަމަށެވެ. އަދި އެ އަމަލު ހިންގީ އޭނާގެ ރައްޓެހި އެހެން ބައެއް ކަމަށް ވެސް ނިޝާން ވަނީ ކޯޓުގައި ބުނެފަ އެވެ.
މި މައްސަލައިގެ ތަހުގީގަށް މި ތިން މީހުން ވެސް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.