ނަތީޖާތައް ދަށްވުމާ ގުޅިގެން މެންޗެސްޓަރ ޔުނައިޓެޑުން ކެރިކް ވަކިކޮށް، ޕޮޗެޓީނޯ ގެނައުމަށް ތައްޔާރުވެއްޖެ
ޕްރިމިއަރ ލީގުގެ މި ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑުން ދައްކަމުންދާ ދަށް ކުޅުމާ ގުޅިގެން، އެ ކްލަބުގެ ހެޑް ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކޮށްފިއެވެ. ޔުނައިޓެޑުން މިއަދު ރަސްމީކޮށް އިއުލާންކުރި މި ނިންމުމާއެކު، އައު ކޯޗަކަށް އެމެރިކާގެ ގައުމީ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމުގެ މަސައްކަތް ކްލަބުން މިހާރު ވަނީ ފައިނަލް ކުރުމާ ގާތަށް ޖެހިލާފައެވެ.
ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ކެރިކް ވަކިކުރުމުގެ ނިންމުން ފައިނަލް ކުރީ ޔުނައިޓެޑްގެ ޗީފް އެގްޒެކެޓިވް އުމަރު ބެރާޑާ އަދި ޑިރެކްޓަރ އޮފް ފުޓްބޯލް ޖޭސަން ވިލްކޮކްސް މޮނާކޯއަށް ވަޑައިގެން، ކްލަބުގެ ކޯ-އޯނަރު ސަރ ޖިމް ރެޓްކްލިފްއާއެކު ބޭއްވި ބައްދަލުވުމަކަށްފަހު ގްލޭޒާ އާއިލާވެސް ހިމެނޭ ބޯޑު ބައްދަލުވުމެއްގައެވެ. ކެރިކް މިއަދު ހެނދުނުވެސް ކެރިންގްޓަން ޓްރެއިނިންގ ސެންޓަރަށް ހާޒިރުވިއިރު، އޭނާ މަގާމުން ވަކިކުރިކަން އެންގީ ކްލަބުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.
މިދިޔަ ޖެނުއަރީ މަހު ރުބެން އަމޮރިމް ވަކިކުރުމުން ވަގުތީ ކޯޗަކަށް ހަވާލުވެ، ޔުނައިޓެޑް ލީގުގެ ތިންވަނައަށް ގެންގޮސް ޗެމްޕިއަންސް ލީގަށް ކޮލިފައިކޮށްދިނުމުން ކެރިކަށް މިދިޔަ މެއި މަހު ވަނީ 2028 ވަނަ އަހަރާ ހަމައަށް ދާއިމީ ކޮންޓްރެކްޓެއް ދީފައެވެ. ނަމަވެސް ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުމާއެކު، ކުޅުނު 10 މެޗުން ލިބުނު 8 ޕޮއިންޓާއެކު ޓީމު އޮތީ ރެލިގޭޝަން ޒޯނުގެ 18 ވަނައިގައެވެ. ލީގުގައި އެންމެ ފަހުން ކުޅުނު 8 މެޗުންވެސް ޔުނައިޓެޑަށް މޮޅެއް ލިބިފައި ނުވާއިރު، ދަނޑުމަތީގެ ނަތީޖާތަކުގެ އިތުރުން ޑްރެސިންގ ރޫމްގެ ތެރޭގައި އުފެދުނު ނުތަނަވަސްކަމާއި ކުޅުންތެރިންގެ ފަރާތުން ފެނުނު ހިތްހަމަނުޖެހުންތަކަކީވެސް ކެރިކް ވަކިކުރަން ޖެހުނު ސަބަބުތަކެއް ކަމަށް ބްރިޓިޝް ނޫސްތަކުން ރިޕޯޓްކުރެއެވެ. ކެރިކްގެ ކޮންޓްރެކްޓުގައި ހިމެނޭ ޚާއްޞަ މާއްދާއެއްގެ ދަށުން، އޭނާ ވަކިކުރުމުން ބަދަލުގެ ގޮތުގައި ދޭންޖެހޭނީ ގާތްގަނޑަކަށް 3 މިލިއަން ޕައުންޑް ކަމަށްވެއެވެ.
ސްކައި ސްޕޯޓްސް އާއި ދަ އެތުލެޓިކް ފަދަ އިތުބާރު ހުރި މަސްދަރުތަކުން ހާމަކުރާ ގޮތުގައި، ޔުނައިޓެޑުން ވަނީ ޕޮޗެޓީނޯއާއެކު އުސޫލެއްގެ ގޮތުން އެއްބަސްވުމަކަށް އައިސްފައެވެ. އެމެރިކާގެ ގައުމީ ޓީމާއެކު 2030 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް ޕޮޗެޓީނޯ ސޮއިކޮށްފައިވާ ކޮންޓްރެކްޓް އުވާލުމަށްޓަކައި އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަނަށް ރިލީޒް ކްލޯޒްގެ ގޮތުގައި ގާތްގަނޑަކަށް 7 އާއި 7.5 މިލިއަން ޕައުންޑާ ދެމެދުގެ އަދަދެއް ދައްކަން ޔުނައިޓެޑުން އޮތީ ތައްޔާރަށެވެ. ބައިނަލްއަގުވާމީ މެޗުތަކުގެ ބްރޭކަށްފަހު މި މަހުގެ 22 ވަނަ ދުވަހު ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އައު ކޯޗު ހަމަޖެއްސުމަށް ކްލަބުން ދަނީ މަސައްކަތް ކުރަމުންނެވެ.