ނަތަންޔާހޫގެ ސިއްރު ޔޫއޭއީ ދަތުރު؛ ޔޫއޭއީ ރައީސާއި މުއްހިންމު މަޝްވަރާތަކެއް
އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިއްޔެ ސިއްރު ދަތުރެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށް ގޮސް، ރައީސް ޝެއިޚް މުހައްމަދު ބިން ޒައިދު އާލް ނަހްޔާން އާއެކު ބައްދަލުކޮށްފި ކަމަށް ދެ ފަރާތުންވެސް ޔަޤީންކޮށްފިއެވެ.
ޔޫއޭއީގެ ރަސްމީ ނޫސް އެޖެންސީ WAM ބުނި ގޮތުގައި، ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް ކުރިއަށް ގެންދިޔުމާއި، ސަރަހައްދީ މައްސަލަތަކާ ގުޅޭ ކަންކަން މަޝްވަރާކޮށްފިއެވެ.
އިޒްރޭލްގެ ބޮޑުވަޒީރުގެ އޮފީހުންވެސް ބުނީ، ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ގުޅުން ވަރުގަދަ ކުރުމާއި، މިލިޓަރީ އަދި ސަލާމަތީ ޗެލެންޖުތަކާ މެދު ބަހުސްކުރުމަށް ކަމަށެވެ.
ޚަބަރު މަޞްދަރުތަކުން ބުނާ ގޮތުގައި، އީރާނާ ގުޅޭ ހާލަތުތަކާއި މިލިޓަރީ އަދި ސަލާމަތީ ކަންކަން މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ހިމެނިފައި ވެއެވެ. ޔޫއޭއީ އާއި އިޒްރޭލް ދެމެދު އީރާނާ ގުޅޭ މައްސަލަތަކުގައި އިހަށްވުރެ ވަރުގަދަ ގުޅުމެއް އޮންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މި ދަތުރަށް ބޮޑަށް ސަމާލުކަން ގެނައީ 2023 އޮކްޓޯބަރު 7 ގައި ހަމާސް އިން އިޒްރޭލަން ދިން ހަމަލާގެ ކުރިން ޝެއިޚް މުހައްމަދު ބިން ޒާޔިދު ނަތަންޔާހޫ އަށް ގުޅައި ހަމަލާއެއް ހިނގައިފާނެ ކަމަށް ބެލެވޭކަމަށް ރިޕޯޓްކޮށްފައިވަނިކޮށް، އެ ރިޕޯޓުތައް ނަތަންޔާހޫ ދޮގުކޮށް އެއީ ސިޔާސީ މަޤްޞަދު ހިފަން ފަބްރިކޭޓްކުރި ވާހަކަތަކެއް ކަމަށް ބުނެފައިވާތީއެވެ.
ތަޙުލީލްކުރާ ބައެއް ފަރާތްތަކުން ބުނަނީ، އިޒްރޭލްގެ އިންތިޚާބު ކައިރިވެފައިވަނިކޮށް ބޭއްވި މި ބައްދަލުވުމަކީ، މިލިޓަރީ ގުޅުންތަކާއި އަދި ސިޔާސީ ޚިޔާލުތަފާތުވުން ތަކާއި މެދު ވެސް މުހިންމު އިޝާރާތެއް ދޭ ކަމެއް ކަމަށެވެ.
